ހޭދަކުރުމުގައި މެދުމިންވުމަކީ މުދަލުގައި މާތް ﷲ ބަރަކާތްލައްވައި އެ މުދާ ރައްކާތެރިކުރައްވާނޭ ސަބަބެއް ކަމަށާއި، އިސްރާފުކުރުމަކީ އަތްމަތި ދަތިވެ ފުން އަނދަވަޅަކަށް އިންސާނާ ވެއްޓޭ ކަމެއް ކަމަށް މިއަދުގެ ހުކުރު ހުތުބާގައި ބުނެފިއެވެ.
”މާލީ މުޢާމަލާތުތަކުގައި ތެދުވެރިވުން“ މި މައުޟޫޢަށް މިއަދު އިއްވި ހުތުބާގައި ބަޔާންކުރި ގޮތުގައި، މާތް ﷲ އިންސާނުންނަށް ދެއްވި މަތިވެރި ނިޢުމަތްތަކުގެ ތެރޭގައި މުދަލުގެ ނިޢުމަތް ހިމެނެއެވެ. އަދި މުދަލަކީ އިންސާނާއާ ހަވާލުކުރެވިފައިވާ އަމާނާތެއް ކަމަށާއި، ޤިޔާމަތް ދުވަހުން އެ މުދާ ހޯދި ގޮތާއި ހޭދަކުރި ގޮތާ ބެހޭ ގޮތުން ސުވާލުކުރައްވާނެ ކަމަށް ނަބިއްޔާ ޙަދީޘްކުރައްވާފައިވާކަން ހުތުބާގައި ހަނދާންކޮށްދިނެވެ.
މުދަލުން ހޭދަކުރުމުގައި އިސްރާފުނުކުރުމާއި ދަހިވެތިނުވެ އިޤުތިޞާދުކުރުމުގެ މުހިންމުކަމަށް އަލިއަޅުވާލަމުން، މުސްތަޤުބަލަށްޓަކައި މުދާ ރައްކާކުރުމަކީ ދިމާވާ ތަފާތު ޙާލަތްތަކާއި، ބަލިމަޑުކަމާއި، އަތްމަތި ދަތިވުން ފަދަ ކަންކަމުން ރައްކާތެރިކޮށްދޭނޭ ކަމެއް ކަމުގައި ހުތުބާގައި ފާހަގަކުރިއެވެ. ހަމައެއާއެކު، ބޭނުމެއް ނެތި ނުވަތަ އަދާކުރެވޭނޭ ގޮތެއް ނެތި ދަރަނި ނެގުމުން ދުރުހެލިވުމަށާއި، ރިބާގެ އެންމެހައި މުޢާމަލާތްތަކުން ދުރުހެލިވުމަށް ވެސް ވަނީ ގޮވާލާފައެވެ.
މީގެއިތުރުން، މާލީ އެއްބަސްވުންތަކަށް އިޙުތިރާމުކުރުމާއި، އަނބިދަރިންނަށް ފޯރުކޮށްދޭންޖެހޭ ޚަރަދުބަރަދު ފުރިހަމައަށް ދިނުމަކީ ވާޖިބެއް ކަމަށާއި، ގަނެވިއްކުމާއި އެހެނިހެން މުޢާމަލާތްތަކުގައި ތެދުވެރިވުމަކީ މުއުމިނުންގެ މަތިވެރި ސިފައެއް ކަމަށް ހުތުބާގައި ބަޔާންކުރިއެވެ.
ހުތުބާ ނިންމާލަމުން ވަނީ މާތްވެގެންވާ މައްކާއާއި މަދީނާގެ ޙުރުމަތް ކަނޑައި، ޙޫޘީން ދެމުންދާ އަނިޔާވެރި ލާއިންސާނީ ޢުދުވާނީ ޙަމަލާތަކާއި އިންޛާރުތައް ހަރުކަށި ޢިބާރާތުން ކުށްވެރިކޮށްފައެވެ.
އަދި އެ ދެ ރަށަކީ ޤިޔާމަތާހަމައަށް މާތް ﷲޙުރުމަތްތެރިކުރައްވައިފައިވާ މުޤައްދަސު ދެ ރަށް ކަމަށާއި އެއިން ތަނަކަށް ޙަމަލާއެއްދިނުމަކީ މުސްލިމުންގެ ހިތްތައް ހިތާމައިން ކުދިކުދިވެދާވަރުގެ ކަމެއްކަމަށް ހުތުބާގައި ބުންޏެވެ.



