ދިވެހިރާއްޖެއާއި ސައުދީ އަރަބިއްޔާއާ ދެމެދު އޮތް ގުޅުން އިޤްތިޞާދީ ދާއިރާއިން އައު ހަރުފަތަކަށް ގެނެވިފައިވާ ކަމަށް ސައުދީ އަރަބިއްޔާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ޔަހްޔާ ހަސަން އަލް ޤަހްތާނީ ވިދާޅުވެއްޖެއެވެ.
ސަފީރު މިހެން ވިދާޅުވީ ސައުދީ އަރަބިއްޔާގެ 96 ވަނަ ޤައުމީ ދުވަސް ފާހަގަކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުންނެވެ.
މި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ބައިވެރިވެވަޑައިގަތުމުން ދައްކުވައިދެނީ ދެ ޤައުމުގެ ދެމެދުގައި އޮތް ގާތް އަޚުވަންތަ ގުޅުން ކަމަށާއި، މަތީ ފަންތީގައި އޮތް ޒަމާންވީ ބަދަހި ގުޅުމަށް ދެ ޤައުމުން ދޭ އަހައްމިއްޔަތު ކަމަށް ސަފީރު ފާހަގަކުރެއްވިއެވެ. އަދި ސައުދީގެ ވަލީޢަހްދު އަދި ބޮޑުވަޒީރު މުޙައްމަދު ބިން ސަލްމާން އަލް ސަޢޫދުގެ ލީޑަރޝިޕްގެ ދަށުން ”ސައުދީ ވިޝަން 2030“ އާއެކު އެ ޤައުމުން ދެމެހެއްޓެނިވި އިޤްތިޞާދެއް ބިނާކުރަމުންދާއިރު، 2025 ވަނަ އަހަރުގެ ޖޫން މަހު ދެ ޤައުމުގެ ވެރިން ބޭއްވެވި ބައްދަލުކުރެއްވުމަކީ ގުޅުން އިތުރަށް ވަރުގަދަވެގެންދިޔަ ކަމެއްކަމަށް ވިދާޅުވިއެވެ.
ސައުދީ އަރަބިއްޔާއަކީ ރާއްޖޭގެ ތަރައްޤީގެ މުހިންމު ބައިވެރިއެއްކަން ފާހަގަކުރައްވަމުން ސަފީރު ވިދާޅުވީ، ”ސައުދީ ފަންޑް ފޯ ޑިވެލޮޕްމަންޓް“ މެދުވެރިކޮށް 1978 ވަނަ އަހަރުން ފެށިގެން ރާއްޖޭގެ ތަރައްޤީގެ މަޝްރޫޢުތަކަށް އެހީތެރިކަން ފޯރުކޮށްދެމުން އަންނަ ކަމަށެވެ. އެގޮތުން ދަތުރުފަތުރާއި، ޞިއްޙަތާއި، ބޯހިޔާވަހިކަމާއި، މަސްވެރިކަމުގެ ދާއިރާތަކަށް މިހާތަނަށް ގާތްގަނޑަކަށް 488 މިލިއަން އެމެރިކާ ޑޮލަރުގެ ފައިނޭންސް ފޯރުކޮށްދީފައިވާކަން ހާމަކުރެއްވިއެވެ.
މީގެއިތުރުން، ދާދިފަހުން ބޭއްވުނު ”މޯލްޑިވްސް-ސައުދީ އިންވެސްޓްމަންޓް ފޯރަމް“ އާއި ސައުދީ އިންވެސްޓަރުންގެ ވަފުދުން ރައީސުލްޖުމްހޫރިއްޔާއާއި ސަރުކާރުގެ އިސްވެރިންނާ ބައްދަލުކުރެއްވިކަން ފާހަގަކުރައްވައި ސަފީރު ވިދާޅުވީ، ”ފަތުރުވެރިކަމާއި، ވިޔަފާރިއާއި، އިއާދަކުރަނިވި ހަކަތައާއި، ޓެކްނޮލޮޖީއާއި، އުމްރާނީ ތަރައްޤީ އަދި ދެމެހެއްޓެނިވި ތަރައްޤީގެ ދާއިރާތަކުން ސައުދީގެ އިންވެސްޓްމަންޓްތައް އިތުރުވެ، ވިޔަފާރީގެ ބަދަހި ގުޅުންތަކެއް އުފެދިގެންދާނެ ކަމަށް އަޅުގަނޑުމެން އުންމީދުކުރަން“ ކަމަށެވެ.
ދިފާޢީ އަދި ސަލާމަތީ ދާއިރާއިންވެސް ދެ ޤައުމުގެ އެއްބާރުލުން ފާހަގަކުރައްވަމުން، ކަނޑުގެ ސަލާމަތް ކަށަވަރުކުރުމަށް އެކުލަވާލާފައިވާ ”މަލްޓިނޭޝަނަލް މެރިޓައިމް ޑިފެންސް ކޯލިޝަން“ އާއި ”އިސްލާމިކް މިލިޓަރީ ކައުންޓަރ ޓެރަރިޒަމް ކޯލިޝަން“ ގައި ރާއްޖެއިން ބައިވެރިވެ ދޭ އެއްބާރުލުން ސަފީރު ފާހަގަކުރެއްވިއެވެ.
އަދި ކުރިއަށް އޮތް ތަނުގައިވެސް ދުނިޔެއާއި މި ސަރަޙައްދުގެ ޞުލްޙައާއި އަމަންއަމާންކަމަށްޓަކައި ދެ ޤައުމު ގުޅިގެން މަސައްކަތްކުރާނެ ކަމުގެ ފުރިހަމަ ޔަޤީންކަން އެބައޮތް ކަމަށް ވިދާޅުވިއެވެ.



