އައިވީއެފް މެދުވެރިކޮށް ދަރުމަވަންތަ ހޮސްޕިޓަލުގައި މިހާތަނަށް 27 ކުދިން އުފަންވެފައިވާ ކަމަށް އެ ހޮސްޕިޓަލުން ހާމަކޮށްފިއެވެ.
އެ ހޮސްޕިޓަލުގައި އައިވީއެފްގެ ޚިދުމަތް ރަސްމީކޮށް ފަށާފައިވަނީ 2024 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ ތެރޭގައެވެ.
ދަރުމަވަންތަ ހޮސްޕިޓަލުގެ ފަރޓިލިޓީ ސެންޓަރުގައި ފުރަތަމަ ފަހަރަށް ކުއްޖަކު އުފަންވެފައިވަނީ މިއަހަރުގެ ޖެނުއަރީ މަހުގެ ތެރޭގައެވެ. ވޭތުވެދިޔަ 9 މަސް ދުވަހުގެ ތެރޭގައި އެ ސެންޓަރުން ފަރުވާ ހޯދި ފަރާތްތަކުގެ ތެރެއިން 35 ފަރާތެއްގެ އައިވީއެފް ކާމިޔާބު ކުރެވިފައިވާ ކަމަށް ހޮސްޕިޓަލުން މަޢުލޫމާތުދެއެވެ. އޭގެތެރެއިން 8 ފަރާތެއްގެ ފަރުވާ މިހާރުވެސް ކުރިއަށްދާއިރު، ފަރުވާއަށްފަހު ކާމިޔާބުކަމާއެކު 27 ކުއްޖަކު ވަނީ އުފަންވެފައެވެ.
ދަރިމައިވުމުގެ މައްސަލައަށް ރާއްޖޭގައި ތިބެގެން ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖެއްސެވުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ވަޢުދުފުޅެކެވެ. މިއާއެކު އައިޖީއެމްއެޗް ގުރޫޕް ހޮސްޕިޓަލްސްގެ ދަށުން ޤާއިމުކުރެވުނު މި ސެންޓަރުން ފަރުވާ ހޯދައިގެން، އަމިއްލަ ޤައުމުގައި ތިބެ ޢާއިލާއެއް ބިނާކުރުމުގެ އުފާ މިހާތަނަށް 27 ޢާއިލާއަކަށް ވަނީ ލިބިގެން ގޮސްފައެވެ.
ދަރިމައިވުމުގެ މައްސަލަތަކަކީ ރާއްޖޭގައި އިތުރުވަމުންދާ މައްސަލައަކަށްވާއިރު، މީގެކުރިން އައިވީއެފް އަދި އައިޔޫއައި ފަދަ ފަރުވާތައް ރާއްޖެއިން ބޭރުން ހޯދުމަކީ ޢާއިލާތަކުން އުފުލަންޖެހުނު މާލީ އަދި ނަފްސާނީ ބޮޑު ތަކުލީފެކެވެ. އެހެންކަމުން ރާއްޖޭގައި މި ޚިދުމަތް ފުޅާވެގެން ދިޔުމަކީ އެފަދަ ޢާއިލާތަކަށް ކުރިމަތިވާ މާލީ އަދި ނަފްސާނީ ބުރަ ކުޑަކުރުމަށް އެޅިގެންދިޔަ މުހިންމު ފިޔަވަޅެކެވެ.
މީގެއިތުރުން، ދަރިމައިވުމަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ އިތުރުން، ކެންސަރު ބައްޔަށް ފަރުވާ ހޯދަމުންދާ ބައެއް ފަރާތްތަކަށް، ފަރުވާއަށްފަހު ދަރިމައިވެވޭނެ މަގުފަހިކޮށްދިނުމުގެ ގޮތުން ފަރޓިލިޓީ ޕްރިޒަވޭޝަންގެ ޚިދުމަތްވެސް އެ ސެންޓަރުން ވަނީ ފޯރުކޮށްދީފައެވެ.
ސިއްޙީ ދާއިރާއިން ރާއްޖެއިން ބޮޑެތި ކުރިއެރުންތަކެއް ހޯދަމުންދާއިރު، ދަރިމައިވުމުގެ ޚިދުމަތްތައް ފުޅާވުމަކީ ޤައުމީ ފެންވަރުގައި ފާހަގަކޮށްލެވޭ ބޮޑު ކާމިޔާބީއެކެވެ. ސަރުކާރުން މިހާރު މަސައްކަތް ކުރަމުންދަނީ މި ޚިދުމަތް އަތޮޅުތަކަށްވެސް ފުޅާކުރުމަށެވެ.




