މިދިޔަ ހަފްތާގެ ތެރޭގައި އިތުރު 13 މީހަކު ހިމަބިއްސަށް ޕޮސިޓިވްވެ، މިއަހަރުގެ ތެރޭގައި މިހާތަނަށް އެ ބަލި ޖެހުނު މީހުންގެ ޖުމްލަ އަދަދު 282 އަށް އަރާފައިވާ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފިއެވެ.
ރާއްޖެއިން ނައްތާލާފައިވާ ކަމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ) އިން ކަނޑައަޅާފައިވާ މި ބަލި ޖެހިފައިވާ މީހަކު މި ފަހުން ރާއްޖެއިން ފުރަތަމަ ފެނިފައިވަނީ މިއަހަރުގެ ޖޫން މަހުގެ ކުރީކޮޅުގައެވެ.
އެޗްޕީއޭއިން ބުނިގޮތުގައި، ހިމަބިހިން ރައްކާތެރިވުމަށް ކުރިއަށްގެންދާ ހާއްސަ ޕްރޮގްރާމުގެ ދަށުން މިހާތަނަށް ޖުމްލަ 16،423 މީހަކަށް ވަނީ ވެކްސިން ދީފައެވެ. އަދި ހިމަބިހީގެ ދެ ޑޯޒު ފުރިހަމަކޮށްފައިވާކަން ޔަގީންނުވާ ފަރާތްތަކުން ވެކްސިންދޭ މަރުކަޒަކަށް ގޮސް ވެކްސިން ފުރިހަމަކުރުމަށް އެ އެޖެންސީން ވަނީ އިލްތިމާސްކޮށްފައެވެ.
ބަލި ޖެހިފައިވާ މީހަކާ ކޮންޓެކްޓްވެއްޖެނަމަ، ހުޅުމާލެ ހޮސްޕިޓަލް ނުވަތަ އާބަން ޕްރައިމަރީ ހެލްތު ކެއާ ސެންޓަރ (ޔޫޕީއެޗްސީސީ) އިން ވެކްސިން ޖެހޭނެ އިންތިޒާމު ވަނީ ހަމަޖައްސައިފައެވެ.
މާލެ ސަރަހައްދުގެ ދަމަނަވެށި، ހުޅުމާލޭ ހޮސްޕިޓަލް، ސެނެހިޔާ އަދި ވިލިމާލެ ހޮސްޕިޓަލުގެ އިތުރުން އަތޮޅުތަކުގެ ސިއްހީ މަރުކަޒުތަކުން ކަނޑައެޅިފައިވާ ގަޑިތަކުގައި ވެކްސިންގެ ހިދުމަތް ލިބޭނެއެވެ.
މާލެ ސަރަހައްދުން ހިމަބިހީގެ ވެކްސިންގެ ހިދުމަތް ތަންތަން:
- އޫޕީއެޗްސީސީ، އާދިއްތަ – ބުރާސްފަތި (8:30-12:00)
- ހުޅުމާލޭ ހޮސްޕިޓަލް، އާދިއްތަ، ހޯމަ އަދި އަންގާރަ (9:00-11:00)، ބުދަ، ބުރާސްފަތި، ހޮނިހިރު (13:00-15:00)
- ސެނެހިޔާ ހޮސްޕިޓަލް، އާދިއްތަ – ބުރާސްފަތި (10:00-16:00)
- ވިލިމާލެ ހޮސްޕިޓަލް، އާދިއްތަ – ބުރާސްފަތި (13:30-15:30)
ހިމަބިހި ޖެހިފައިވާ ފަރާތްތަކާއި ގާތުން އެއްތާވި މީހުންނަށް ވެކްސިން ދޭ ތަންތަން:
- ޔޫޕީއެޗްސީސީ، އާދިއްތަ – ބުރާސްފަތި (14:00-15:30)
- ހުޅުމާލޭ ހޮސްޕިޓަލް، ހުކުރު ދުވަސް ފިޔަވާ ކޮންމެ ދުވަހަކު (9:00-11:00)
ހުން އައިސް ގައިގައި ރަތް ބިހިތަކެއް ނަގާފައިވާނަމަ ލަސްނުކޮށް ސިއްހީ އެހީތެރިކަން ހޯދުމަށް ހޮސްޕިޓަލަށް ދިއުމަށާއި، ހޮސްޕިޓަލަށް ދާއިރު މާސްކް އެޅުމަށް އެޗްޕީއޭ އިން ވަނީ އިރުޝާދު ދީފައެވެ.
އަދި ބައްޔަށް ޝައްކުކުރެވިގެން ޓެސްޓް ހަދައިފިނަމަ ނަތީޖާ ލިބެންދެން އެކަހެރިވެ ތިބުމަށާއި، ބަލީގެ އަލާމާތެއް ހުރިނަމަ މީހުން އެއްވެ އުޅޭ ތަންތަނަށް ނުދިއުމަށްވެސް އެ އެޖެންސީން އިލްތިމާސްކުރެއެވެ.



