އައްޑޫ ސިޓީ އަދި ފުވައްމުލައް ސިޓީގެ ފެނާއި ނަރުދަމާގެ ޚިދުމަތް ދިނުމާ ގުޅޭ ހުރިހާ އިންފްރާސްޓްރަކްޗަރާއި ވަސީލަތްތައް ފެނަކަ ކޯޕަރޭޝަނުން މާލޭ ވޯޓާ އެންޑް ސްވަރޭޖް ކޮމްޕެނީ (އެމްޑަބްލިއުއެސްސީ) އަށް ބަދަލުކުރުމުގެ މަސައްކަތް ރަސްމީކޮށް ނިންމާލައިފިއެވެ.
މި މަރުހަލާ ނިންމައިލީ މި ބަދަލު ގެނައުމަށްޓަކައި ފެނަކަ އަދި އެމްޑަބްލިއުއެސްސީއާ ދެމެދު މިދިޔަ ހަފުތާގެ ތެރޭގައި އެއްބަސްވުމެއްގައި ސޮއިކުރުމަށް ފަހުގައެވެ.
މިކަމާ ގުޅޭގޮތުން އެމްޑަބްލިއުއެސްސީގެ މެނޭޖިންގ ޑިރެކްޓަރު ޙުސައިން ފަހުމީ އެކްސްގައި ހިއްސާކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، މިއީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ގެންގުޅުއްވާ ކޯޕަރޭޓް ދާއިރާ އިޞްލާޙުކުރުމުގެ ސިޔާސަތުގެ ދަށުން ކުރިއަށް ގެންދެވުނު މުހިންމު މަސައްކަތެއް ކަމަށެވެ.

އަދި ރާއްޖޭގެ އެންމެ ދެކުނުގެ ދެ ސިޓީގެ ފެނާއި ނަރުދަމާގެ ނިޒާމުތަކާ ގުޅޭ އެންމެހައި ވަސީލަތްތަކެއް މިހާރު ފެން ކުންފުންޏާ ރަސްމީކޮށް ހަވާލުކުރެވިފައިވާ ކަމަށްވެސް ފަހުމީ ފާހަގަކުރެއްވިއެވެ.
އެމްޑަބްލިއުއެސްސީން ބުނެފައިވަނީ، މި ނިޒާމުތައް އިތުރަށް ހަރުދަނާކޮށް، ދެ ސިޓީގެ ރައްޔިތުންނަށް މެދުކެނޑުމެއް ނެތި އިތުބާރު ހުރި އަދި ފެންވަރު ރަނގަޅު ޚިދުމަތެއް ކަށަވަރުކޮށްދިނުމަށް ގިނަ މަސައްކަތްތަކެއް ކުރެވެމުންދާ ކަމަށެވެ. އެގޮތުން، މިހާތަނަށް ހެދިފައިވާ ފަންނީ އެސެސްމަންޓްތަކަށް ބިނާކޮށް، ޚިދުމަތުގެ ފެންވަރު މަތިކުރުމަށާއި އޮޕަރޭޝަނަލް ހިންގުން ހަރުދަނާކުރުމުގެ ޢަމަލީ މަސައްކަތްތައް މިހާރުވެސް ބާރަށް ކުރިއަށްދާ ކަމަށް އެ ކުންފުނިން ބުނެއެވެ.

ރާއްޖޭގެ ރަށްރަށަށް ފެނާއި ނަރުދަމާގެ ޚިދުމަތް ދެމުން އައި ފެނަކަ ކޯޕަރޭޝަން އުވާލައި، ރާއްޖޭގެ ހުރިހާ ރަށެއްގެ ކަރަންޓުގެ ޚިދުމަތް ސްޓެލްކޯގެ ބެލުމުގެ ދަށަށް ބަދަލުކުރަން ރައީސުލްޖުމްހޫރިއްޔާ ވަނީ ނިންމަވާފައެވެ. އެއާއެކު، އަލަށް ހަވާލުވާ ރަށްރަށުގެ ހާލަތު ދެނެގަތުމަށް ސްޓެލްކޯއިން ސާވޭއެއްގެ މަސައްކަތް ދާދި ފަހުން ފަށާފައިވާއިރު، އައްޑޫ ސިޓީގެ ކަރަންޓުގެ ޚިދުމަތާވެސް އެ ކުންފުނިން ދާދިފަހުން ވަނީ ހަވާލުވެފައެވެ.


