ވެރިކަން ކުރާ ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ 2028 ވަނަ އަހަރުގެ ރިޔާސީ ޓިކެޓް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒަށް ރަސްމީކޮށް އަރުވައިފިއެވެ.
ޕީއެންސީގެ ކޮންގްރެސް ނިންމުމަށް މިރޭ ސޯޝަލް ސެންޓަރުގައި ބޭއްވި ހާއްސަ ޖަލްސާގައި މި ޓިކެޓް ރައީސް މުއިއްޒަށް އެރުވީ އެ ޕާޓީގެ ޗެއާޕާސަން އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ އާއި ޕީއެންސީގެ ލީޑަޝިޕްގެ ބޭފުޅުންނާއި، ދާއިރާތަކުގެ ރައީސުންގެ އިތުރުން ސްޓިއަރިން ކޮމިޓީގެ މެމްބަރުންނެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒަށް 2028 ވަނަ އަހަރުގެ ޕީއެންސީގެ ރިޔާސީ ޓިކެޓު އެރުވުމަށް އެ ޕާޓީގެ ކޮންގްރެސްގައި ބައިވެރިވި މެމްބަރުންގެ އިއްތިފާގުން ވަނީ އިއްޔެ ފާސްކޮށްފައެވެ.
ޕީއެންސީއަކީ މިހާރު ރާއްޖޭގައި އޮތް އެންމެ ބޮޑު ސިޔާސީ ޕާޓީ ކަމަށްވާއިރު، އެ ޕާޓީގައި މިވަގުތު 79،000 އަށް ވުރެ ގިނަ މެމްބަރުން ތިބި ކަމަށް އެ ޕާޓީގެ އިސް ފަރާތްތަކުން ވަނީ ހާމަކުރައްވާފައެވެ. އަދި 2028 ވަނަ އަހަރު އަންނަންވާއިރަށް ޕާޓީގެ މެމްބަރުންގެ އަދަދު 100،000 އަށް އިތުރުކުރުމަށް އެ ޕާޓީން ވަނީ އަމާޒު ހިފާފައެވެ.



