ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ) އިން ހުޅުމާލޭ ފޭސް 2 ތަރައްގީކޮށްފައިވާ ފްލެޓުތައް ހުއްދަނެތި ކުއްޔަށް ދިނުމާ ގުޅޭ 16 މައްސަލައެއް އެ ކުންފުނިން ބަލަމުންދާ ކަމަށް ބުނެފިއެވެ.
އެފްޑީސީން މިކަން ހާމަކޮށްފައިވަނީ އެ ކުންފުނީގެ ހައުސިންގ ޔުނިޓުތަކާ ގުޅިގެން ބަލަމުންދާ މައްސަލަތަކުގެ އެންމެ ފަހުގެ އަދާހަމަ ހިއްސާކުރަމުންނެވެ.
ސަރުކާރުގެ ބޯހިޔާވަހިކަމުގެ މި މަޝްރޫޢުގެ ފްލެޓުތައް ދޫކޮށްފައިވަނީ ކުއްޔަށްދޭނަމަ ފިޔަވަޅު އަޅާނެކަމުގެ އިންޒާރާއެކުގައެވެ.
އެފްޑީސީގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި، ހުއްދަނެތި ކުއްޔަށް ދޫކުރުމުގެ 16 މައްސަލައެއް ބަލަމުންދާއިރު، އޭގެ ތެރެއިން 5 ޔުނިޓެއްގެ ވެރިފަރާތް ވަނީ ޖޫރިމަނާކޮށްފައެވެ. އަދި 2 ޔުނިޓެއްގެ ވެރިފަރާތަށް ނޯޓިސް ފޮނުވާފައިވާއިރު، މިހާރު އިތުރު 9 މައްސަލައެއް ބަލަމުންދާ ކަމަށް އެ ކުންފުނިން ބުނެއެވެ.
މީގެ އިތުރުން، އެންމެ ގިނައިން ހުށަހެޅިފައިވަނީ ހުއްދަ ނެތި ހައުސިންގ ޔުނިޓުތަކަށް ބަދަލު ގެނައުމުގެ މައްސަލަތަކެވެ. އެގޮތުން ބަދަލު ގެނައުމާ ގުޅޭ 28 މައްސަލައެއް ބަލަމުން އަންނައިރު، އޭގެ ތެރެއިން 5 މައްސަލައެއްގައި ހިމެނޭ ވެރިފަރާތްތައް ވަނީ ޖޫރިމަނާކޮށްފައެވެ. އަދި ބާކީ ހުރި މައްސަލަތައް ބެލުމުގެ މަސައްކަތް ވެސް ދަނީ ކުރިއަށެވެ.
އެފްޑީސީން ހާމަކުރި ގޮތުގައި މިދިޔަ މަހުގެ 21 ވަނަ ދުވަހާ ހަމައަށް ޖުމްލަ 49 މައްސަލައެއް ހުށަހަޅާފައިވެއެވެ. އޭގެ ތެރޭގައި ގަވާއިދާ ޚިލާފަށް ކުނި އެޅުމުގެ 3 މައްސަލައެއް ހިމެނޭއިރު، އޭގެ ތެރެއިން 2 މައްސަލައެއްގައި ހިމެނޭ ފަރާތްތައް ވަނީ ޖޫރިމަނާކޮށްފައެވެ. އަދި އެންގުންތަކަށް ޢަމަލުނުކުރުމުގެ 2 މައްސަލައަކާއި، އަޑުގަދަވުމުގެ ޝަކުވާއާ ގުޅޭ 2 މައްސަލައެއްވެސް ވަނީ ބަލާފައެވެ.
އެ ކުންފުނިން ތަރައްގީކޮށްފައިވާ 4000 ހައުސިންގ ޔުނިޓުގެ ތެރެއިން މަހުން މަހަށް ގަވާއިދުން ކުލި ދައްކަމުންދަނީ 3،362 ޔުނިޓުންނެވެ. އަދި ގަވާއިދުން ކުލި ނުދައްކާ 564 ޔުނިޓު ހުރިކަން އެފްޑީސީން ވަނީ ފާހަގަކޮށްފައެވެ.
އަމާން އުދަރެސް އަދި އަމާން ދޯދި ފްލެޓުތަކާ ގުޅިގެން ހުށަހެޅޭ ޝަކުވާތަކާއި އުސޫލުތަކާ ޚިލާފުވާ މައްސަލަތައް އެފްޑީސީން އަންނަނީ ވަރަށް ގާތުން ބަލަމުންނެވެ.




