ފާއިތުވި 48 ގަޑިއިރު ބޯކޮށް ވާރޭ ވެހުމުގެ ސަބަބުން ބެންކޮކްގެ މަގުތަކުގައި ފެންބޮޑުވެ، ކުއްލި ހާލަތަށް ގޮސްފިއެވެ.
ރިޕޯޓުތަކުން ބުނާގޮތުގައި، ގާތްގަނޑަކަށް 48 ގަޑިއިރު ވަންދެން ހުއްޓާނުލާ ވާރޭވެހި، ފެންބޮޑުވުމުގެ ސަބަބުން ދަތުރުފަތުރަށް ބޮޑެތި ހުރަސްތަކެއް ކުރިމަތިވުމާ ގުޅިގެން، ބެންކޮކްގެ ގަވަރނަރު ޗަޑްޗާޓް ސިއްތިޕުންޓް ވަނީ އެ ސިޓީގެ 50 ޑިސްޓްރިކްޓަކީ ކާރިސާގެ އަސަރުކޮށްފައިވާ ސަރަހައްދުތަކެއްގެ ގޮތުގައި ކަނޑައަޅުއްވާފައެވެ.
ލަފާކުރެވޭ ގޮތުގައި ތައިލެންޑުގެ ވެރިރަށުގެ އެކި ސަރަހައްދުތަކަށް 30 މިލިއަން ކިއުބިކް މީޓަރުގެ ފެން އެއްވެފައިވާއިރު، މިން ބުރީ ސަރަހައްދަށް 274.5 މިލިމީޓަރު އަދި ކްލޮންގް ސަމް ވާ ސަރަހައްދަށް 273 މިލިމީޓަރުގެ ވާރޭވެހިފައިވެއެވެ.
މީގެއިތުރުން ނޮންތަބުރީ ސަރަހައްދުންވެސް އިތުރު ފެން ބެންކޮކަށް ވަނީ ކެނަލްތަކުން ބެންކޮކަށް ފެން ޖަމާވެފައެވެ.
މަގުތަކުން ފެން ހިންދުމަށް ކުރާ މަސައްކަތްތަކުގެ ތެރެއިން، ކޮންމެ ސިކުންތަކު 1،200 ކިއުބިކް މީޓަރުގެ ފެން ބޭރުކުރެވޭ މިންވަރަށް ޕަމްޕުތައް ހިންގަމުންދާއިރު، އެއް މިލިއަން ވެލިބަސްތާ ތައިލެންޑް ސަރުކާރުން ދަނީ ފޯރުކޮށްދެމުންނެވެ. އަދި ފެންބޮޑުވުމުގެ އަސަރުކޮށްފައިނުވާ ބެންކޮކްގެ ސްކޫލްތައް ވަގުތީ ހިޔާތަކުގެ ގޮތުގައި ހުޅުވާލަމުންދާއިރު، އެނދުމަތިވެފައިވާ ބަލިމީހުން ހިމެނޭހެން، އެހީތެރިކަން އެންމެ ބޭނުންވާ ފަރާތްތަކަށް އިސްކަންދީގެން، އެހީތެރިކަން ވެސް ދަނީ ފޯރުކޮށްދެމުންނެވެ.
ކަމާބެހޭ އޮފިޝަލުން ވިދާޅުވީ މައި ކެނަލްތަކުގެ ފެންގަނޑުގެ ފެންވަރު މިހާރު އެއްވަރެއްގައި ހިފެހެއްޓެން ފަށާފައިވާ ކަމަށާއި، އިތުރަށް ވާރޭ ނުވެހިއްޖެނަމަ ކުރިއަށް އޮތް ހަ ގަޑިއިރުގެ ތެރޭގައި ހާލަތު ރަނގަޅުވާނެ ކަމަށް ބެލެވޭ ކަމަށެވެ. އަދި އާންމުން ގޭގޭގައި ތިބުމަށާއި، ހާއްސަކޮށް ރާމްކަމްހޭންގް، ނިއު ޕެޗްބުރީ، އެކަމާއި، ސެނާ ނިކޮމް 1، ކިންގް ކައޯ އަދި ލާޓް ކްރަބަންގް ފަދަ ފެންބޮޑުވެފައިވާ މަގުތަކަށް ނުނުކުތުމަށް ވެސް ވަނީ އިރުޝާދު ދީފައެވެ.


