ށ. މަރޮށީ ޞިއްޙީ މަރުކަޒުގައި ލެބޯޓަރީގެ ޚިދުމަތް ރަސްމީކޮށް ފަށައިފިއެވެ.
މަރޮށީގައި މި ޚިދުމަތް ފައްޓަވައިދެއްވީ އެކަމަށްޓަކައި ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައި، ހެލްތު މިނިސްޓަރު ޤީލާ ޢަލީއެވެ.
މި ރަސްމިއްޔާތުގައި ހެލްތު މިނިސްޓްރީ ޤީލާ ޢަލީގެ އިތުރުން މިނިސްޓްރީގެ އިސްވެރިންނާއި، މަރޮށީ ކައުންސިލްގެ އިސްވެރިން އަދި އެރަށު ޞިއްޙީ މަރުކަޒުގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.

ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން މިނިސްޓަރު ވިދާޅުވީ، އައު ލެބޯޓަރީއާއެކު ޞިއްޙީ ޚިދުމަތް 24 ގަޑިއިރަށް ބަދަލުވުމަކީ އެރަށަށް ލިބުނު ބޮޑު ކުރިއެރުމެއް ކަމަށާއި، ލެބޯޓަރީގެ ޚިދުމަތް ފެށުމުން ޓެސްޓުތައް ހެދުމަށް އެހެން ރަށްރަށަށް ދަތުރުކުރަން ޖެހުން ނިމުމަކަށް އަންނާނެ ކަމަށެވެ.
މަރޮށީގައި މީގެ ކުރިން ޞިއްޙީ މަރުކަޒުގެ ޚިދުމަތް ދެމުންއައީ 16 ގަޑިއިރަށެވެ. ނަމަވެސް އަލަށް ހުޅުވުނު ލެބޯޓަރީއާއެކު އެރަށުގެ ޞިއްޙީ މަރުކަޒުގެ ޚިދުމަތް މިހާރު ވަނީ 24 ގަޑިއިރަށް ބަދަލުކޮށްފައެވެ. ރަށުގައި ތިބެގެން ލޭ އެޅުމުގެ ޚިދުމަތާއި އާންމު ބައެއް ޓެސްޓްތައް ހެދުމުގެ ފުރުޞަތު ލިބުމަކީ ރައްޔިތުންގެ ޖީބަށް ބޮޑު ލުޔެއް ލިބި، ދަތުރުފަތުރުގެ ތަކުލީފުތަކަށް ނިމުމެއް ގެނުވާނެ ކަމެކެވެ.

މިނިސްޓަރު ވިދާޅުވި ގޮތުގައި މި ލެބޯޓަރީގެ ސަބަބުން ހަކުރު ބައްޔާއި، ހިތުގެ ބައްޔާއި، ލޭ މައްޗަށް ދިއުމާއި، ކިޑްނީގެ މައްސަލަތައް ފަދަ އާންމު ބަލިތައް ދުރާލައި ދެނެގަތުމަށް މަގުފަހިވާނެއެވެ. އަދި މަދިރީގެ ޒަރިއްޔާއިން ފެތުރޭ ޑެންގޫ ފަދަ ބަލިތަކާ ގުޅުންހުރި ޓެސްޓުތަކާއި، މާބަނޑު މީހުން ގަވާއިދުން ހަދަންޖެހޭ ޓެސްޓުތައް ހެދުމަށްވެސް ފަސޭހަވެގެންދާނެއެވެ.
ރާއްޖޭގެ ހުރިހާ ރަށެއްގައި ލެބޯޓަރީގެ ޚިދުމަތް ޤާއިމުކުރުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ރިޔާސީ ވަޢުދެކެވެ. އެގޮތުން ލެބޯޓަރީ ޤާއިމުވެފައި ނުވާ 76 ރަށުގައި އެ ޚިދުމަތް ޤާއިމުކުރުމަށް ކުރިއަށްގެންދާ މަސައްކަތުގެ ދަށުން، މަރޮށީގައި މި ހުޅުވުނީ 19 ވަނަ ލެބޯޓަރީއެވެ.



