ރާއްޖޭގެ ތަރައްޤީގެ ދަތުރުގައި ޗައިނާއަކީ މުހިންމު އަދި ސާބިތު ބައިވެރިއެއްކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް މިހެން ވިދާޅުވީ ޗައިނާގެ 77 ވަނަ ޤައުމީ ދުވަހުގެ މުނާސަބަތުގައި އެކްސްގައި ހިއްސާކުރެއްވި ތަހުނިޔާގެ މެސެޖުގައެވެ.
ރައީސްގެ މެސެޖުގައި ވަނީ ޗައިނާގެ ރައީސް ޝީ ޖިންޕިންގ އަށާއި، އެ ޤައުމުގެ ސަރުކާރާއި ރައްޔިތުންނަށް ދުވަހުގެ ހެޔޮ އެދުންތައް އަރިސްކުރައްވާފައެވެ. އެމަނިކުފާނު ފާހަގަކުރެއްވި ގޮތުގައި ދިވެހިރާއްޖެއާއި ޗައިނާއާ ދެމެދު އޮތީ އެއް ޤައުމު އަނެއް ޤައުމަށް އޮތް އިޙްތިރާމާއި އިތުބާރުގެ މައްޗަށް ބިނާވެފައިވާ ބަދަހި ރަޙުމަތްތެރިކަމުގެ ގުޅުމެކެވެ. އަދި ދެ ޤައުމުންވެސް ގެންގުޅެނީ ތަރައްޤީއާއި ފާގަތިކަމަށް އޮތް އެއްގޮތް ތަޞައްވުރެއް ކަމުގައިވެސް ވިދާޅުވިއެވެ.
ރާއްޖޭގެ ތަރައްޤީގެ ދަތުރުގައި ޗައިނާއަކީ މުހިންމު ބައިވެރިއެއްކަން ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ، ދެ ޤައުމުގެ ދެމެދުގައި އޮތް ގުޅުމުގެ ސަބަބުން ދެ ޤައުމުގެ ރައްޔިތުންނަށްވެސް މާނަހުރި ގިނަ ފުރުޞަތުތަކެއް ފަހިވަމުންދާ ކަމަށެވެ. މީގެއިތުރުން، ދެ ޤައުމުގެ ދެމެދުގައި ޤާއިމުކުރެވިފައިވާ އިސްތިރާޖީ ގުޅުން އިތުރަށް ބަދަހިކޮށް، ގުޅުން އައު ހަރުފަތަކަށް ގެންދިއުމަށް ދިވެހި ސަރުކާރުން އަބަދުވެސް ސާބިތުކަމާއެކު ދެމިއޮންނާނެ ކަމުގެ ޔަޤީންކަން އެމަނިކުފާނު ދެއްވިއެވެ.
ރައީސްގއ މެސެޖު ނިންމަވާލައްވަމުން ވަނީ ދެ ޤައުމުގެ ރައްޔިތުންގެ މެދުގައި އުފެދިފައިވާ ރަޙުމަތްތެރިކަމުގެ ގުޅުން ކުރިއަށް އޮތް ތަނުގައިވެސް އިތުރަށް ބަދަހިވެގެންދިއުމަށާއި، ޗައިނާއަށް މެދުކެނޑުމެއްނެތި ކުރިއެރުމާއި ފާގަތިކަން ލިބުމަށް އެދިވަޑައިގެންފައެވެ.
ޗައިނާގެ ޤައުމީ ދުވަހުގެ ގޮތުގައި ފާހަގަކުރަނީ އޮކްޓޫބަރު މަހުގެ 1 ވަނަ ދުވަހެވެ. މި ދުވަސް ފާހަގަކުރަނީ 23 އަހަރަށް ދެމިގެންދިޔަ ދާޚިލީ ހަނގުރާމައަށްފަހު، 1949 ވަނަ އަހަރު ޕީޕަލްސް ރިޕަބްލިކް އޮފް ޗައިނާ އުފެދުނު ދުވަހާ ގުޅުވައިގެންނެވެ.
ރާއްޖެއާއި ޗައިނާއާ ދެމެދު ސިޔާސީ ގުޅުން ޤާއިމްކޮށްފައިވަނީ 1972 ވަނަ އަހަރުގެ އޮކްޓޫބަރު މަހުގެ 14 ވަނަ ދުވަހުއެވެ.



