ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ތިންވަނަ ދައުރުގެ ޖަލްސާތައް އަންނަ ހޯމަ ދުވަހު ފެށުމަށް ތާވަލުކޮށްފިއެވެ.
ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގައިވާ ގޮތުން ތިންވަނަ ދައުރުގެ ޖަލްސާތައް އޮކްޓޫބަރު މަހުގެ ފުރަތަމަ ހަފުތާގައި ބާއްވަންޖެހޭއިރު، މަޖިލީހުގެ އިދާރާއިން ވިދާޅުވެފައިވަނީ މި ޖަލްސާތައް ފަށަން ތާވަލުކޮށްފައިވަނީ މި މަހުގެ 5 ވާ ހޯމަ ދުވަހު ކަމަށެވެ.
މަޖިލީހުން އާންމުކޮށްފައިވާ އެޖެންޑާގައިވާ ގޮތުން މިއަހަރުގެ ތިންވަނަ ދައުރުގެ ފުރަތަމަ ޖަލްސާއަށް މަޖިލީހުގެ ރައީސްގެ މޭޒުން ދެ ކަމެއް ހުށަހެޅުމަށް ވަނީ ނިންމަވާފައެވެ. އެއީ މީރާއަށް ޑެޕިއުޓީ ކޮމިޝަނަރ ޖެނެރަލް އޮފް ޓެކްސޭޝަންގެ މަޤާމަށް ބޭފުޅަކު އައްޔަން ކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ފޮނުއްވާފައިވާ މައްސަލައާއި، ”މައްކަތުލް މުކައްރަމާ ކޮންވެންޝަން އޮފް ދަ މެންބަރ ސްޓޭޓްސް އޮފް ދަ އޯގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަން އޮން އެންޓި-ކޮރަޕްޝަން ލޯ އެންފޯސްމަންޓް ކޯޕަރޭޝަން“ މުއާހަދާގައި ބައިވެރިވުމާ ގުޅޭގޮތުން މަޖިލީހުގެ ރުހުން ހޯދުމަށް ރައީސުލްޖުމްހޫރިއްޔާ ފޮނުއްވާފައިވާ މައްސަލައެވެ. މީގެއިތުރުން، ސަރުކާރުގެ ފަރާތުން މަޖިލީހަށް ހުށަހަޅުއްވާފައިވާ ކުށްކޮށްގެން ހޯދާ މުދަލާގުޅޭ ބިލުގެ އިބްތިދާޢީ ބަހުސްވެސް މި ޖަލްސާގައި ފެށުމަށް ވަނީ ހަމަޖެހިފައެވެ.
ރައްޔިތުންގެ މަޖިލީހުގެ ޤަވާއިދުގައި ބަޔާންކޮށްފައިވާ ގޮތުގައި ކޮންމެ އަހަރަކުވެސް މަޖިލީހުގެ ޖަލްސާތައް ކުރިއަށްދާނީ ތިން ދައުރަކަށް ބަހާލައިގެންނެވެ. އެގޮތުން ފުރަތަމަ ދައުރުގެ ޖަލްސާތައް ފެބުރުވަރީ މަހުގެ 1 އިން ފެށިގެން މޭ 15 ގެ ނިޔަލަށް ކުރިއަށްދާއިރު، ދެވަނަ ދައުރު ހިނގާނީ ޖޫން މަހުގެ 1 އިން އޮގަސްޓް މަހުގެ 15 ގެ ނިޔަލަށެވެ. އަދި ތިންވަނަ ދައުރުގެ ޖަލްސާތައް ކުރިއަށްދާނީ އޮކްޓޫބަރު މަހުގެ 1 އިން ފެށިގެން ނޮވެންބަރު މަހުގެ ނިޔަލަށެވެ.
މަޖިލީހުގެ ދައުރު ހަމަވި ނަމަވެސް، އެ މުއްދަތުގެ ތެރޭގައި މަޖިލީހަށް ހުށަހަޅާފައިވާ މުހިންމު މަސައްކަތްތައް ނުނިމޭނަމަ މެންބަރުންގެ މެދުގައި ނަގާ ވޯޓަކުން ދައުރުގެ މުއްދަތު އިތުރު ކުރެވޭނެ ކަމަށް ގަވާއިދުގައިވެއެވެ. މިގޮތުން މިއަހަރުގެ ފުރަތަމަ ދައުރާއި ދެވަނަ ދައުރުގެ ޖަލްސާތައްވެސް ވަނީ އިތުރު މުއްދަތަކަށް ކުރިއަށް ގެންގޮސްފައެވެ. މިއަހަރުގެ ފުރަތަމަ ދައުރުގައި މުހިންމު މަސައްކަތްތަކެއް ހުރުމުން، ޗުއްޓީއަށް ނުގޮސް ފުރަތަމަ ދައުރު ނިމުނު ހަފުތާއަށްފަހު ވަގުތުން ދެވަނަ ދައުރުގެ ޖަލްސާތައް ވަނީ ފަށާފައެވެ.
މަޖިލިސް ދެވަނަ ދައުރު ނިންމާލައި ޗުއްޓީއަށް ގޮސްފައިވަނީ މިދިޔަ އޮގަސްޓް މަހުގެ 26 ވަނަ ދުވަހުއެވެ.



