ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ދިމާވާ އެކި ކަހަލަ ދަތިތައް ހައްލުކޮށްދިނުމުގައި މި ސަރުކާރު ދެމިއޮންނާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް މިހެން ވިދާޅުވީ ’ރައްޔިތުންގެ އަޑު‘ ޕްރޮގްރާމްގައި ނުކުޅެދުންތެރިކަން ހުންނަ ދެމަފިރިއަކު ހުށަހެޅި ކަންބޮޑުވުންތަކަށް ޖަވާބުދެއްވަމުންނެވެ.
އެ ޕްރޮގްރާމްގައި ވާހަކަދެއްކި އަޑުއިވުމުން މަހުރޫމްވެފައިވާ ދެމަފިރިން ވަނީ، އެމީހުން ދިރިއުޅޭ އިމާރާތުގައި ނުރައްކާތެރި ހާދިސާއެއް ހިނގައިފިނަމަ އެކަން އެނގޭނެ އެކަށީގެންވާ ނިޒާމެއް ނެތުމުގެ ކަންބޮޑުވުން ރައީސްއަށް ހިއްސާކޮށްފައެވެ. އަދި އެފަދަ ކުއްލި ހާލަތްތަކުގައި އަންގައިދޭނެ ނިޒާމެއް އިމާރާތްތަކުގައި ހުރުމުގެ މުހިންމުކަން އެ ފަރާތްތަކުން ފާހަގަކުރިއެވެ. މީގެއިތުރުން އެމީހުންގެ ތިން ދަރިން ސްކޫލުގައި ތަޢުލީމު ހާސިލުކުރަމުންދާއިރު، މުދައްރިސުންނާ މުޢާމަލާތު ކުރުމުގައި ދަތިތަކާ ކުރިމަތިވާ ކަމަށްވެސް އެ ދެމަފިރިން ބުންޏެވެ.
މި ކަންކަމަށް އިޝާރާތްކުރައްވައި ރައީސް ވިދާޅުވީ، ސަރުކާރުން އަލަށް ތަރައްޤީކުރާ ފްލެޓްތަކުގައި އެމަޖެންސީ ހާލަތްތަކުގައި ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ފަސޭހައިން އެނގޭނެ ފަދަ ނިޒާމެއް ޤާއިމުކުރުމަށް މަސައްކަތް ކުރައްވާނެ ކަމަށެވެ. އަދި މިހާރު ހުރި އިމާރާތްތަކުގައިވެސް އެފަދަ މީހުންނަށް ފަސޭހަ ނިޒާމެއް ހަމަޖައްސައިދިނުމަށް ސަރުކާރުން މަސައްކަތް ކޮށްދެއްވާނެ ކަމުގެ ޔަޤީންކަން އެމަނިކުފާނު ދެއްވިއެވެ.
މީގެ އިތުރުން ތަޢުލީމީ ދާއިރާއިން ދިމާވާ ދަތިތަކަށް އަލިއަޅުއްވާލައްވަމުން ރައީސް ވިދާޅުވީ، ސްކޫލް މާހައުލުން ދިމާވާ ދަތިތައް ހައްލުކޮށް، އެކްސެސްބިލިޓީ ރަނގަޅުކުރުމަށް ސަރުކާރުން މަސައްކަތް ކުރާނެ ކަމަށެވެ.




