ހިޔާ ފްލެޓެއްގެ ބެލްކަނީގައި ބަދު އަހުލާގީ އަމަލު ހިންގި ކަމުގެ ތުހުމަތުގައި ދެމީހުން ހައްޔަރުކޮށްފިއެވެ.
ފުލުހުން ބުނީ، 2026 އޯގަސްޓް 27 ވަނަ ދުވަހުގެ ވަގުތެއްގައި ހިޔާ ޓަވަރެއްގެ އެޕާޓްމަންޓެއްގެ ބެލްކަނީގައި ބަދުއަހުލާގީ އަމަލު ހިންގިކަމުގެ ތުހުމަތުގައި ކޯޓު އަމުރެއްގެ ދަށުން ދިވެހި ފިރިހެނަކާއި އަންހެނަކު މިއަދު ހައްޔަރުކޮށްފައިވާ ކަމަށެވެ.
އެއީ 36 އަހަރުގެ ދިވެހި ފިރިހެނަކާއި 25 އަހަރުގެ ދިވެހި އަންހެނެއް ކަމަށް ފުލުހުން ބުންޏެވެ.
އަދި އެމީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރު ކުރުމުން 5 ދުވަހަށް ބަންދު ކުރުމަށް އަމުރުކޮށްފައިވާ ކަމަށްވެސް ފުލުހުން ބުންޏެވެ.
ހިޔާ ފްލެޓްގެ ބެލްކަނީގައި ދުވާލުގެ ވަގުތެއްގައި މި އަމަލު ހިންގާ މަންޒަރު ފެންނަ ވީޑިއޯއެއް މީސްމީޑިއާގައި ވަނީ ދައުރުވެފައެވެ. މީސްމީޑިއާގައި އާންމުވެފައިވާ ވީޑިއޯއިން ފެންނަ ގޮތުން އެ އަމަލު ހިންގާފައި ވަނީ ދުވާލުގެ ވަގުތުގައެވެ. މީގެ ކުރިން ވެސް ހިޔާ ފްލެޓުގެ ބެލްކަނިތަކުގައި ބަދު އަހުލާގީ ހިންގުމުގެ މައްސަލަތައް ފެންމަތިވެފައި ވެއެވެ.
މި މައްސަލަ ފުލުހުން ގެންދަނީ ތަހުގީގު ކުރަމުންނެވެ.



