ދިވެހި ވަޠަނީ ޚިދުމަތުގެ ފަންނީ ތަމްރީނުގެ 2 ވަނަ ބެޗުގެ 73 ދަރިވަރަކު ތަމްރީނު ފުރިހަމަކޮށް މިއަދު ދަސްވެނިވެއްޖެއެވެ.
މިއީ ދިވެހި ވަތަނީ ޚިދުމަތުގެ ޕްރޮގްރާމްތަކުގެ ތެރެއިން ނޭޝަނަލް ސަރވިސް އިނީޝިއަލް ޓްރެއިނިން ފުރިހަމަކުރާ ދަރިވަރުންނަށް އަމާޒުކޮށްގެން ކުރިއަށްގެންދިޔަ ޕްރޮގްރާމެކެވެ.
މި އަހަރުގެ ޖޫން މަހުގެ 3 ވަނަ ދުވަހުން ފެށިގެން 16 ހަފްތާގެ މުއްދަތަށް ކުރިއަށްގެންދިޔަ މި ތަމްރީނުތަކުގައި ރާއްޖޭގެ 17 އަތޮޅަކުން ޖުމްލަ 75 ދަރިވަރުން ބައިވެރިވިއެވެ. އޭގެ ތެރެއިން ކާމިޔާބުކަމާއެކު ކޯސް ފުރިހަމަކުރި 73 ދަރިވަރުންގެ ތެރޭގައި ހިމެނެނީ 60 ފިރިހެން ދަރިވަރުންނާއި 13 އަންހެން ދަރިވަރުންނެވެ.
މި ޕްރޮގްރާމް ފުރިހަމަކުރި ދަރިވަރުންނަށް މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީ (އެމްކިއުއޭ) ޤަބޫލުކުރާ ލެވެލް 3 ގެ ސެޓިފިކެޓެއް ލިބިގެންދާނެއެވެ.
ސިފައިންގެ ތަޖުރިބާކާރު އިންސްޓްރަކްޓަރުން ކިޔަވައިދެއްވި މި ތަމްރީނުތަކުގެ ތެރޭގައި ސިނާއީ މުހިންމު އެކި ދާއިރާތަކުން ހުނަރު ދަސްކޮށްދީފައިވެއެވެ. އޭގެ ތެރޭގައި އޮޓޯ މޯބައިލް އިންޖިނިއަރިންގ، މެރިން އިންޖިނިއަރިންގ، އިލެކްޓްރީޝަން، ރެފްރިޖެރޭޝަން އެންޑް އެއަރ ކަންޑީޝަން، ވެލްޑިންގ، މެޓަލް ފެބްރިކޭޝަން އަދި އޮފީސް މެނޭޖުމަންޓްގެ ހުނަރުތައް ހިމެނެއެވެ.
ދިވެހި ވަޠަނީ ޚިދުމަތުގެ ފަންނީ ތަމްރީނުގެ ތެރެއިން ފާއިތުވި 9 މަސްދުވަހުގެ ތެރޭގައި ޖުމްލަ 136 ޒުވާނުން ވަނީ ދަސްވެނިވެފައެވެ. އަދި މި ތަމްރީނު ޕްރޮގްރާމުގެ 3 ވަނަ ބެޗުގެ ކިޔެވުން މި މަހުގެ 12 ވަނަ ދުވަހު ފެށުމަށް މިހާރު ވަނީ ތާވަލުކޮށްފައެވެ. މި ޕްރޮގްރާމުގެ ތެރެއަށް އިތުރު ފަންނީ ދާއިރާތައް ތަޢާރަފްކޮށް، ނޭޝަނަލް ސަރވިސްގެ އިންޓަރންޝިޕް ޕްރޮގްރާމްތައްވެސް ތަޢާރަފްކުރެވޭނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ ވިދާޅުވެފައެވެ.
ދިވެހި ވަޠަނީ ޚިދުމަތަކީ ދިވެހި ޒުވާނުންގެ މެދުގައި ޤައުމިއްޔަތުގެ ރޫޙާއި ފަޚުރު ދިރުވައި، އިސްލާމީ އަޚްލާޤާއި ޤައުމަށް ޚިދުމަތް ކުރުމުގެ ވިސްނުން އަށަގެންނެވުމަށް ރައީސުލްޖުމްހޫރިއްޔާ އިސްނަންގަވައިގެން ފެއްޓެވި ޕްރޮގްރާމެކެވެ.
މި ޕްރޮގްރާމުގެ ދަށުން މިހާތަނަށް 3 ބެޗަކުން 1000 އަށްވުރެ ގިނަ ދަރިވަރުން ވަނީ ތަމްރީނުތައް ފުރިހަމަކޮށްފައެވެ.


