ސަރުކާރުގެ ވުޒާރާތަކުން ކުރަމުން އަންނަ މަސައްކަތްތަކާބެހޭ މަޢުލޫމާތު ހިއްސާކޮށް، ރައްޔިތުން ކުރަން ބޭނުންވާ ސުވާލުތަކަށް ޖަވާބުދެއްވުމަށް ބާއްވާ ވަޒީރުންގެ ”އަހާ“ ފޯރަމް އަންނަ އާދިއްތަ ދުވަހުގެ ރޭ ބޭއްވުމަށް ހަމަޖެހިއްޖެއެވެ.
މި ފޯރަމް ކުރިއަށްދާނީ އާދިއްތަ ދުވަހުގެ ރޭ 21:00 ގައެވެ.
މިއީ ސަރުކާރުގެ އެކި ވުޒާރާތަކުގެ މަސައްކަތްތައް ވީހާވެސް ތަފްޞީލުކޮށް އާންމުންނާ ހަމައަށް ގެނެސްދިނުމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހާއި ޕަބްލިކް ސަރވިސް މީޑިއާ (ޕީއެސްއެމް) ގުޅިގެން ގެނެސްދޭ ފޯރަމެކެވެ. ދެ ގަޑިއިރަށް ކުރިއަށްގެންދާ މި ފަހަރުގެ ފޯރަމުގައި ތިން ވަޒީރަކު ބައިވެރިވެވަޑައިގަތުމަށް ވަނީ ހަމަޖެހިފައެވެ.
މި ފޯރަމުގައި ބައިވެރިވެވަޑައިގަންނަވާނީ ޒުވާނުން ބާރުވެރިކުރުވުމާއި ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވަޒީރު ޢަބްދުﷲ ރާފިޢު، މަސްވެރިކަމާއި ދަނޑުވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވަޒީރު އަޙްމަދު ޝިޔާމް، އަދި ދާޚިލީ ސަލާމަތާއި މަސައްކަތްތެރިކަމާއި ފަންނިއްޔާތާ ބެހޭ ވަޒީރު ޢަލީ އިޙްސާން އެވެ.
މި ފޯރަމުގައި ބައިވެރިވެ، ވަޒީރުންނާ ކުރަން ބޭނުންވާ ސުވާލުތައް ފޮނުވުމުގެ ފުރުޞަތު މިހާރު ވަނީ އާންމުންނަށް ހުޅުވާލާފައެވެ. އެގޮތުން ފޯރަމް އޮންނަ ތަނަށް ގޮސް ސުވާލުކުރުމުގެ އިތުރުން، ޕީއެސްއެމް އެއަރ އެޕް މެދުވެރިކޮށްވެސް ވަޒީރުންނާ ސުވާލުކުރެވޭނެ އިންތިޒާމު ވަނީ ހަމަޖައްސާފައެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހާއި ދައުލަތުގެ މީޑިއާ ޕީއެސްއެމް ގުޅިގެން ކުރިއަށްގެންދާ ”އަހާ“ ސިލްސިލާގެ ފޯރަމްތައް ފަށާފައިވަނީ 2024 ވަނަ އަހަރުގެ ޖެނުވަރީމަހުގެ ތެރޭގައެވެ.



