ތ. ހިރިލަންދޫގައި 200 ޓަނުގެ ކޯލްޑް ސްޓޯރޭޖެއް ޤާއިމުކުރުމުގެ ފިޝަރީޒް މިނިސްޓްރީން އެސްޖޭ ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑާ ޙަވާލުކޮށް، އެއްބަސްވުމުގައި ސޮއިކޮށްފިއެވެ.
ހިރިލަންދޫގައި މަސް ފިނިކޮށް ރައްކާކުރެވޭނެ ނިޒާމެއް ގާއިމުކޮށްދިނުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒުގެ ރިޔާސީ ވަޢުދުފުޅެކެވެ.
މި މަޝްރޫޢުގެ ދަށުން 200 މެޓްރިކް ޓަނުގެ ކޯލްޑް ސްޓޯރޭޖަކާއި، 10 މެޓްރިކް ޓަނުގެ ބްލާސްޓް ފްރީޒަރެއްގެ އިތުރުން 0 ޑިގްރީ ސެލްސިއަސްގެ އެންޓޭ ރޫމަކާއި މަސް ޕްރޮސެސްކުރާނެ ޚާއްޞަ ސަރަޙައްދެއް ތަރައްޤީކުރެވޭނެއެވެ. މީގެ އިތުރުން ކޮމްޕްރެސަރ ރޫމަކާއި، ކަރަންޓު ވިއުގައާއި ބެކަޕް ޖަނަރޭޓަރާއި، އަލިފާނުން ރައްކާތެރިވުމުގެ ނިޒާމާއި، އީއެލް.ވީ ނިޒާމުތައް ޤާއިމުކޮށް، އިމާރާތުގެ ބޭރުގެ އެންމެހައި މަސައްކަތްތައް ނިންމައި ސައިޓް ފުރިހަމައަށް ތަރައްޤީކުރުން މި މަސައްކަތުގެ ތެރޭގައި ހިމެނެއެވެ.
ރާއްޖޭގެ މަސްވެރިކަމުގެ ސިނާޢަތް ތަރައްޤީކޮށް މަސްވެރިންނަށް ހަމަ އަގު ހޯދައިދިނުމަށް ކުރެވޭ މަސައްކަތްތަކުގެ ތެރެއިން، ”ޕްރައިވެޓް ސެކްޓަރ އިނީޝިއޭޓިވް މޮޑެލް“ ގެ ދަށުން ހިރިލަންދޫގައި މި ކޯލްޑް ސްޓޯރޭޖް ޤާއިމުކުރުމަށް ޝައުޤުވެރިކަން ފާޅުކޮށްފައިވާ ފަރާތާއެކު ކޮމާޝަލް މަޝްވަރާތައް ކުރިއަށް ގެންދިއުމުގެ ހުއްދައަށް އެދި ހުށަހަޅާފައިވާ ކަމަށް މިނިސްޓްރީން މަޢުލޫމާތުދެއެވެ.
މި ރަށުގައި ކޯލްޑް ސްޓޯރޭޖެއް ޤާއިމުވުމަކީ ރަށުގެ އިޤްތިޞާދަށާއި މަސްވެރިންނަށް ބޮޑު މަންފާއެއް ކުރާނެ ކަމެކެވެ. މަސް ބާނާ ވަގުތުން ފެށިގެން ތާޒާކަންމަތީ ގިނަ ދުވަހު ރައްކާކުރެވޭނެ އިންތިޒާމު ހަމަޖެހުމުން، މަސް ކައްކާ ހިއްކާ ފަރާތްތަކަށް މެދުކެނޑުމެއްނެތި މަސް ލިބި، އުފެއްދުންތެރިކަން އިތުރުކުރުމަށް މަގުފަހިވާނެއެވެ.
އަދި ބާނާ މަސް އުކާލަން ނުޖެހި ރައްކާކުރެވުމަކީ މަސްވެރިންނަށް ލިބޭ އާމްދަނީ އިތުރުވެ، މަސްވެރިކަމުގެ ފުރިހަމަ ނަފާ ހޯދުމަށް އެޅިގެންދާނެ މުހިންމު ފިޔަވަޅެކެވެ.


