މަސްތުވާތަކެތީގެ ވިޔަފާރިކުރާކަމުގެ ތުހުމަތުގައި ގއ. ކަނޑުހުޅުދޫއިން ދެ މީހުން ހައްޔަރުކޮށްފިއެވެ.
މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ ލިންކިން ޕާރކް / ގއ. ކަނޑުހުޅުދޫ، މުޙައްމަދު މަޤުޞަދު (45އ) އާއި ފުނަމާގެ / ގއ. ކަނޑުހުޅުދޫ، ޢަބްދުއްރައްޒާޤު ޙަސަން (50އ) އެވެ.
މި ދެ މީހުން ވެސް ހައްޔަރުކޮށްފައިވަނީ މި ސެޕްޓެމްބަރު މަހުގެ 20 ވަނަ ދުވަހު ހިންގި އޮޕަރޭޝަންގައެވެ.
ފުލުހުން ބުނިގޮތުގައި، ގެމަނަފުށީ ޕޮލިހާއި ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސް ގުޅިގެން ހިންގި އެ އޮޕަރޭޝަންގައި އެ މީހުން ހައްޔަރުކޮށް، ކަނޑުހުޅުދޫ ދެ ގެއެއް ބަލައިފާސްކޮށްފައިވެއެވެ. އެ ބަލައިފާސްކުރުމުގެ ތެރެއިން މަސްތުވާތަކެތި ކަމަށް ބެލެވޭ 17 ގުރާމުގެ ތަކެތި ފެނިފައިވެއެވެ.
މި މައްސަލައާ ގުޅިގެން ހައްޔަރުކުރި މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން މުޙައްމަދު މަޤުޞަދު ފަސް ދުވަހަށް އަދި ޢަބްދުއްރައްޒާޤު ޙަސަން 10 ދުވަހަށް ބަންދުކުރުމަށްވަނީ އަމުރުކޮށްފައެވެ.
މި މައްސަލަ ފުލުހުން ގެންދަނީ ތަހުގީގުކުރަމުންނެވެ.



