ސަޤާފަތާއި ތަރިކައިގެ ދާއިރާއިން މީހުން ބިނާކުރުމާ ގުޅޭގޮތުން ޗައިނާގެ ޝަންގްހައި ޔުނިވަރސިޓީއާއެކު ރާއްޖެއިން މަޝްވަރާކުރައްވައިފިއެވެ.
މި މަޝްވަރާތައް ކުރިއަށްދިޔައީ ފަންނާއި ސަޤާފަތާއި ތަރިކައާ ބެހޭ ވަޒީރު ހީނާ ވަލީދު މިހާރު ޗައިނާއަށް ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގެ ތެރެއިންނެވެ.
ޝަންގްހައި ޔުނިވަރސިޓީއަށް ވަޒީރު ހީނާ ކުރެއްވި މި ޒިޔާރަތުގައި ފަންނާއި ސަގާފީ ތަރިކައިގެ ރޮނގުން ގުޅިގެން މަސައްކަތް ކުރުމާ ގުޅޭ ގޮތުންނާއި، މި ދާއިރާއިން މީހުން ބިނާކުރުމަށާއި މަތީ ތަޢުލީމު ހާސިލުކުރުމުގެ ފުރުޞަތުތައް ހޯދުމާ ގުޅޭގޮތުން ފުޅާ ދާއިރާއެއްގައި ވަނީ މަޝްވަރާކުރައްވާފައެވެ.
ޝަންގްހައި މުނިސިޕަލް ޕީޕަލްސް ގަވަމަންޓްއިން 1994 ވަނަ އަހަރުން ފެށިގެން ހިންގަމުން އަންނަ މި ޔުނިވަރސިޓީއަކީ ތާރީޚާއި ސަޤާފަތާއި ތަރިކައިގެ ދާއިރާތަކުން ތަފާތު އެކަޑެމިކް ދިރާސާތައް ކުރުމާއި ތަރިކަ ދެމެހެއްޓުމުގެ ފަންނަށް މީހުން ބިނާކުރުމަށް ގިނަ ޕްރޮގްރާމްތަކެއް ހިންގަމުންދާ ތަނެކެވެ.
ތާރީޚާއި ތަރިކައިގެ ދާއިރާއިން ދިރާސާކުރުން އިތުރުކޮށް، އެކަންކަން އަންނަން އޮތް ޖީލުތަކަށް ފޯރުކޮށްދިނުމަށް ސަރުކާރުން އަންނަނީ ޚާއްސަ އިސްކަމެއް ދެއްވަމުންނެވެ. އެގޮތުން ސަރުކާރުން ތަޢާރަފުކޮށްފައިވާ ސިގްނޭޗަރ ސްކޮލަރޝިޕަކީ މި ދާއިރާއިން ދިރާސާކުރުމަށް މިހާތަނަށް ދޭ އެންމެ ބޮޑު ސްކޮލަރޝިޕް ގްރާންޓް ފުރުޞަތެވެ. މިއީ ރާއްޖޭގެ ތާރީޚާ ގުޅޭ ކަންކަން ތަފާތު ދާއިރާތަކުން ފުޅާކޮށް ދިރާސާކުރުމަށާއި، ތާރީޚު ރައްކާތެރިކޮށް ދެމެހެއްޓުމަށް ކުރެވޭ މުހިންމު މަސައްކަތެކެވެ.
މީގެ އިތުރުން، ރާއްޖޭގެ ތާރީޚީ އެކިއެކި ބިނާތައް ރައްކާތެރިކުރުމާއި، ދިވެހިރާއްޖޭގެ ހިރިގަލުގެ މިސްކިތްތައް ދުނިޔޭގެ ތަރިކައިގެ ދާއިމީ ލިސްޓުގައި ހިމެނުމަށް ކުރަމުންދާ މަސައްކަތްތަކަކީވެސް ތަރިކަ ރައްކާތެރިކުރުމުގެ މުހިންމު ބައެކެވެ.
ހަމައެއާއެކު، ރާއްޖޭގެ ތާރީޚާ ގުޅޭ މަޢުލޫމާތު ފަސޭހައިން ލިބޭނެ މަގު ފަހިކުރުމަށް ޣާޒީ ބަންޑާރައިގެ ހަނދާނުގައި ބޮޑުތިލަދުންމަތީގެ ތިން ރަށެއްގައި ހިންގާ މަޝްރޫޢުގެ ސަބަބުން، ދިވެހިންނަށާއި ފަތުރުވެރިންނަށް ތާރީޚީ އެކި ޙާދިސާތަކުގެ މަޢުލޫމާތު މުއްސަނދި ގޮތެއްގައި ފޯރުކޮށްދެވޭނެއެވެ.



