ސަރުކާރުން ކަނޑައަޅާފައިވާ އަމާޒަށް ވާސިލުވުމަށް، މިހާތަނަށް 8 އަތޮޅެއްގެ 8 ރަށުގައި އެފްއެސްއެމްގެ ފިއުލް ޝެޑް ޤާއިމުކޮށް ނިންމާފައިވާކަމަށް އިކޮނޮމިކް މިނިސްޓަރު މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ.
މިނިސްޓަރު ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަޢުދުވެވަޑައިގެންފައިވާ ފަދައިން، ކޮންމެ އަތޮޅެއްގައިވެސް މަސްވެރިންނާއި ރައްޔިތުންނަށް އެސްޓީއޯ ރޭޓުގައި ތެޔޮ ލިބޭނެ އިންތިޒާމް ޤާއިމުކުރުމަށް ފެށި މަސައްކަތް ހަލުވިކަމާއެކު ކުރިއަށްދާ ކަމަށެވެ.
އަދި ރާއްޖޭގެ ހުރިހާ ސިޓީތައް ހިމެނޭހެން، މުޅި ރާއްޖޭގެ ހުރިހާ އަތޮޅަކުން މި ޚިދުމަތް ލިބޭނެ އިންތިޒާމު 2027 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ ކުރިން ޤާއިމުކޮށް ނިންމުމަކީ ސަރުކާރުގެ އަމާޒެއް ކަމަށްވެސް މިނިސްޓަރު ފާހަގަކުރެއްވިއެވެ.
މިހާތަނަށް ތެޔޮ ޝެޑްތައް ހަދައި، ޚިދުމަތް ދޭން ފަށާފައިވާ ރަށްތަކަކީ ހއ. އިހަވަންދޫ، ހދ. ހަނިމާދޫ، ށ. މިލަންދޫ، ރ. ދުވާފަރު، ބ. އޭދަފުށި، ދ. މީދޫ، ދ. ކުޑަހުވަދޫ އަދި ފ. ނިލަންދޫއެވެ.
މި މަޝްރޫޢުގެ ދަށުން ރާއްޖޭގެ 18 ރަށެއްގައި ފިއުލް ސްކިޑް ހެދުމުގެ މަސައްކަތް 2024 ވަނަ އަހަރުގެ ނޮވެމްބަރު މަހު އިފްތިތާޙުކޮށްފައިވާއިރު، މިއަހަރުގެ ތެރޭގައި އިތުރު ރަށްތަކުގެ މަސައްކަތް ނިންމައި ފިއުލް ސްޓޭޝަންތައް ހުޅުވުމަށް ވަނީ ހަމަޖެހިފައެވެ.
ވަޒީރު ސިފަކުރެއްވި ގޮތުގައި، މިއީ ރައްޔިތުން، ވަކިން ޚާއްޞަކޮށް މަސްވެރިންނާއި ސިނާޢީ އެކި މަސައްކަތްތައް ކުރާ ފަރާތްތަކުން ހަކަތައަށް ކުރާ ހޭދަ މަދުވެ، ތެޔޮ ހޯދަން ކުރާ ދިގު ދަތުރު ކުރުވެ، ވަގުތު ސަލާމަތްވެ، ތަކުލީފުތައް ކުޑަވާނެ މުހިންމު ކާމިޔާބީއެކެވެ.
ގިނަ އަތޮޅުތަކުގައި އަމިއްލަ ފަރާތްތަކުން ތެޔޮ ފޯރުކޮށްދިނުމުގެ ސަބަބުން އަގު ބޮޑުކޮށް ތެޔޮ ގަންނަން ޖެހިފައިވާ މައްސަލައަށް މި މަޝްރޫޢުގެ ސަބަބުން ދާއިމީ ހައްލެއް ލިބިގެންދާނެއެވެ.




