އުމުރުން ދުވަސްވީ މީހުންނަކީ އާއިލާތަކުގެ ބިންގާކަމަށާއި، އެބޭފުޅުންނަކީ މުޖުތަމަޢުގެ އާދަކާދަތައް ދަމަހައްޓަވައި، އެއް ޖީލުން އަނެއް ޖީލަށް އިލްމާއި ހިކުމަތް ފޯރުކޮށްދެއްވާ ބޭފުޅުން ކަމަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު ވިދާޅުވެއްޖެއެވެ.
އެކަމަނާ މިހެން ވިދާޅުވީ ބައިނަލްއަގުވާމީ ގޮތުން ފާހަގަކުރާ އުމުރުން ދުވަސްވީ މީހުންގެ ދުވަހުގެ މުނާސަބަތުގައި ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައެވެ.
ފަސްޓް ލޭޑީ ވިދާޅުވީ، އުމުރުން ދުވަސްވީ މީހުން މުޖުތަމައަށް ކޮށްދެއްވަމުން ގެންދަވާ އަގުނުކުރެވޭ ފަދަ ޚިދުމަތްތަކުގެ އަގުވަޒަންކޮށް، އެބޭފުޅުންގެ ހައްގުތައް ރައްކާތެރިކޮށް، ދުޅަހެޔޮކަން ކަށަވަރުކުރުމަށް އަޒުމް ކަނޑައަޅަންޖެހޭ ކަމަށެވެ. އަދި ދުނިޔޭގެ އާބާދީގައި އުމުރުން ދުވަސްވީ މީހުންގެ ނިސްބަތް އިތުރުވެ، އިންސާނުން ދިރިއުޅޭ އުމުރު ދިގުވަމުންދާއިރު، ދިރިއުޅުމުގެ ކޮންމެ މަރުހަލާއެއްގައިވެސް އެކަކު އަނެކަކަށް އަޅާލައި އެހީތެރިކަން ފޯރުކޮށްދޭނެ ގޮތްތަކާ މެދު އަލުން ވިސްނަންޖެހިފައިވާ ކަމަށްވެސް އެކަމަނާ ފާހަގަކުރެއްވިއެވެ.
މީގެއިތުރުން، އުމުރުން ދުވަސްވީ މީހުންނަށް މުޖުތަމަޢުއާ އޮންނަ ގުޅުން ބަދަހިކުރުމުގެ ފުރުސަތުތައް ފަހިކޮށްދީ، ދުޅަހެޔޮ، ހިތްހަމަޖެހޭ އަދި އަބުރުވެރި ދިރިއުޅުމެއް އުޅުމުގެ މަގު ތަނަވަސްކޮށްދޭންޖެހޭ ކަމަށް އެކަމަނާ ވިދާޅުވިއެވެ.
ސިޔާސަތުތައް ބައްޓަންކުރުމާ ގުޅޭގޮތުން ވާހަކަފުޅު ދައްކަވަމުން ފަސްޓް ލޭޑީ ވިދާޅުވީ، ސިޔާސަތުތައް އެކުލަވާލަންވާނީ ދުޅަހެޔޮކަމާއެކު އުމުރުން ދުވަސްވުމަށް ބޭނުންވާ ދާއިމީ އިންވެސްޓްމަންޓްތަކާއި، ހަރުދަނާ ސިއްހީ ނިޒާމަކާއި، އިޖުތިމާއީ ރައްކާތެރިކަމުގެ އިތުރުން އިގްތިސާދީ ފުރުސަތުތައް ހިމެނޭ ގޮތަށް ކަމަށެވެ. އަދި ގައުމުގެ ތަރައްގީގެ ދަތުރުގައި އުމުރުން ދުވަސްވީ މީހުންގެ ފުރިހަމަ ބައިވެރިވުން ކަށަވަރުކުރުމަކީ، އެންމެންގެ ބައިވެރިވުން ހިމެނޭ، އޯގާތެރި މުޖުތަމައެއް ބިނާކުރުމަށް ކޮންމެހެން ބޭނުންތެރި ކަމެއްކަމަށްވެސް ވިދާޅުވިއެވެ.
ނިންމަވާލައްވަމުން ފަސްޓް ލޭޑީ ސާޖިދާ މުޙައްމަދު ވަނީ ދުޅަހެޔޮކަމާއެކު ދިރިއުޅޭ އުމުރު ދިގުކޮށްދީ، އުމުރުން ދުވަސްވުމުގައި ކޮންމެ މީހަކަށްވެސް ކުރިމަތިވާ ތަފާތު ތަޖުރިބާތައް ބަލައިގަނެގެން، ކޮންމެ މީހަކީވެސް އަބުރުވެރިކަމާއި، މަގްސަދެއް އޮތް އަދި ރައްކާތެރި ދިރިއުޅުމެއްގައި އުމުރުން ދުވަސްވާ މީހަކަށް ހެދުމަށް މަސައްކަތްކުރުމަށް ގޮވާލައްވާފައެވެ.




