ސްޓޭޓް ބޭންކް އޮފް އިންޑިއާ (އެސްބީއައި) އިން ސަރުކާރުން ނަގާފައިވާ 150 މިލިއަން ޑޮލަރުގެ ޓްރެޜަރީ ބިލް ފެސިލިޓީގެ ތެރެއިން ބާކީ އޮތް 50 މިލިއަން ޑޮލަރު ދެއްކުމަށް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ފައިސާ ނުވަތަ ޑޮލަރުގެ ލިކުއިޑިޓީ ފޯރުކޮށްދީފައިވާ ކަމަށް ބުނެ ދެކެވޭ ވާހަކަތަކާއި، އެ ފައިސާ ދެއްކުމުގެ ސަބަބުން ބޭންކުގެ މާލީ ހާލަތަށް އަސަރުކޮށްފައިވާ ކަމަށް ބުނާ ވާހަކަތައް ބީއެމްއެލް އިން ދޮގުކޮށްފިއެވެ.
ބީއެމްއެލް އިން ހާމަކުރި ގޮތުގައި މި ފެތުރެމުންދާ ޚަބަރުތަކަކީ އެއްވެސް ހަގީގަތެއް ނެތް ދޮގު މައުލޫމާތުތަކެކެވެ. އަދި ސަރުކާރުން މި ދަރަނި އަދާކުރުމާއި ބީއެމްއެލްގެ މާލީ ހާލަތާ ނުވަތަ ބޭންކިންގް އޮޕަރޭޝަންތަކާ އެއްވެސް ގުޅުމެއް ނެތް ކަމަށް ވެސް ބޭންކުން ވަނީ ބުނެފައެވެ.
މިނިސްޓްރީ އޮފް ފައިނޭންސް އެންޑް ޕަބްލިކް އެންޓަޕްރައިސަސް އިން ކަށަވަރުކޮށްދީފައިވާ ގޮތުގައި، 17 ސެޕްޓެމްބަރު 2026 ގައި އެސްބީއައި އަށް ދެއްކި ފަހު 50 މިލިއަން ޑޮލަރަކީ ސޮވެރިން ޑިވެލޮޕްމަންޓް ފަންޑު (އެސްޑީއެފް) އިން ހަމަޖެއްސި ފައިސާއެވެ. މިއީ 2019 ވަނަ އަހަރު ސަރުކާރުން ނެގި 150 މިލިއަން ޑޮލަރުގެ ޓީ-ބިލް ފެސިލިޓީގެ ތެރެއިން މީގެ ކުރިން ދެއްކި ދެ ފިޔަވައްސަށް ފަހު، އެ ދަރަނި އެއްކޮށް ޚަލާޞްކުރުމަށް ދެއްކި ފައިސާ ކަމަށާއި، މި ފައިސާ ދެއްކުމަށް ކަސްޓަމަރުންގެ ޑިޕޮސިޓްތަކެއް ނުވަތަ ބޭންކުގެ އަމިއްލަ އެއްވެސް ވަސީލަތެއް ބޭނުންކޮށްފައި ނުވާނެ ކަމަށް ބީއެމްއެލް އިން ބުނެއެވެ.
ބީއެމްއެލް އަކީ މާލީގޮތުން ވަރުގަދަ، ކަނޑައެޅިފައިވާ ރިސްކް އެޕެޓައިޓްތަކާއި، ރެގިއުލޭޓަރީ މިންގަނޑުތަކާއި، ހަރުދަނާ ގަވަރނަންސް އަދި ރިސްކް މެނޭޖްމަންޓް އޮނިގަނޑެއްގެ ތެރެއިން ހިންގަމުންދާ ބޭންކެއް ކަމަށް އެ ބޭންކުން ފާހަގަކުރެއެވެ. އަދި ބޭންކުގެ ލިކުއިޑިޓީ، ކެޕިޓަލް އަދި މާލީ ހާލަތު ބޭންކުގެ މެނޭޖްމަންޓާއި ބޯޑުގެ ފަރާތުން މެދުނުކެނޑި މޮނިޓަރ ކުރަމުންދާ ކަމަށާއި، ސަރުކާރުން އެސްބީއައި އަށް ޓީ-ބިލްގެ ފައިސާ ދެއްކުމަކީ ބޭންކާ ވަކިން ހިނގާފައިވާ މުއާމަލާތަކަށް ވާތީ، އެކަމުގެ ސަބަބުން ބޭންކުގެ މާލީ ވަސީލަތްތަކަށް އެއްވެސް އަސަރެއް ކޮށްފައިނުވާ ކަމުގެ ޔަގީންކަން ބޭންކުން ވަނީ ދީފައެވެ.
