ގެވެށި އަނިޔާގެ ޝިކާރައަކަށްވާ މީހުންނަށް ރައްކާތެރިކަންދީ، އެމީހުން އާއްމު ދިރިއުޅުމަށް ރުޖޫޢަވުމަށް ބޭނުންވާ އެންމެހާ އެހީތެރިކަން ވަށާޖެހޭ ނިޒާމެއްގެ ތެރެއިން ފޯރުކޮށްދިނުމަށް 3 ސަރަޙައްދެއްގައި މަރުކަޒުތައް ތަރައްޤީކުރުމުގެ މަސައްކަތް ކުރަމުންދާކަމަށް ސިއްޙަތާއި އާއިލާއާއި އިޖުތިމާއީ އެހީއާ ބެހޭ ވަޒީރު ޤީލާ ޢަލީ ވިދާޅުވެއްޖެއެވެ.
ދިވެހިރާއްޖޭގެ އަޑުގެ ”އަހާށޭ ބުނާނަން“ ޕްރޮގްރާމްގައި ވާހަކަފުޅުދައްކަވަމުން ވަޒީރު ޤީލާ އަލީ ވިދާޅުވީ، ރާއްޖޭގެ 3 ސަރަޙައްދެއްގައި މިފަދަ މަރުކަޒުތައް ޤާއިމުކުރުމަށް ވަނީ ނިންމާފައެވެ.
އެގޮތުން މި ސެންޓަރުތައް ތަރައްޤީކުރުމަށް ހަމަޖެހިފައިވަނީ ހުޅުމާލެ، އައްޑޫ ސިޓީ އަދި އުތުރުން ރ. އުނގޫފާރުގައެވެ.
މީގެތެރެއިން އައްޑޫ ސިޓީގައި ހަދާ މަރުކަޒުގެ މަސައްކަތް ކުރާނެ ބަޔަކު ހޯދުމަށް މިއަހަރު އިޢުލާނުކޮށްފައިވާއިރު، މި މަސައްކަތް ކުރިއަށްގެންދަނީ އޭޝިއަން ޑިވެލޮޕްމަންޓް ބޭންކް (އޭޑީބީ) ގެ އެހީގައި ހިންގާ ސްޓްރެންތެނިންގ ޖެންޑަރ އިންކްލޫސިވް އިނިޝިއޭޓިވް ޕްރޮޖެކްޓުގެ ދަށުންނެވެ.
މި މަރުކަޒުތަކުން ފޯރުކޮށްދޭނެ ޚިދުމަތްތަކާ ގުޅޭގޮތުން ވަޒީރު ވިދާޅުވީ، އެމީހުނަށް ބޭނުންވާ އެހީއާއި ރައްކާތެރިކަމާއި މާލީ އެހީވެސް ދޭނެ ކަމަށާއި، އަދި ދަރިން ތިބިނަމަ، އެ ކުދިންގެ ސްކޫލްގެ ކަންކަން ހަމަޖެއްސުމާއި ދިރިއުޅުމުގެ އެންމެހާ ކަންކަމަށް މަގުފަހިކޮށްދޭނެ ކަމަށެވެ. މީގެއިތުރުން އެފަދަ ފަރާތްތަކުގެ ނަފްސާނީ ޙާލަތުން އަރައިގަތުމަށް ބޭނުންވާ ރިހެބިލިޓޭޝަން ޕްރޮގްރާމްތަކާއި އެހީތެރިކަންވެސް އެ ސެންޓަރުތަކުން ފޯރުކޮށްދޭނެއެވެ.
ރާއްޖޭގައި ގެވެށި އަނިޔާގެ މައްސަލަތައް އިތުރުވަމުން އަންނައިރު، ވޭތުވެދިޔަ އަހަރު މިފަދަ 1193 މައްސަލަ ވަނީ ހުށައަޅާފައެވެ. އަދި މިއަހަރުގެ ދެވަނަ ކުއާޓަރުގެ ތެރޭގައި އެކަނިވެސް 236 މައްސަލަ ރިޕޯޓްކޮށްފައިވާއިރު، އެންމެ ގިނަ މައްސަލަ ހުށަހަޅާފައިވަނީ މާލެ ސަރަޙައްދުންނެވެ.




