މޮރޮކޯގެ އައު ބޮޑުވަޒީރު ފާތިމާ އައްޒަހްރާ އަލް މަންސޫރީއަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މަރުޙަބާ ދަންނަވައިފިއެވެ.
ރައީސް އެކަމަނާއަށް ފޮނުއްވި ސިޓީފުޅުގައި ވަނީ، މޮރޮކޯގެ 18 ވަނަ ބޮޑުވަޒީރުގެ މަޤާމަށް އައްޔަން ކުރެއްވުމާ ގުޅިގެން ދިވެހި ސަރުކާރާއި ރައްޔިތުންގެ ނަމުގައި މަރުޙަބާ ވިދާޅުވެފައެވެ.
އަދި މޮރޮކޯގެ ބޮޑުވަޒީރުކަމަށް ފުރަތަމަ ފަހަރަށް އަންހެނަކު އައްޔަން ކުރެވުމަކީ، އެ ޤައުމަށާއި މުޅި ޢަރަބި ދުނިޔެއަށް ލިބުނު ތާރީޚީ ކުރިއެރުމެއް ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ފާތިމާއަކީ ޢަރަބި ޤައުމުތަކުގެ ތެރެއިން މިފަދަ މަޤާމަކަށް އައްޔަންކުރި ދެވަނަ އަންހެން ބޭފުޅާކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ، މިއީ އެ ސަރަހައްދުގެ ސިޔާސީ ތާރީޚުގައި ހުޅުވިގެންދިޔަ އައު ސޮފްހާއެއް ކަމަށެވެ. އަދި މިއީ ހިންގުމުގެ ދާއިރާގައި އަންހެނުންނަށް ލިބުނު ކުރިއެރުމެއްގެ އިތުރުން އެކި ޤައުމުތަކުގެ އަންހެނުންނަށް ނަމޫނާއެއް ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ. މީގެއިތުރުން، އަންހެނުންގެ ޙައްގުތައް ކަށަވަރުކޮށް އާންމު ދިރިއުޅުމުގައި އަންހެނުންގެ ހިއްސާ އިތުރު ކުރުމަށް ރާއްޖެއިން އަބަދުވެސް މަސައްކަތް ކުރާނެ ކަމުގެ ޔަގީންކަން ރައީސް ދެއްވިއެވެ.
ރާއްޖެއާއި މޮރޮކޯއާ ދެމެދު އުފެދިފައިވާ ގާތް ރަހުމަތްތެރިކަމުގެ ގުޅުމަކީ އެއްޤައުމު އަނެއް ޤައުމަށް ކުރާ އިޚުތިރާމުގެ މައްޗަށް ބިނާވެފައިވާ ގުޅުމެއްކަން ފާހަގަކުރައްވައި، ކުރިއަށް އޮތްތަނުގައި ދެ ޤައުމަށް ފައިދާވާނެ ކަންކަމުގައި ގުޅުން އިތުރަށް ބަދަހިކުރުމަށް ފާތިމާގެ ޒަޢާމަތުގައި ގުޅިގެން މަސައްކަތް ކުރުމަށް ދިވެހި ސަރުކާރުން ތައްޔާރަށް އޮތް ކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އަދި އެކަމަނާގެ ބޮޑުވަޒީރު ކަމުގައި މޮރޮކޯއާއި އެ ޤައުމުގެ ރައްޔިތުންނަށް ތަރައްޤީއާއި ކުރިއެރުމަށް އެދިވަޑައިގެން، ކާމިޔާބީއަށް އެދިވަޑައިގެންނެވިއެވެ.
މޮރޮކޯގެ ޤާނޫނުއަސާސީ ބުނާގޮތުން، ރަސްގެފާނު ބޮޑުވަޒީރުކަމަށް ޢައްޔަންކުރައްވަން ޖެހެނީ މަޖިލީހުގެ އެންމެ ގިނަ ގޮނޑި ކާމިޔާބުކުރާ ސިޔާސީ ޕާޓީގެ ބޭފުޅެކެވެ. އެގޮތުން އެ ޤައުމުގެ ޤާނޫނުހަދާ މަޖިލީހުގެ އިންތިޚާބު ކާމިޔާބުކުރި އޮތެންޓިސިޓީ އެންޑް މޮޑަރނިޓީ ޕާޓީ (ޕީއޭއެމް) ގެ ވެރިޔާ ފާތިމާ އެ މަޤާމަށް ރަސްގެފާނު މުޙައްމަދު ހަވަނަ ޢައްޔަންކުރެއްވީ އަންގާރަ ދުވަހުއެވެ.
ފާތިމާ ވަނީ މީގެ ކުރިން މޮރޮކޯގެ ގެދޮރުވެރިކަމާބެހޭ ވަޒީރުގެ މަޤާމާއި މަރަކޭޝްގެ މޭޔަރުކަންވެސް ކުރައްވާފައެވެ.



