ރަޝިޔާގެ އެންމެ ބޮޑު އަމިއްލަ އެއާލައިން ކަމަށްވާ އެސްސެވަން އެއާލައިންގެ ދަތުރުތައް ރާއްޖެއަށް ފެށުމަށް ނިންމައިފިއެވެ.
މިއީ މޮސްކޯ ފިޔަވައި ރަޝިޔާގެ އެހެން ސަރަހައްދަކުން ރާއްޖެއަށް ސީދާ ދަތުރުތައް ފަށާ ފުރަތަމަ އެއާލައިންއެވެ. މި ދަތުރުތައް ރަސްމީކޮށް ފެށުމަށް ހަމަޖެހިފައިވަނީ އަންނަ މަހުގެ 30 ވަނަ ދުވަހުއެވެ.
މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން ބުނިގޮތުގައި، އެސްސެވަން އެއާލައިނުން ދަތުރުކުރުމަށް ހަމަޖެހިފައިވަނީ ރަޝިޔާގެ ނޯވޯސިބިއެސްކްއިން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށެވެ. އެގޮތުން ކޮންމެ ހަފުތާއެއްގެ ހޯމަ އަދި ހުކުރު ދުވަހު ދަތުރުތައް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މި ދަތުރުތަކުގައި ބޭނުންކުރާނީ އެއާބަސް އޭ320 މަރުކާގެ ބޯޓުފަހަރެވެ.
މި ދަތުރުތަކާ ގުޅިގެން ރަޝިޔާގެ ޓެޒް ޓުއާއިން ވަނީ ހާއްސަ ޕެކޭޖުތަކެއް ވިއްކަން ފަށާފައެވެ. އަދި ކުރީބައިގައި ބުކިން ހައްދަވާ ފަރާތްތަކަށް އެކޮމޮޑޭޝަނުން %50 އާ ހަމައަށް ޑިސްކައުންޓް ލިބޭނެ އިންތިޒާމުވެސް ވަނީ ހަމަޖައްސާފައެވެ.
މި ދަތުރުތަކަށް މަގުފަހިވެގެން ގޮސްފައިވަނީ ޓްރާންސްޕޯޓް މިނިސްޓަރު، މުޙައްމަދު އަމީން ރަޝިއާއަށް ކުރެއްވި ދަތުރުފުޅަށްފަހުއެވެ. މީގެއިތުރުން، މިއަހަރުގެ ފަހު ކުއާޓަރުގައި އިތުރު ހަތް އެއާލައިންއަކުން ރާއްޖެއަށް ދަތުރުތައް ފަށާނެ ކަމަށްވެސް މިނިސްޓަރު ވަނީ ވިދާޅުވެފައެވެ.
ރަޝިއާއަކީ ރާއްޖެއަށް 2 ވަނަ އަށް އެންމެ ގިނަ އަދަދަކަށް ފަތުރުވެރިން ޒިޔާރަތްކުރާ ޤައުމެވެ. ތަފާސްހިސާބުތައް ދައްކާގޮތުން އަހަރުގެ މިހާތަނަށް އެޤައުމުން ރާއްޖެއަށް 222,796 ފަތުރުވެރިން ޒިޔާރަތްކޮށްފައިވާއިރު، މިއީ މި މުއްދަތުގައި ރާއްޖެއަށް ޒިޔާރަތްކުރި ޖުމްލަ ފަތުރުވެރިންގެ 14.7 އިންސައްތައެވެ.