ގައުމުގެ މާލީ ނިޒާމާ ގުޅުންހުރި ކަންކަމުގައި އާންމުން ސުވާލުކުރުމާއި ބަހުސްކުރުމަކީ މުހިންމު ކަމެއް ނަމަވެސް، ބޭންކެއްގެ މާލީ ހާލަތާ ގުޅޭގޮތުން ދެކެވޭ ވާހަކަތައް ބިނާވާންވާނީ ކަށަވަރު ކުރެވިފައިވާ ހަގީގަތްތަކުގެ މައްޗަށް ކަމަށް ބީއެމްއެލް އިން ބުނެއެވެ. ހަގީގަތާ ޚިލާފު މައުލޫމާތު തތަކުރާރުކޮށް ފެތުރުމުގެ ސަބަބުން ކަސްޓަމަރުންނާއި، ވިޔަފާރިވެރިން އަދި އިންވެސްޓަރުންގެ މެދުގައި ނުތަނަވަސްކަން އުފެދި، ބޭންކާއި މުޅި ބޭންކިންގް ދާއިރާ އަދި ރާއްޖޭގެ އިގްތިސާދަށް އޮންނަ އިތުބާރު ގެއްލިގެން ހިނގައިދާނެ ކަމަށް ވެސް ބޭންކުން ފާހަގަކުރެއެވެ.
އެހެންކަމުން، ބޭންކުގެ މާލީ ހާލަތާއި ކަސްޓަމަރުންގެ ފައިސާއާ ގުޅޭގޮތުން އެއްވެސް ވާހަކައެއް ދެއްކެވުމުގެ ނުވަތަ ޝާއިއުކުރުމުގެ ކުރިން، ދައުލަތުގެ ކަމާބެހޭ އިދާރާތަކުން އެ މައުލޫމާތެއްގެ ސައްހަކަން ކަށަވަރުކުރުމަށް ހުރިހާ ފަރާތްތަކަށް، ހާއްސަކޮށް ސިޔާސީ ބޭފުޅުންނާއި މީޑިއާތަކަށް ބީއެމްއެލް އިން ވަނީ އިލްތިމާސްކޮށްފައެވެ.
ކަސްޓަމަރުންނާއި ހިއްސާދާރުންގެ މަސްލަހަތު ހިމާޔަތްކުރުމަކީ ބީއެމްއެލްގެ އެންމެ ބޮޑު ޒިންމާ ކަމަށާއި، ބޭންކުގެ އަގުވައްޓާލުމަށް ނުވަތަ ބޭންކަށް ގެއްލުންވާ ގޮތަށް ހަގީގަތާ ޚިލާފު ޚަބަރު ފަތުރާ ފަރާތްތަކާ މެދު ގާނޫނީ ފިޔަވަޅު އެޅުމުގެ އިޚްތިޔާރު ބޭންކަށް ލިބިގެންވާ ކަމަށް ބީއެމްއެލް އިން ބުންޏެވެ.
އަދި ބީއެމްއެލް އިން އަބަދުވެސް މަސައްކަތް ކުރާނީ ހާމަކަން ބޮޑު ގޮތެއްގައި ސައްހަ މައުލޫމާތު ކަސްޓަމަރުންނާއި އާންމުންނަށް ފޯރުކޮށްދިނުމަށް ކަމަށާއި، ބީއެމްއެލް އަކީ ދިވެހި އިގްތިސާދާއި ކަސްޓަމަރުންގެ މަސްލަހަތު ހިމާޔަތްކުރުމުގައި ދެމިއޮންނާނެ ބޭންކެއް ކަމަށް ބަޔާނުގައި ވެއެވެ.




