ސަރުކާރު ހިންގާ ޕާޓީ، ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ މަޤާމުތަކަށް އިންތިޚާބުވެވަޑައިގެންފައިވާ މެންބަރުންނާއި ޕާޓީގެ އަސާސީ ގަވާއިދުގެ ދަށުން ލީޑަރޝިޕަށް އައްޔަން ކުރައްވާފައިވާ ބޭފުޅުން މަޤާމުގެ އިގްރާރުވެވަޑައިގެންފިއެވެ.
މި ބޭފުޅުން އިގްރާރުވެފައިވަނީ ޕީއެންސީގެ ކޮންގްރެސްގެ ތެރެއިން ބޭއްވި ޚާއްސަ ސެޝަނެއްގައެވެ.
މި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ އެ ޕާޓީގެ ރައީސް އަދި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުއެވެ. މި ރަސްމިއްޔާތުގައި ޕީއެންސީގެ ލީޑަރޝިޕްގައި ހިމެނިވަޑައިގަންނަވާ ބޭފުޅުންނާއި، މިނިސްޓަރުންނާއި މިނިސްޓަރުންގެ ފެންވަރުގައި ތިއްބަވާ ބޭފުޅުންގެ ތެރެއިން ލީޑަރޝިޕަށް އައްޔަން ކުރައްވާ ބޭފުޅުންނާއި، ކުންފުނިތަކުގެ އެމްޑީންނާއި ސީއީއޯއިންގެ ތެރެއިން އައްޔަން ކުރައްވާ ބޭފުޅުންގެ އިތުރުން މަތީ މަޖިލީހަށް އިންތިޚާބުވި މެންބަރުން ވަނީ ހުވާ ކުރައްވާފައެވެ.
ޕީއެންސީގެ ލީޑަރޝިޕްގައި ހިމެނިވަޑައިގަންނަވާ އިސް ބޭފުޅުންގެ ތެރޭގައި ޕާޓީގެ ޗެއަރޕާސަންގެ މަޤާމުގައި ހުންނެވި ރައްޔިތުންގެ މަޖިލީހުގެ ރައީސް ޢަބްދުއްރަހީމް ޢަބްދުﷲ އާއި، ނައިބު ރައީސުންގެ ގޮތުގައި ހިމެނިވަޑައިގަންނަވާ ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަޠީފް އަދި ރައްޔިތުންގެ މަޖިލީހުގެ ޕީއެންސީ ޕީޖީ ގްރޫޕް ލީޑަރު އިބްރާހިމް ފަލާހު ހިމެނިވަޑައިގަންނަވައެވެ. މީގެ އިތުރުން ޕާޓީގެ ސެކްރެޓަރީ ޖެނެރަލް މޫސާ ފަތުހީ އާދަމް، ޑެޕިއުޓީ ސެކްރެޓަރީ ޖެނެރަލް މުހައްމަދު ލަމްއާން އަދި ހަޒާންދާރު ހުސައިން ފަހުމީ ވެސް ވަނީ އިގްރާރުވެވަޑައިގެންފައެވެ.
ޕާޓީއަށް އިންތިޚާބުވި 6 ނައިބު ރައީސުންގެ ގޮތުގައި ހުވާކުރެއްވީ ވަޒީރު ޢަބްދުﷲ ރާފިޢު، ވަޒީރު އަޙްމަދު ޝިޔާމް، ރައްޔިތުންގެ މަޖިލީހުގެ މެންބަރު ފާތިމަތު ސައުދާ، ރައްޔިތުންގެ މަޖިލީހުގެ މެންބަރު އިބްރާހިމް ޝުޖާއު، ވަޒީރު މުހައްމަދު ސަޢީދު އަދި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ތަރުޖަމާނު މުހައްމަދު ހުސައިން ޝަރީފެވެ.
ވަޒީރުންނާއި ވަޒީރުންގެ ފެންވަރުގެ ބޭފުޅުންގެ ތެރެއިން ޕާޓީގެ ރައީސް އައްޔަން ކުރެއްވި 7 މެންބަރުންނަކީ ޗީފް އޮފް ސްޓާފް ޢަބްދުﷲ ފަޔާޒް، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ މިނިސްޓަރު ޢަބްދުﷲ ނާސިރު، ވަޒީރު މުހައްމަދު އަމީން، ވަޒީރު ގީލާ އަލީ، ވަޒީރު ޑރ. ޢަބްދުﷲ މުއްތަލިބު، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ މިނިސްޓަރު މުޙައްމަދު ތަލާލް އަދި ދިވެހިރާއްޖޭން ޤަތަރަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު އާދަމް ޝަރީފެވެ. މީގެއިތުރުން ކުންފުނިތަކުގެ އެމްޑީންނާއި ސީއީއޯގެ ތެރެއިން އައްޔަން ކުރެއްވި އަބްދުއްރައްޒާގް ހަލީމް، އަލީ ޒުހައިރު އަދި ހަމްދާން ޝަކީލް ވެސް ވަނީ މަޤާމުގެ އިގްރާރުވެވަޑައިގެންފައެވެ.
މި ބޭފުޅުންގެ އިތުރުން، ޕީއެންސީގެ މަތީ މަޖިލީހަށް އިންތިޚާބުކޮށްފައިވާ މެންބަރުންނާއި، އަންހެނުންގެ ރޫޙާއި ޒުވާނުންގެ ރޫހުގެ އިސް ބޭފުޅުންގެ އިތުރުން ޕާޓީގެ ސްޓިއަރިން ކޮމިޓީތަކާއި ދާއިރާތަކުގެ އެކި މަޤާމުތަކަށް އިންތިޚާބުވެވަޑައިގެންނެވި ބޭފުޅުން ވަނީ މި ސެޝަންގައި މަޤާމުގެ އިޤުރާރުވެވަޑައިގެންފައެވެ.




