ހޯމް މިނިސްޓަރު ޢަލީ އިޙްސާން، އިމާދުއްދީން ސްކޫލަށް މިއަދު ޒިޔާރަތްކުރައްވައި، ، ދިވެހި ފުލުހުންގެ ޚިދުމަތުން އެ ސްކޫލުގައި ކުރިއަށްގެންދާ ޓްރެފިކް މޮނީޓަރސް ޕްރޮގްރާމްގެ ހަރަކާތްތައް ބައްލަވާލައްވައިފިއެވެ.
މި ޕްރޮގްރާމަކީ އިމާދުއްދީން ސްކޫލާއި، ގިޔާސުއްދީން އިންޓަނޭޝަނަލް ސްކޫލް އަދި ދަރުމަވަންތަ ސްކޫލުގެ ދަރިވަރުންނަށް އަމާޒުކޮށްގެން ފުލުހުން ކުރިއަށްގެންދާ ޕްރޮގްރާމެކެވެ. މި ޒިޔާރަތުގައި ވަޒީރު ވަނީ ދަރިވަރުން ޕްރޮގްރާމްގެ ތެރެއިން ހަރަކާތްތެރިވަމުންދިޔަ ގޮތް ބައްލަވާލައްވައި، ޕްރޮގްރާމުގެ މަގުސަދުތަކާއި ކުރިއަށްދާ މޮޑިއުލްތަކާ ގުޅޭގޮތުން މައުލޫމާތު އޮޅުންފިލުއްވާފައެވެ.
މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަމުގެ އަސާސީ މައުލޫމާތު ދަރިވަރުންނަށް ފޯރުކޮށްދިނުމާއި، ޒިންމާދާރު ގޮތެއްގައި މަގު ބޭނުންކުރުމުގެ ރަނގަޅު ސުލޫކު ކުޑައިރުއްސުރެ އަށަގަންނުވުމަކީ މުހިންމު ކަމެއްކަން ވަޒީރު ފާހަގަކުރެއްވިއެވެ. އަދި މިފަދަ ހޭލުންތެރިކަމުގެ ޕްރޮގްރާމްތައް މިހާރަށްވުރެ ހަރުދަނާކޮށް، މުޅި ރާއްޖޭގެ ސްކޫލްތަކަށް ފުޅާކުރުމަށް ވަޒީރު ބާރުއެޅުއްވިއެވެ.
ވަޒީރުގެ މި ޒިޔާރަތުގައި އިމާދުއްދީން ސްކޫލުގެ ޕްރިންސިޕަލް ވަނީ މި ޕްރޮގްރާމުގެ ފައިދާއާއި ހަރުދަނާކަން ފާހަގަކުރައްވައި، ދަރިވަރުންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި ދިވެހި ފުލުހުންގެ ޚިދުމަތުން ކުރަމުންދާ މަސައްކަތްތައް ފާހަގަކުރައްވައި، މި ހަރަކާތް އިންތިޒާމުކުރުމުގައި ބައިވެރިވި ހުރިހާ ފަރާތްތަކަށް ޝުކުރު އަދާކުރައްވާފައެވެ.
އަދި ދިވެހި ފުލުހުންގެ ޚިދުމަތުގެ ފަރާތުންވެސް ވަނީ މި ޕްރޮގްރާމް ކާމިޔާބުކަމާއެކު ހިންގުމުގައި އެއްބާރުލުން ދެއްވި ސްކޫލުތަކަށާއި، ބައިވެރިވި މުދައްރިސުންނާއި ދަރިވަރުންނަށް ޝުކުރު އަދާކޮށްފައެވެ.
ކޮންމެ ސްކޫލަކުން 35 ދަރިވަރުންނާއެކު، ޖުމުލަ 105 ދަރިވަރުން މި ޕްރޮގްރާމްގައި ބައިވެރިވެއެވެ.



