ދިވެހިރާއްޖެއާއި ކްރޮއޭޝިއާއާ ދެމެދު ޕޮލިޓިކަލް ކޮންސަލްޓޭޝަންތައް ކުރިއަށްގެންދިއުމާ ގުޅޭ އެއްބަސްވުމެއްގައިލ ސޮއިކޮށްފިއެވެ.
މި އެއްބަސްވުމުގައި ދެ ޤައުމުން ސޮއިކުރީ އެމެރިކާގެ ނިއުޔޯކުގައި ކުރިއަށްދާ އދ. ގެ ޢާންމު މަޖިލީހުގެ 81 ވަނަ ސެޝަންގެ ހައިލެވެލް ހަފުތާގެ ހަވާސާގައެވެ.
މި އެއްބަސްވުމުގައި ދިވެހިރާއްޖޭގެ ފަރާތުން ސޮއިކުރެއްވީ ފޮރިން މިނިސްޓަރު އިރުތިޝާމް އާދަމެވެ. އަދި ކްރޮއޭޝިއާ ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ އެ ޤައުމުގެ މިނިސްޓަރ އޮފް ފޮރިން އެންޑް ޔޫރަޕިއަން އެފެއާޒް ގަރލިޗް ރަޑްމެންއެވެ.

މި އެއްބަސްވުމުގައި ދެ ބޭފުޅުން ސޮއިކުރެއްވީ އެކުގައި ބޭއްވެވި މުހިންމު ބައްދަލުވުމަކަށްފަހުގައެވެ.
ފޮރިން މިނިސްޓްރީން ބުނިގޮތުގައި، މި އެއްބަސްވުމުގެ ސަބަބުން ދެ ޤައުމުގެ ދެމެދުގައި އޮތް ޚާރިޖީ ގުޅުން އިތުރަށް ބަދަހިވެގެންދާނެއެވެ. ހަމައެއާއެކު، ދެ ޤައުމަށްވެސް ފައިދާއާއި މަންފާ ލިބޭނެ އެކި ދާއިރާތަކުން ގުޅުން ހަރުދަނާކުރުމަށްޓަކައި ގަވާއިދުން މަޝްވަރާތައް ކުރިއަށްގެންދިއުމަށް މި އެއްބަސްވުމުގެ ސަބަބުން މަގުފަހިވާނެއެވެ.

މީގެއިތުރުން، މި އެއްބަސްވުމަކީ ރާއްޖެއާއި ކްރޮއޭޝިއާއާ ދެމެދު އޮތް ގުޅުން އިތުރަށް ބަދަހިކުރުމަށް ދެ ފަރާތުންވެސް އެދޭ މިންވަރާއި، އެކަމަށް ދެ ޤައުމުން ފުރިހަމައަށް ތައްޔާރުވެފައިވާކަން ހާމަކޮށްދޭ އަލިގަދަ ހެއްކެއް ކަމަށް ޚާރިޖީ ވުޒާރާއިން ފާހަގަކުރެއެވެ.



