ރާއްޖޭގެ މަޝްހޫރު ދީނީ ޢިލްމުވެރިޔާ އަދި ޚިދުމަތްތެރި ދާޢީ ފަޟީލަތުއްޝައިޚް އަލްމަރުޙޫމް އިބްރާހީމް ފަރީދު އަޙްމަދުގެ ހަނދާނުގައި ހުޅުމާލެ ދެވަނަ ފިޔަވަހީގައި މިސްކިތެއް ބިނާކުުރުމަށް ޚިދުމަތް ޖަމްޢިއްޔާއާއެކު އެއްބަސްވުމެއް އެކުލަވާލައިފިއެވެ.
އިސްލާމިކް މިނިސްޓްރީގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ މިނިސްޓަރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދެވެ.
އިސްލާމިކް މިނިސްޓަރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވީ، މި މިސްކިތް ބިނާ ކުރައްވާނީ އިސްލާމީ ޢިލްމުގެ ލައިބްރަރީއަކާއި ޤުރުއާން ކިޔަވައިދެވޭނެ ކްލާސްރޫމްތަކާއެކު، ޝެއިޚް ފަރީދު ކުރެއްވި ދީނީ ޚިދުމަތާއި މަސައްކަތްޕުޅުތައް ދިރުވާ އާލާކުރާނެ މަރުކަޒެއްގެ ގޮތުގައި ކަމަށެވެ.
ރާއްޖޭގެ އިތުރުން ބަންގްލަދޭޝްގައިވެސް ޝައިޚް ފަރީދުގެ ހަނދާނުގައި މިސްކިތެއް ވަނީ ބިނާކޮށްފައެވެ. އެއްފަހަރާ 300 އަށްވުރެ ގިނަ މީހުންނަށް ނަމާދު ކުރެވޭނެ ޖާގައިގެ އެ މިސްކިތް ހުޅުވާފައިވަނީ މިއަހަރުގެ ފެބުރުއަރީ މަހުގެ ތެރޭގައެވެ.
ދިވެހި ރައްޔިތުން ދީނީ ކަންކަމަށް ހޭލުންތެރިކުރުމަށާއި، ވަކިން ޚާއްސަކޮށް އިސްލާމްދީނާއި ކީރިތި ރަސޫލާގެ ސުންނަތަށް މީހުން އަހުލުވެރިކުރުމަށްޓަކައި ޝައިޚް ފަރީދު ވަނީ ގިނަގުނަ ދަރުސްތަކެއް ދެއްވާފައެވެ. ޝައިޚް ފަރީދު ދަރުސްތަކާއި ހޭލުންތެރިކުރުމުގެ ހަރަކާތްތަކަކީ އެތައް ބައެއްގެ ބޮޑު ތަރުޙީބަކާއި ސަމާލުކަމެއް ލިބި، ގިނަ ބަޔަކު އެއަށް ޢަމަލުކުރި ދަރުސްތަކެކެވެ.
އުމުރުފުޅުން 53 އަހަރުގައި ފަޟީލަތުއްޝައިޚް އަލްމަރުޙޫމް އިބްރާހީމް ފަރީދު އަޙްމަދު އަވަހާރަވީ މިދިޔަ އަހަރުގެ ޖޫން މަހުގެ 9 ވަނަ ދުވަހުއެވެ. ޝައިޚް ފަރީދު އަވަހާރަވީ ދީނީ ދަޢުވަތުގެ މުހިންމު މަސައްކަތެއްގައި މެލޭޝިޔާއަށް ވަޑައިގެން ކުއަލަލަންޕޫރު އިންޓަރނޭޝަނަލް އެއަރޕޯޓުގައި ހުންނަވަނިކޮށެވެ.




