ރާއްޖޭގެ މިސްކިތްތަކުގައި ނަމާދުކުރާ އިމާމުންނާއި ހަތީބުންނަށް ހާއްސަކޮށް ތައްޔާރުކުރާ ހެދުމުގެ ވަގުތީ ޑިޒައިން އާންމުންނަށް ދައްކާލައިފިއެވެ.
އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ފޭސްބުކްގައި ކުރެއްވި ޕޯސްޓެއްގައި އެ ހެދުމާއި ބޮލުގައި އަޅާ ތާކިހަލުގެ ވަގުތީ ޑިޒައިން ދެއްކެވުމަށްފަހު ވަނީ އެކަމަށް އާންމުންގެ ހިޔާލަށް އެދިވަޑައިގެންފައެވެ.
މި ހެދުމާއި ތާކިހަލުން ފެންނަނީ މުޅިން ވެސް ދިވެހިވަންތަ ސިފަތަކެކެވެ.

މި ޑިޒައިންތައް ފަރުމާކޮށްފައިވަނީ އާސާރީ މިސްކިތްތަކުގެ މުންނާރާއި ހުކުރު މިސްކިތުގެ ހިރިގަލުގެ މަސައްކަތްތަކުގެ އިތުރުން ދިވެހިންގެ ހުނަރުވެރިކަން ދައްކުވައިދޭ ތުނޑުކުނަލުގެ ޑިޒައިންތަކުން ހިޔާލު ހޯދައިގެންނެވެ.
މިނިސްޓަރު ޝަހީމް ވިދާޅުވީ، މިއީ ފުރަތަމަ މަރުހަލާގައިވާ ޑިޒައިނެއް ކަމަށާއި، މިކަން ނިމިގެންދާން ބޭނުންވަނީ ވީހާވެސް ގިނަ ހިޔާލުތަކާ އެކު އުފެދޭ ނަތީޖާއެއްގެ މައްޗަށް ކަމަށެވެ.

”ފޭރާންކޮޅު ޑިޒައިން ކުރުމުގައި މި ބަލަނީ އާސާރީ މިސްކިތްތަކާއި ތާރީހުން ފެންނަން ހުރި ދިވެހިވަންތަ އިސްލާމީ ހަޟާރަތުގެ ބަހާތަކުގެ މައްޗަށް. އަޅުގަނޑުމެންގެ އަމާޒަކީ އަންނަ ރޯދަ މަހަށް ތަންފީޒުވާ ގޮތަށް މިކަން ނިންމުން،“ މިނިސްޓަރު ވިދާޅުވިއެވެ.
މީގެއިތުރުން މިނިސްޓަރު ފާހަގަކުރެއްވި ގޮތުގައި، ރާއްޖޭގެ އިމާމުންނާއި ހަތީބުންނަށް ހާއްސަ ރަސްމީ ފޭރާމެއް މީގެކުރިން ހެދިފައެއް ނެތެވެ.

އަދި މި މަސައްކަތް ކުރިއަށްގެންދަނީ ރާއްޖޭގެ ސަގާފަތާއި ތާރީހު ދެމެހެއްޓުމަށާއި، ރާއްޖޭގެ ދީނީ ސަގާފަތުގެ ތެރެއަށް ވަންނަމުންދާ ބީދޭސީ އާދަކާދަތަކުން ސަލާމަތްވުމުގެ މަގުސަދުގަ އެވެ.



