ކީރިތި ޤުރުއާން ކިޔެވުމުގެ 38 ވަނަ ޤައުމީ މުބާރާތުގެ ކިޔެވުންތައް ކާމިޔާބުކަމާއެކު ނިންމާލައިފިއެވެ.
މި މުބާރާތުގެ ފައިނަލް ބުރުގެ ކިޔެވުންތައް ކުރިއަށްގެންގޮސްފައިވަނީ މިދިޔަ ބުދަދުވަހާއި ބުރާސްފަތި ދުވަހު ކިންގް ސަލްމާން މިސްކިތުގައެވެ.
މިއަހަރުގެ ޤައުމީ ޤުރުއާން މުބާރާތަކީ މުބާރާތުގެ އޮނިގަނޑަށް މުހިންމު ބޮޑެތި ބަދަލުތަކެއް ގެނައުމަށްފަހު ބޭއްވި ފުރަތަމަ މުބާރާތެވެ. އެގޮތުން އެހެން އަހަރުތަކާ ޚިލާފަށް އޮޑިޝަން ބުރުތަކެއް ކުރިއަށްގެންގޮސްފައިވާއިރު، މާލޭގެ އިތުރުން ރާއްޖޭގެ 21 ރަށެއްގައި އޮޑިޝަންތައް ބާއްވާފައިވެއެވެ.
މި މުބާރާތުގެ އޮޑިޝަން ބުރުގައި 3,050 ކުދިން ބައިވެރިވި އިރު، އޭގެ ތެރެއިން އޮޑިޝަންގައި ކިޔަވާފައިވަނީ 2,742 ކުދިންނެވެ. އަދި ސެމީ ފައިނަލަށް 379 ދަރިވަރުން ދަތުރުކުރިއިރު، ފައިނަލް ބުރަށް 140 ދަރިވަރުން ހޮވުނު ނަމަވެސް ފައިނަލުގައި ވާދަކޮށްފައިވަނީ 138 ދަރިވަރުންކަމަށް ކީރިތި ޤުރުއާނާބެހޭ ޤައުމީ މަރުކަޒުން ވިދާޅުވެއެވެ.
ކީރިތި ޤުރުއާން ކިޔެވުމުގެ ޤައުމީ މުބާރާތުގެ ގަވާއިދަށް އަލަށް ގެނައި ބަދަލާއެކު، މުބާރާތުގެ ސެމީ ފައިނަލް ބުރާއި ފައިނަލް ބުރުގެ ތިން ބައިގެ ކިޔެވުމަށް އިންސާފު ކުރުމަށް ކަނޑައަޅާފައިވާ ފަނޑިޔާރުންގެ ދެ ޕެނަލްގައިވެސް ބައިނަލްއަޤުވާމީ ފެންވަރުގެ ފަނޑިޔާރަކު ހިމަނާފައިވެއެވެ.
މި މުބާރާތުގެ ފައިނަލްގައި ވާދަކުރި ބައިވެރިންގެ ތެރެއިން ކޮންމެ އުމުރުފުރާއަކުންވެސް ބަލައިގެން އަދި ނުބަލައި ކިޔެވުމުގެ ބައިން 1 ވަނަ، 2 ވަނަ އަދި 3 ވަނަ ބައިވެރިޔާ ހޮވުމަށް ވަނީ ހަމަޖެހިފައެވެ. މީގެއިތުރުން މުޅި މުބާރާތުން ބަލައިގެން އަދި ނުބަލައި ކިޔެވުމުގެ ބައިންނާއި ޙާފިޡުންގެ ބައިން 1 ވަނަ، 2 ވަނަ އަދި 3 ވަނަ ހޮވާއިރު، މުޅި މުބާރާތުން މި ތިން ބައިން 1 ވަނަ ހޯދާ ބައިވެރިންނަށް ރައީސުލްޖުމްހޫރިއްޔާގެ ޚާއްޞަ އިނާމު ދިނުމަށް ވަނީ ކަނޑައެޅިފައެވެ.
ކީރިތި ޤުރުއާން ކިޔެވުމުގެ ޤައުމީ މުބާރާތަކީ ދިވެހިރާއްޖޭގައި ބާއްވާ އެންމެ ޝަރަފްވެރި އަދި އެންމެ އަގުބޮޑު އިނާމުތައް ދެވޭ މުބާރާތަށް ހެއްދެވުމަށާއި، މި މުބާރާތަށް ސީދާ ދަޢުލަތުގެ ބަޖެޓުން ޚަރަދު ކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ ނިންމަވާފައެވެ.
މިގޮތުން މުބާރާތުގެ އިނާމުތައް ބޮޑުކޮށްފައިވާއިރު، މައިގަނޑު 3 ބައިންވެސް 1 ވަނަ އަށް ދާ ދަރިވަރުންނަށް ރައީސުލްޖުމްހޫރިއްޔާގެ ޚާއްސަ ސްކޮލަރޝިޕެއް ލިބިގެންދާނެއެވެ.




