ހުޅުމާލޭ ފޭސް އެކެއްގައި ވިޔަފާރި އަދި އިޖްތިމާއީ އެކި ހަރަކާތްތަކަށް މިހާރު ބޭނުންކުރަމުން އަންނަ ރުއްގަނޑު 2 ސަރަހައްދުގައި އޮތް ހުސްބިމުގައި، މުނިފޫހިފިލުވުމަށް ހާއްސަކޮށް ޒަމާނީ ފެންވަރުގެ ބޯލިންގ އެރީނާއަކާއި ގޭމިންގ އާކޭޑެއްތަރައްގީ ކުރުމަށް ހައުސިންގ ޑިވޮލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ނިންމައިފިއެވެ.
އެޗްޑީސީއިން ބުނިގޮތުގައި، މި މަޝްރޫއުގެ މަގްސަދަކީ، ހުޅުމާލޭގައި ދިރިއުޅޭ އެކި އުމުރުފުރާގެ ފަރާތްތަކާއި، ފަތުރުވެރިންގެ މެދުގައި މަގުބޫލު މުނިފޫހިފިލުވުމުގެ ވަސީލަތްތައް ގާއިމުކުރެވިފައިވާ ތަނަކަށް ހުޅުމާލެ ހެދުމެވެ.
އެގޮތުން، މި މަޝްރޫއުގެ ދަށުން އެ ސަރަހައްދުގައި 10 ލޭނުގެ ބޯލިންގ އެލީއަކާއި، ގޭމިންގ އާކޭޑެއްގެ އިތުރުން ޕާޓީތަކާއި އިޖްތިމާއީ ހަރަކާތްތަކަށް ބޭނުންކުރެވޭނެ މަލްޓި ޕާޕަސް ހޯލެއް ގާއިމުކުރާނެއެވެ. އަދި އެއާއެކު، އެ ސަރަހައްދުގައި މަޑުކޮށްލައިގެން ކުޅިވަރު ބަލަން ތިބެވޭނެފަދަ ގޮތަކަށް އެތަން ތަރައްގީކުރާއިރު، ލޮކަރު ރޫމަކާއި، އާންމު ފާހާނާ ބަރިއެއްގެ އިތުރުން، މޫދުން އައިސް ފެންވެރޭނެ އިންތިޒާމާއި ޕާކިންގ އޭރިއާއެއްވެސް ތަރައްގީކުރުމަށް ވަނީ ހަމަޖެހިފައެވެ.

މި މަޝްރޫއު ކުރިއަށްގެންދަނީ، އެ ސަރަހައްދުގެ ތިމާވެއްޓާއި، އެ ސަރަހައްދުގެ އަތިރިމަތި އަދި އެތަނުގައި މިހާރު ހުރި ގަސްގަހާގެއްސަށާއި، މާހައުލަށް މާބޮޑު ބަދަލެއް ނުވަތަ ނޭދެވޭ އަސަރެއް ނުކުރާނެފަދަ ގޮތަކަށް ތަން ޑިޒައިން ކޮށްގެންކަން އެޗްޑީސީން ފާހަގަކުރެއެވެ.
ރުއްގަނޑު 2 ސަރަހައްދަށް މި ގެނެވޭ ބަދަލުގެ ސަބަބުން ހުޅުމާލޭގެ ރަށްވެހިންނާއި، އާއިލާތަކަށާއި، ޒުވާނުންގެ އިތުރުން އެތަނަށް ޒިޔާރާތްކުރާ ފަތުރުވެރިން އަދި ރަށްރަށުން ޒިޔާރާތްކުރާ އެންމެންނަށްވެސް ކުޅިވަރާއި މުނިފޫހިފިލުވުމުގައި ބައިވެރިވެވޭނެފަދަ އުފާވެރި އަމާން މާހައުލެއް ގާއިމުވެގެންދާނެ ކަމަށާއި އަދި މީގެ ސަބަބުން ހުޅުމާލޭގެ އިޖްތިމާއީ ގުޅުން ވަރުގަދަވެގެންދާނެ ކަމަށް އެ ކުންފުނިން ބުންޏެވެ.

އެޗްޑީސީއިން ބުނީ، ހުޅުމާލެއަކީ އެތަނުގައި ދިރިއުޅޭ ރައްޔިތުންނަށާއި، އެކި ބޭނުންތަކަށް ޒިޔާރާތްކުރާ ފަރާތްތަކަށްވެސް ހިތްފަސޭހަ، އަދި ރައްކާތެރި ވެއްޓަކަށް ހެދުމަށްޓަކައި އެ ކުންފުނިން ދަނީ މެދުކެނޑުމެއްނެތި މަސައްކަތް ކުރަމުން ކަމަށެވެ.



