ޙަޤީޤީ ހިތްހަމަޖެހުމާއި، އަމާންކަމާއި އަދި ނަޖާވުން ލިބޭނީ ޞައްޙަ ޢަޤީދާގެ މަތީގައި ސާބިތުވެތިބެގެން ކަމަށް މިއަދުގެ ހުކުރު ޚުތުބާގައި ވިދާޅުވެއްޖެއެވެ.
”އިސްލާމީ ޢަޤީދާގެ މުހިންމުކަން“ މި މަޢުޟޫޢަށް ދިން ޚުތުބާގައި ފާހަގަކުރެއްވި ގޮތުގައި، މާތް ﷲ އަޅަކަށް ދެއްވާނޭ އެންމެ ބޮޑު ނިޢުމަތަކީ ޞައްޙަ ޢަޤީދާގެ ނިޢުމަތެވެ. އަދި ޞައްޙަ ޢަޤީދާއަކީ މުސްލިމެއްގެ ހުރިހައި ޢިބާދާތާއި، ހެޔޮ ޢަމަލާއި، ދުނިޔެއާއި އާޚިރަތުގެ އެންމެހައި ހެޔޮކަމެއްގެ ބިންގަލެވެ.
ޚުތުބާގައި ބަޔާންކުރި ގޮތުގައި، ޒަމާން ތަރައްޤީވެ މާއްދީ ފަސޭހަތައް އިތުރުވެފައިވީ ނަމަވެސް، ނުތަނަވަސްކަމާއި، ހިތާމައާއި، އެކަނިވެރިކަމުގެ ބިރު މިއަދު ވަނީ އިންތިހާއަށް ބޮޑުވެފައެވެ. އިންސާނާއަށް ތެދުމަގު ބޭނުންވި ކޮންމެ ހިނދަކު މާތް ﷲ ރަސޫލުންނާއި ނަބިއްޔުން ފޮނުއްވައި، އެ ބޭކަލުންގެ އެންމެ ފުރަތަމަ މަސްއޫލިއްޔަތަކަށް ހެއްދެވީ އެއްކައުވަންތަކަމަށް ގޮވައިލެއްވުމެވެ. ދުނިޔެމަތީގައި އެންމެ ބޮޑެތި އިމްތިޙާނުތަކާ ކުރިމަތިލައްވަން ޖެހިވަޑައިގަތީ ރަސޫލުބޭކަލުންނަށް ކަމަށާއި، ކީރިތި ރަސޫލާ مُحَمَّدٌ صَلَّى اللهُ عَلَيْهِ وَسَلَّمَ ވެސް އެތައް ދަތިތަކަކާއި އަނިޔާތަކަކާ ކުރިމަތިލައްވައި ސާބިތުވެ ހުންނެވީ ﷲ ގެ މިންވަރުފުޅަށް ރުހިވަޑައިގެން ކަމަށް ޚުތުބާގައި ހަނދާންކޮށްދިނެވެ.
މީގެއިތުރުން، ބާއްޖަވެރިކަން ހޯދުމުގެ ނަމުގައި މާއްދިއްޔަތަށް ބަރޯސާވެ، ބޭރުފުށް ރީތިކުރުމުގެ ބަދަލުގައި އެތެރެފުށް އިޞްލާޙުކުރުމަށް ޚުތުބާގައި ނަސޭހަތްތެރިވިއެވެ. ސަލަފުއްޞާލިޙުންގެ ބަސްފުޅުތަކާ ޙަވާލާދީ ފާހަގަކުރި ގޮތުގައި، ކާމިޔާބީގެ ދަތުރު ފެށެނީ އެތެރެފުށް އިޞްލާޙުވުމުންނެވެ. އެހެންކަމުން މުދަލާއި ދަރިންގެ މުސްތަޤުބަލަށް މަސައްކަތްކުރާ ފަދައިން، އާޚިރަތުގެ ކާމިޔާބީއަށްޓަކައި ހިތުގެ ޙާލަތު ރަނގަޅުކޮށް ހަރުދަނާ ޢަޤީދާއެއްގެ ވެރިޔަކަށް ވުމަކީ ކޮންމެހެން ބޭނުންތެރި ކަމެކެވެ.
އަދި އިސްލާމީ ޢަޤީދާއަކީ ހަމައެކަނި ވާރުތަވަމުން އަންނަ ތަރިކައެއްގެ ގޮތުގައި ނުދެކި، ދީނާ ދުރު ފިކުރުތަކުން ރައްކާތެރިވުމަށްޓަކައި ޞައްޙަ ޢަޤީދާ އުނގެނި ދަސްކުރުމަށް ޚުތުބާގައި ގޮވާލެއްވިއެވެ. ޞަޙާބީން ޤުރްއާން އުނގެނުމުގެ ކުރިން އީމާންކަން އުނގެނިވަޑައިގެންނެވި ފަދައިން، ޞައްޙަ ޢަޤީދާގެ ނިޢުމަތަކީ އަންނަން އޮތް ޖީލުތަކަށް ރައްކާތެރިކަމާއެކު ފޯރުކޮށްދޭންޖެހޭ މަތިވެރި އަމާނާތެއްކަން ޚުތުބާގައި ވަނީ ހަނދާންކޮށްދީފައެވެ.



