ފަލަސްޠީނުގެ ރައްޔިތުންގެ ޙައްޤުތައް ޙިމާޔަތްކޮށް، އަމިއްލަ ޤައުމުގައި ދެމިތިބުމާއި، ގެދޮރާއި ވަޒަނާއި އަދި އަޅުކަންކުރުމުގެ ފުރިހަމަ މިނިވަންކަން ކަށަވަރުކުރުމަށް މިހާރަށްވުރެ ބޮޑަށް ޤައުމުތަކުން ގުޅިގެން ހަރުދަނާ މަސައްކަތްތަކެއް ކުރުމަށް ފޮރިން މިނިސްޓަރު އިރުތިޝާމް އާދަމް ގޮވާލައްވައިފިއެވެ.
މިނިސްޓަރު މިކަމަށް ގޮވާލެއްވީ ޤުދުސްގެ ޙައްޤުގައި ޢަރަބި އިސްލާމީ ޤައުމުތަކުގެ ވަޒީރުން ބޭއްވި ބައްދަލުކުރެއްވުމުގައި ވާހަކަފުޅުދައްކަވަމުންނެވެ.
މިނިސްޓަރުގެ ވާހަކަފުޅުގައި، ޤުދުސްއަކީ ހަމައެކަނި އެޖެންޑާގައި އޮތް ކަމަކަށްވުރެ ބޮޑަށް މުސްލިމުންގެ ހިތްތަކުގައި ޚާއްސަ ޤަދަރެއް ދެވިފައިވާ ބިމެއްކަމުން އެތަނުގެ ރައްކާތެރިކަމަކީ ދެމެހެއްޓެނިވި އަމާންކަމެއް ޤާއިމުކުރުމަށް މުހިއްމު ކަމެއްކަން ފާހަގަކުރެއްވިއެވެ. އަދި އަލްއަޤްޞާ މިސްކިތުގައި ތަކުރާރުވަމުންދާ ހަމަނުޖެހުންތަކާއި، ޔަހޫދީން ވަޒަންވެރިކުރުމުގެ ސިލްސިލާތަކާއި، ފަލަސްޠީނުގެ ޢާއިލާތައް އަމިއްލަ ގެދޮރުން ނެރުމުގެ ޖަރީމާތައް އާންމުވަމުންދާތީ އެފަދަ ކަންކަމަށް ޖާގަދެވިގެން ނުވާނެކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.
މިނިސްޓަރު އިތުރަށް ވިދާޅުވީ، ފަލަސްޠީނުގެ މައްސަލައިގައި ދިވެހިރާއްޖެއިން ގެންގުޅޭ ސިޔާސަތު ސާފުކަމަށާއި، ބައިނަލްއަޤުވާމީ ޤާނޫނުތަކާއި މުޢާހަދާތަކާ ޚިލާފަށް ހިންގާ ޖަރީމާތައް ވަގުތުން ހުއްޓާލަންޖެހޭ ކަމަށެވެ. އަދި ފަލަސްޠީނުގެ ދައުލަތް ބަލައިގަންނަ މިންވަރު ބައިނަލްއަޤުވާމީ ދުނިޔޭގައި އިތުރުކުރުމާއެކު، އދ.ގެ ފުރިހަމަ މެންބަރަކަށް އެ ޤައުމު ހެދުމަށް ގުޅިގެން މަސައްކަތްކުރުމަށްވެސް އިސްލާމީ ޤައުމުތަކަށް ވަޒީރު ގޮވާލެއްވިއެވެ.
މީގެއިތުރުން، ފަލަސްޠީނުގެ ބިންތަކުން އެ ރައްޔިތުން ނެރެ ޔަހޫދީން ވަޒަންވެރިކުރުވުމާ ދެކޮޅަށް، އިނގިރޭސިވިލާތާއި، ކެނެޑާއާއި، ޑެންމާކް، ފިންލޭންޑް، ފްރާންސް، އައިސްލޭންޑް، އަޔަރލޭންޑް، ނޯރވޭ، ޕޮލެންޑް، ޕޯޗުގަލް، ސްޕެއިން އަދި ސްވިޑަންއިން ތެދުވި ތެދުވުމަށާއި، އަޅަމުންދާ ފިޔަވަޅުތަކަށް ރާއްޖޭގެ ފަރާތުން މިނިސްޓަރު ވަނީ މަރުޙަބާ ދަންނަވާފައެވެ.



