މިދިޔަ މަހުގެ 24 ވަނަ ދުވަހުގެ ނިޔަލަށް ޓެކުހުގެ ގޮތުގައި ދައުލަތަށް ލިބުނު އާމްދަނީ 23.3 ބިލިޔަން ރުފިޔާއަށް އަރާފައިވާ ކަމަށް ފިނޭންސް މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.
މިއީ ވޭތުވެދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު ފާހަގަކޮށްލެވޭ ކުރިއެރުމެކެވެ.
މިނިސްޓްރީން އެންމެ ފަހުން އާންމުކުރި ވީކްލީ ފިސްކަލް ޑިވެލޮޕްމަންޓްސް ރިޕޯޓުގައިވާ ގޮތުން، މިދިޔަ މަހުގެ 24 ގެ ނިޔަލަށް އާމްދަނީއާއި ހިލޭ އެހީގެ ގޮތުގައި ދައުލަތަށް ޖުމްލަ 30.2 ބިލިޔަން ރުފިޔާ ވަނީ ލިބިފައެވެ. މިއީ ވޭތުވެދިޔަ އަހަރުގެ މި މުއްދަތުގައި ލިބުނު 28.7 ބިލިޔަން ރުފިޔާއާ އަޅާބަލާއިރު 5 އިންސައްތައިގެ އިތުރުވުމެކެވެ.
ފިނޭންސް މިނިސްޓްރީން ފާހަގަކުރާ ގޮތުގައި ދައުލަތުގެ އާމްދަނީ އިތުރުވުމުގެ މައިގަނޑު ސަބަބަކީ ޓެކުހުގެ ގޮތުގައި ލިބުނު އާމްދަނީ އިތުރުވުމެވެ. އެގޮތުން ޓެކުހުގެ އާމްދަނީ މިދިޔަ އަހަރުގެ 21.3 ބިލިޔަން ރުފިޔާއިން 23.3 ބިލިޔަން ރުފިޔާއަށް ވަނީ މަތިވެފައެވެ. މިއީ 9.4 އިންސައްތައިގެ ކުރިއެރުމެކެވެ.
ޓެކުހުގެ އާމްދަނީގެ ތަފްސީލަށް ބަލާއިރު، ޓީޖީއެސްޓީގެ ގޮތުގައި ލިބުނު އާމްދަނީ ވަނީ 7.6 ބިލިޔަން ރުފިޔާއިން 7.8 ބިލިޔަން ރުފިޔާއަށް، ނުވަތަ 2.7 އިންސައްތަ އިތުރުވެފައެވެ. އަދި އާންމު މުދަލާއި ޚިދުމަތުގެ ޓެކްސް (ޖީއެސްޓީ) 3.6 ބިލިޔަން ރުފިޔާއިން 4.1 ބިލިޔަން ރުފިޔާއަށް، ނުވަތަ 10.7 އިންސައްތަ އިތުރުވެފައިވާއިރު، އިމްޕޯޓް ޑިއުޓީގެ ގޮތުގައި ލިބުނު އާމްދަނީ ވެސް ވަނީ 2.1 ބިލިޔަން ރުފިޔާއިން 2.4 ބިލިޔަން ރުފިޔާއަށް، ނުވަތަ 13 އިންސައްތަ މައްޗަށް ޖެހިލާފައެވެ.
ޓެކްސް އާމްދަނީ އިތުރުވި ނަމަވެސް، ޓެކްސް ނޫން އާމްދަނީގެ ގޮތުގައި ލިބުނު އަދަދު ވަނީ ދަށަށް ގޮސްފައެވެ. އެގޮތުން މިދިޔަ މަހުގެ 24 ގެ ނިޔަލަށް ޓެކްސް ނޫން އާމްދަނީގެ ގޮތުގައި ލިބިފައިވަނީ 6.3 ބިލިޔަން ރުފިޔާއެވެ. މިއީ ވޭތުވެދިޔަ އަހަރުގެ މި މުއްދަތުގައި ލިބުނު 7.1 ބިލިޔަން ރުފިޔާއާ އަޅާބަލާއިރު 11.5 އިންސައްތައިގެ ދަށްވުމެކެވެ.
މި މުއްދަތުގެ ތެރޭގައި ދައުލަތުގެ ޖުމްލަ ޚަރަދު ވަނީ 33.5 ބިލިޔަން ރުފިޔާއަށް އަރާފައެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތުގައި ޚަރަދުވި 28.2 ބިލިޔަން ރުފިޔާއާ އަޅާބަލާއިރު 18.8 އިންސައްތަ އިތުރު އަދަދެކެވެ.
މީގެ ތެރޭގައި ރިކަރަންޓް ޚަރަދު 18.6 އިންސައްތަ އިތުރުވެ، 24.3 ބިލިޔަން ރުފިޔާއިން 28.8 ބިލިޔަން ރުފިޔާއަށް އުފުލިފައިވާއިރު، ކެޕިޓަލް ޚަރަދު ވެސް ވަނީ 18.7 އިންސައްތަ އިތުރުވެ، 3.9 ބިލިޔަން ރުފިޔާއިން 4.6 ބިލިޔަން ރުފިޔާއަށް މަތިވެފައެވެ.



