ޕީޕަލްސް ނެޝަނަލް ފްރޮންޓް (ޕީއެންއެފް) ގެ މެންބަރުންނަށް ނޭނގި އެ ޕާޓީން ވަކިކުރަމުންދާ ކަމަށް ކުރެވޭ ތުހުމަތުތައް އިލެކްޝަންސް ކޮމިޝަން (އީސީ) އިން މިއަދު ދޮގުކޮށްފިއެވެ.
ޕީއެންއެފްގެ މެންބަރުންނަށް ނޭނގި ޕާޓީން ވަކިކުރާ ކަމަށް ތުހުމަތުކޮށް، އެ ޕާޓީގެ ފަރާތުން މިހާރު ވަނީ ފުލުހުންގެ އިދާރާއަށް މައްސަލަ ހުށަހަޅާފައެވެ. އަދި ފުލުހުން މިހާރު ވަނީ އެ މައްސަލަ ބަލައިގެންފައެވެ.
މިކަމާއި ގުޅިގެން އީސީއިން ނެރުނު ބަޔާނެއްގައި ބުނީ، ރާއްޖޭގައި ސިޔާސީ ޕާޓީތައް އުފެދި ހިންގަން ފެށީއްސުރެ ޢާންމުންނާއި ޕާޓީތަކުން އެންމެ ބޮޑަށް ހުށަހަޅަމުންދިޔަ ޝަކުވާއަކީ ނޭނގި ޕާޓީތަކަށް ވެއްދުމާއި ވަކިކުރުމުގެ މައްސަލަ ކަމަށެވެ.
މިކަމަށް ހައްލެއް ހޯދުމަށް ގިނަ މަޝްވަރާތަކެއް ކުރެވި، އިސްލާޙީ ފިޔަވަޅުތަކެއް އަޅާފައިވާ ކަމަށް އީސީން ހާމަކުރެއެވެ.
އެގޮތުން، ޕާޓީތަކުގެ މެންބަރޝިޕް ނިޒާމުގެ ތެރެއަށް ’އީ-ފާސް’ތަޢާރަފްކުރެވުމާއެކު، އެ ނިޒާމު ވެފައިވަނީ ރައްޔިތުން ބަލައިގަންނަ އަދި ދެފުށް ފެންނަ އިތުބާރު ހުރި ނިޒާމަކަށް ކަމަށް އެ ކޮމިޝަނުން ފާހަގަކުރިއެވެ. މިހާރު ޤާއިމުކުރެވިފައިވާ ނިޒާމުގެ ދަށުން ކޮންމެ ރައްޔިތަކަށްވެސް އަމިއްލަ އިޚްތިޔާރުގައި އީ-ފާސް މެދުވެރިކޮށް ޕާޓީއަކަށް ވަނުމާއި ވަކިވުމުގެ ފުރުޞަތު އޮންނާނެ ކަމަށް އީސީން ބުނެފައިވެއެވެ.
އީސީން އިތުރަށް ބުނީ، ޕާޓީއަކަށް ވަނުމާއި ޕާޓީން ވަކިވުމަކީ ހަމައެކަނި އެ ފަރާތަކާއި އެ ޕާޓީއަކާ ދެމެދުގައި ހިނގާ މުޢާމަލާތެއް“ކަމަށެވެ. އަދި މިއީ އެއްވެސް އިތުރު ފަރާތެއްގެ ބައިވެރިވުމެއް ނެތި ފަރުދީ މިނިވަންކަމާއެކު ނިންމާ ނިންމުމެއް ކަމަށްވާއިރު، އެއްވެސް މީހަކަށް ނޭނގި ޕާޓީން ވަކިކުރުމަކީ ނުވަތަ އެހެން ޕާޓީއަކަށް ބަދަލުކުރުމަކީ އީސީއަށް ވެސް އަދި އެހެން ފަރާތަކަށް ވެސް ކުރެވޭނެ ކަމެއް ނޫން ކަމަށް ބަޔާނުގައިވެއެވެ.
ޙަޤީޤަތް އޮޅޭގޮތަށް ކޮމިޝަނަށާއި މެންބަރޝިޕް ނިޒާމަށް އޮތް އިތުބާރު ގެއްލޭގޮތަށް ޕީއެންއެފް އިން ކުރަމުންދާ ދޮގު ތުހުމަތުތައް އީސީން ވަނީ ކުށްވެރިކޮށްފައެވެ. އަދި ޙަޤީޤަތާ ޚިލާފު ވާހަކަ ނުފެތުރުމަށާއި، ޒިންމާދާރުކަމާއެކު ސިޔާސީ ޙަރަކާތްތައް ހިންގުމަށް ހުރިހާ ފަރާތްތަކަށް އީސީން ވަނީ އިލްތިމާސްކޮށްފައެވެ.




