ސަރުކާރުގެ ވުޒާރާތަކުން ކުރަމުން އަންނަ މަސައްކަތްތަކާ ބެހޭ މަޢުލޫމާތު އާންމުންނާ ހިއްސާކުރުމަށް ބާއްވާ ”އަހާ“ ސިލްސިލާ ފޯރަމްގެ 8 ވަނަ ފޯރަމް އަންނަ އާދިއްތަ ދުވަހުގެ ރޭ ބޭއްވުމަށް ހަމަޖެހިއްޖެއެވެ.
މި ފޯރަމަކީ ސަރުކާރުގެ އެކި ވުޒާރާތަކާއި އިދާރާތަކުގެ މަސައްކަތްތައް ވީހާވެސް ތަފްޞީލުކޮށް އާންމުންނާ ހަމައަށް ގެނެސްދިނުމުގެ މަޤްޞަދުގައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހާއި ދައުލަތުގެ މީޑިއާ ޕަބްލިކް ސަރވިސް މީޑިއާ (ޕީއެސްއެމް) ގުޅިގެން ކުރިއަށްގެންދާ ފޯރަމެކެވެ.
އާދިއްތަ ދުވަހުގެ ރޭ 21:00 ގައި ބޭއްވުމަށް ހަމަޖެހިފައިވާ މި ފޯރަމަކީ ވުޒާރާތަކުގެ މަސައްކަތްތަކާ ގުޅޭގޮތުން އެކަމުގެ މަސްއޫލުވެރި އެންމެ އިސް ފަރާތްތަކާ ސީދާ ސުވާލުކޮށް، ރައްޔިތުންގެ ހުރި ޝަކުވާތަކާއި ކަންބޮޑުވުންތަކަށް ޖަވާބު ހޯދުމަށް ސަރުކާރުން ހުޅުވާލާފައިވާ މުހިންމު ފުރުޞަތެކެވެ. ދެ ގަޑިއިރަށް ކުރިއަށްގެންދާ މި ފޯރަމުގައި ބައިވެރިވެ ވަޒީރުންނާ ސުވާލުކުރުމުގެ ފުރުޞަތު މިހާރު ވަނީ އާންމުންނަށް ހުޅުވާލާފައެވެ.
8 ވަނަ ”އަހާ“ ފޯރަމުގައި މަޢުލޫމާތު ދެއްވައި ސުވާލުތަކަށް ޖަވާބު ދެއްވުމަށް ހަމަޖެހިފައިވާ ބޭފުޅުންނަކީ:
- އިޤުތިޞާދީ ތަރައްޤީއާއި ދަތުރުފަތުރާ ވިޔަފާރިއާ ބެހޭ ވަޒީރު މުޙައްމަދު ސަޢީދު
- ދިފާޢީ އަދި ވަތަނީ ޚިދުމަތާ ބެހޭ ވަޒީރު ޙަސަން ރަޝީދު
- ބަންޑާރަނައިބު އަލްއުސްތާޛު އަޙްމަދު އުޝާމް
މި ފޯރަމުގައި ބައިވެރިވުމަށްޓަކައި ފޯރަމް ކުރިއަށްދާ ތަނަށް ހާޒިރުވެ ސުވާލު ކުރުމުގެ ފުރުޞަތު އޮންނާނެއެވެ. މީގެ އިތުރުން ފޯރަމް ކުރިއަށްދާ ވަގުތު، ފޭސްބުކް، އެކްސް އަދި ޕީއެސްއެމް އެއަރ އެޕްލިކޭޝަން މެދުވެރިކޮށްވެސް ވަޒީރުންނާ ސުވާލު ކުރެވޭނެ އިންތިޒާމު ވަނީ ހަމަޖައްސާފައެވެ.
2024 ވަނަ އަހަރުގެ ޖެނުވަރީ މަހުން ފެށިގެން ކުރިއަށްގެންދާ މި ސިލްސިލާ ފޯރަމްތަކުގެ އިތުރުން، ސަރުކާރުގެ މަސައްކަތްތަކުގެ މަޢުލޫމާތު ރައްޔިތުންނާ ވީހާވެސް ގާތުން ހިއްސާކުރުމަށް ގިނަ ޕްރޮގްރާމުތަކެއް އަންނަނީ ހިންގަމުންނެވެ.




