މޯލްޑިވްސް އިންޓަރނެޓް ގަވަރނަންސް ފޯރަމް 2026 ރަސްމީކޮށް ފަށައިފިއެވެ.
މިއީ ވިމެން އިން ޓެކް މޯލްޑިވްސް އަދި ވިލާ ކޮލެޖް ގުޅިގެން، އިންޓަނެޓް ސޮސައިޓީ ފައުންޑޭޝަނާއި ގްލޯބަލް އިންޓަނެޓް ގަވަރނަންސް ފޯރަމް (އައިޖީއެފް) ގެ އެހީތެރިކަމާއެކު ކުރިއަށްގެންދާ ހަރަކާތެކެވެ.
މުޅި ދުވަހަށް ބަހާލައިގެން ކުރިއަށްދާ މި ފޯރަމްގައި އެކި ދާއިރާތަކުން މުހިންމު މަޝްވަރާތަކާއި، މަޢުލޫމާތު ބަދަލުކުރުމުގެ ސެޝަންތައް ކުރިއަށްދާނެއެވެ.
ފޯރަމް ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ޔޫއެންޑީޕީ މޯލްޑިވްސްގެ ޑެޕިއުޓީ ރެސިޑެންޓް ރެޕްރެޒެންޓެޓިވް ޕެކް ޗުއާން ގަން ވިދާޅުވީ، ޑިޖިޓަލް އިންފްރާސްޓްރަކްޗާއާއި ޚިދުމަތްތައް ފޯރުކޮށްދިނުމުގައި ރާއްޖެއިން ބޮޑެތި ކުރިއެރުންތަކެއް ހޯދާފައިވާ ކަމަށެވެ. ނަމަވެސް، ޑިޖިޓަލް ބަދަލުވުމުގެ ދެން އޮތް މަރުހަލާގައި ގަވާއިދުތަކާއި އޮނިގަނޑުތައް ހަރުދަނާކުރުމާއި، މުއައްސަސާތަކުގެ ގުޅުން ވަރުގަދަކުރުމުގެ އިތުރުން ރައްޔިތުންގެ ބައިވެރިވުން އިތުރުކުރަންޖެހޭ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
”އިންޓަނެޓްގެ ގުޅުން ގާއިމުކުރުމަކީ ކޮންމެހެން މުހިންމު ކަމެއް ނަމަވެސް، ހަމައެކަނި ކަނެކްޓިވިޓީން ހުރިހާ އެންމެންގެ ބައިވެރިވުން ކަށަވަރެއް ނުކުރެވޭނެ. މީހަކަށް އިންޓަނެޓް ލިބުނު ކަމުގައި ވިޔަސް، އޭގެ ފައިދާ އެންމެ ފުރިހަމައަށް ހޯދުމަށް ބޭނުންވާ ހުނަރާއި، އެކަށީގެންވާ އަގު އަދި އިތުބާރު ނެތިދާނެ. އެހެންކަމުން ޑިޖިޓަލް ބަދަލުވުން ވާންޖެހޭނީ ހަމައެކަނި އޮންލައިން ކުރުމަށްވުރެ ފުޅާ، މީހުންނަށް ބައިވެރިވެ ކުރިއަރައި ދެވޭނެ ފަދަ ނިޒާމަކަށް،“ ޕެކް ޗުއާން ގަން ވިދާޅުވިއެވެ.
މީގެއިތުރުން އަންހެނުންނާއި، ޒުވާނުންނާއި، ޚާއްޞަ އެހީއަށް ބޭނުންވާ ފަރާތްތަކާއި ރަށްރަށުގެ މުޖުތަމަޢުތަކުގެ އަޑު މިކަމުގައި އިއްވުމުގެ މުހިންމުކަން އޭނާ ފާހަގަކުރެއްވިއެވެ. އަދި އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) ފަދަ ޒަމާނީ ޓެކްނޮލޮޖީތަކުގެ ސަބަބުން ފުރުސަތުތައް ހުޅުވިގެންދާއިރު، ސައިބަރ ސެކިއުރިޓީގެ ނުރައްކާތަކާއި، އޮންލައިން ގެއްލުންތަކާއި ޒާތީ މަޢުލޫމާތު ނަހަމަ ގޮތުގައި ބޭނުންކުރުން ފަދަ ގޮންޖެހުންތަކާ ކުރިމަތިލުމަށް ސަރުކާރާއި، އަމިއްލަ ސެކްޓަރާއި، މަދަނީ ޖަމްޢިއްޔާތައް އަދި ޒުވާނުން ގުޅިގެން މަސައްކަތްކުރުމަށް ގޮވާލެއްވިއެވެ.
މި އަހަރުގެ ފޯރަމްގައި ސަރުކާރުގެ މުއައްސަސާތަކާއި، ބައިނަލްއަޤްވާމީ ޖަމާޢަތްތަކާއި، މަދަނީ ޖަމްޢިއްޔާތަކުގެ އިތުރުން ތަޢުލީމީ ދާއިރާގެ ތަޖުރިބާކާރުން ބައިވެރިވެއެވެ. މި ފޯރަމްގެ މަޝްވަރާތަކުގައި ޓެލެކޮމިއުނިކޭޝަންގެ މުސްތަޤުބަލާއި، ޑޭޓާ ރައްކާތެރިކުރުމާއި ޒާތީ މަޢުލޫމާތުގެ ސިއްރު ހިފެހެއްޓުން، އޮންލައިން ރައްކާތެރިކަން، އަދި އޭއައި ގަވަރނަންސް ހިމެނޭހެން މުހިންމު ދާއިރާތަކަށް އަލިއަޅުވާލާނެއެވެ.



