ހުޅުމާލޭގެ މަގުތަކުގައި ހިނގާބިނގާވެ އުޅޭ މީހުންނަށް ޚާއްސަކޮށްފައިވާ ދުވާރުތަކުގައާއި، އާންމު ދަތުރުފަތުރަށް ދަތިވާގޮތަށް އުޅަނދު ޕާކުނުކުރުމަށް ފުލުހުން އިލްތިމާސްކޮށްފިއެވެ.
ފުލުހުން ބުނީ، ހުޅުމާލޭގެ ދުވާރުތަކުގައާއި އާންމު ދަތުރުފަތުރަށް ދަތިވާގޮތަށް އުޅަނދުތައް ޕާކުކުރުން އިތުރުވަމުންދާކަން އެ ޚިދުމަތަށް ފާހަގަކުރެވިފައިވާ ކަމަށެވެ. އަދި މިގޮތަށް އުޅަނދު ޕާކުކުރުމަކީ ނުރައްކާތެރި އެކްސިޑެންޓްތައް ހިނގަން މެދުވެރިވާ ކަމެއް ކަމަށްވެސް ފުލުހުން ފާހަގަކުރައްވައެވެ.
އެހެންކަމުން، އާންމު ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމުގެ ގޮތުންނާއި، މަގުމަތީގެ އަމާންކަން ދެމެހެއްޓުމަށްޓަކައި އެފަދަ ސަރަހައްދުތަކުގައި އުޅަނދު ޕާކުނުކުރުމަށް ފުލުހުން ވަނީ އެންމެހައި ފަރާތްތަކަށް އިލްތިމާސްކޮށްފައެވެ.
މީގެއިތުރުން، އާންމު ދަތުރުފަތުރަށާއި ހިނގާބިނގާވެ އުޅޭ ފަރާތްތަކަށް ދަތިވާގޮތަށް ޤަވާއިދާ ޚިލާފަށް ޕާކުކޮށްފައި ހުންނަ އުޅަނދުތަކާމެދު ފިޔަވަޅު އަޅަމުން ގެންދާނެ ކަމަށްވެސް ފުލުހުން ބުނެފައިވެއެވެ.



