އަމީނީ މަގު މަރާމާތުކުރުމަށް އެމްޓީސީސީއާ ހަވާލުކޮށްގެން ކުރިއަށްގެންދާ މަޝްރޫއުގެ ތެރެއިން، ފުރަތަމަ ސެގްމަންޓުގައި ތާރު އެޅުމުގެ ހުރިހާ މަސައްކަތެއް މިއަދު ހެނދުނު އެއްކޮށް ނިންމާލައިފިއެވެ.
އެމްޓީސީސީން އަމީނީ މަގުގެ ފުރަތަމަ ސެގްމަންޓުގައި ތާރު އެޅުމުގެ އަމަލީ މަސައްކަތް ފަށާފައިވަނީ މިދިޔަ ހޮނިހިރު ދުވަހުއެވެ.
އަދި އިއްޔެ ތާރުގެ ދެވަނަ ފަށަލަ އެޅުމުގެ މަސައްކަތް ފެށުމަށްފަހު، މިއަދު ހެނދުނު ވަނީ އެ މަސައްކަތް ފުރިހަމަކޮށްފަ އެވެ. އެ ކުންފުނިން ހާމަކުރި ގޮތުގައި، ތާރު އެޅުމުގެ މަސައްކަތް ނިމުމާއެކު ދެން ކުރިއަށްދާނީ މަގުގައި ކުރަހަންޖެހޭ ނިޝާންތައް ހަރުކުރުމުގެ މަސައްކަތްތަކެވެ.
އަމީނީ މަގުގެ ތާރުފަށަލަ ހަލާކުވުމާ ގުޅިގެން އެ މަގު އަލުން މަރާމާތުކުރުމުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކުރީ މިއަހަރުގެ ޖޫން މަހުގެ ތެރޭގަ އެވެ. މި މަސައްކަތް އެކި ސެގްމަންޓްތަކަށް ބަހާލައިގެން ކުރިއަށްގެންދާއިރު، މިހާރު މަސައްކަތް ނިމުނު ފުރަތަމަ ސެގްމަންޓުގައި ހިމެނެނީ އިއްޒުއްދީން މަގުން ފެށިގެން ދަރުމަވަންތަ ހޮސްޕިޓަލު ކައިރީ އޮންނަ ޕާކާ ހަމައަށެވެ.
މި ފުރަތަމަ ސެގްމަންޓުގެ މަސައްކަތް ނިމުމާއެކު، ދެން ފެށުމަށް ހަމަޖެހިފައިވަނީ ދެވަނަ ސެގްމަންޓުގެ މަސައްކަތެވެ. ދެވަނަ ސެގްމަންޓުގައި ހިމެނެނީ އިއްޒުއްދީން މަގުން ފެށިގެން ޣިޔާސުއްދީން ސްކޫލާ ހަމައަށް އޮތް ސަރަހައްދުގައި ތާރުއެޅުމެވެ.




