ހުޅުމާލޭގައި އަޅަން ނިންމާފައިވާ ނަފްސާނީ ބަލީގެ ޚާއްސަ ހޮސްޕިޓަލް އަޅައިދޭނެ ބަޔަކު ހޯދުމަށް ފިނޭންސް މިނިސްޓްރީން އިޢުލާންކޮށްފިއެވެ.
ރާއްޖޭގައި ނަފްސާނީ ބަލީގެ ފަރުވާގެ ނިޒާމު ހަރުދަނާކުރުމުގެ ގޮތުން ތަރައްޤީކުރާ މި ހޮސްޕިޓަލަކީ 50 އެނދުގެ ޖާގައިގެ ހޮސްޕިޓަލެކެވެ.
މި މަޝްރޫޢަށް ޝައުގުވެރިވާ ފަރާތްތަކުން ބިޑް ހުށައެޅުމުގެ ސުންގަނޑިއަކީ އަންނަ މަހުގެ 25 ވަނަ ދުވަހުގެ މެންދުރު 01:00 އެވެ. އަދި މި ޕްރޮޖެކްޓްގެ ބިޑް ސެކިއުރިޓީގެ ގޮތުގައި 864،000 ރުފިޔާ ހުށައަޅަން ޖެހޭނެ ކަމަށާއި، އިތުރު މަޢުލޫމާތު މިނިސްޓްރީގެ ބީލަން ޕޯޓަލް މެދުވެރިކޮށް ލިބެން ހުންނާނެ ކަމަށް ވަނީ ހާމަކޮށްފައެވެ.
ދަޢުލަތުގެ ބަޖެޓުން ޚަރަދުކޮށްގެން ކުރިއަށްގެންދާ މި މަޝްރޫޢުއަށް 14،000 އަކަފޫޓުގެ ބިމެއް ވަނީ ކަނޑައަޅާފައެވެ.
ރާއްޖޭގެ ތަފާސްހިސާބުތަކަށް ބަލާއިރު، މިއަހަރުގެ ފުރަތަމަ 4 މަސް ދުވަހުގެ ތެރޭގައި 10،000 އަށްވުރެ ގިނަ މީހުން ވަނީ ނަފްސާނީ ބަލިތަކާ ގުޅިގެން ފަރުވާ ހޯދާފައެވެ. މީގެ ތެރެއިން 8،000 އަށްވުރެ ގިނަ މީހުން ފަރުވާ ހޯދާފައިވަނީ މާލެ ސަރަޙައްދުންނެވެ. ކަމާބެހޭ އިދާރާތަކުން ހާމަކުރާ ގޮތުގައި މި ޚިދުމަތް ހޯދާ މީހުންގެ ބޮޑު އިންސައްތައެއް ހިއްސާކުރަނީ ޒުވާނުންނެވެ. އަދި ދުނިޔޭގެ ސިއްޙަތު ޖަމިއްޔާއިން 2022 ވަނަ އަހަރު ހެދި ދިރާސާއަކުން ދައްކާ ގޮތުގައި ރާއްޖޭގެ އާބާދީގެ %20 ނުވަތަ ކޮންމެ 5 މީހަކުން 1 މީހަކީ ނަފްސާނީ ބަލިމަޑުކަމެއްގެ އަލާމާތްތައް ތަހައްމަލުކުރަމުންދާ ފަރާތެކެވެ.
ނަފްސާނީ ބަލިތަކަށް ފަރުވާ ދިނުން ފުޅާކުރުމަށްޓަކައި، މި ދާއިރާއިން ދިވެހިން ބިނާކުރުމުގެ ޕްރޮގްރާމްތައް ސަރުކާރުން އަންނަނީ ހިންގަމުންނެވެ. އަދި އަތޮޅުތަކުގައި މި ޚިދުމަތް ލިބޭނެ މަގު ފަހިކުރުމަށް ބޭރު ޑޮކްޓަރުން ހޯދައި، ހުރިހާ އަތޮޅު ހޮސްޕިޓަލްތަކަށް ފޮނުވުމުގެ މަސައްކަތްވެސް ކުރިއަށްދެއެވެ.
މީގެ އިތުރުން، ނަފްސާނީ މައްސަލަތަކާ ގުޅިގެން އެހީތެރިކަން ފޯރުކޮށްދިނުމަށް ޒުވާނުންގެ ނަފްސާނީ ދުޅަހެޔޮކަމަށް ޚާއްސަ ހޮޓްލައިން 1456 ވަނީ މިމަހުގެ 20 ވަނަ ދުވަހު ތަޢާރަފުކޮށްފައެވެ.
އަދި ނަފްސާނީ ސިއްޙަތުގެ ބިލު މިއަހަރު މަޖިލީހަށް ހުށައެޅުމަށްވެސް ސަރުކާރުން ވަނީ ނިންމަވާފައެވެ.



