މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް (އެމްސީއެސް) އާއި މޯލްޑިވްސް ރެޑްކްރެސެންޓް (އެމްއާރްސީ) އާ ދެމެދު ތަމްރީން ޕްރޮގްރާމްތައް ހިންގުމާ ގުޅޭގޮތުން އެއްބަސްވުމެއްގައި މިއަދު ސޮއިކޮށްފިއެވެ.
މި އެއްބަސްވުމުގައި ސޮއިކުރުމުގެ ރަސްމިއްޔާތު ބާއްވާފައިވަނީ މިއަދު ކަރެކްޝަންސްގެ އޮފީހުގައެވެ.
މި އެއްބަސްވުމުގެ ދަށުން މޯލްޑިވްސް ރެޑްކްރެސެންޓުގެ ޤާބިލިއްޔަތުކަން ތަންދޭ މިންވަރަކުން، އެ ޖަމްޢިއްޔާއިން ހިންގާ ތަމްރީން ޕްރޮގްރާމްތަކުގެ ތެރެއިން އެމްސީއެސްއިން އެދޭ ޕްރޮގްރާމްތައް ކުރިއަށްގެންދިއުމަށް ވަނީ ހަމަޖެހިފައެވެ. މި ޕްރޮގްރާމްތައް ޚާއްޞަކުރެވިފައިވަނީ ކަރެކްޝަންސްގެ އޮފިސަރުންނާއި މުވައްޒަފުންގެ އިތުރުން ޖަލުތަކުގައި ތިބި ޤައިދީންނަށެވެ.
މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްއިން ފާހަގަކުރެއްވި ގޮތުގައި، މި އެއްބަސްވުމުގެ ދަށުން ތަމްރީން ޕްރޮގްރާމްތައް ހިންގެން ފެށުމުން، އެ މުއައްސަސާގެ އޮފިސަރުންނާއި މުވައްޒަފުންގެ ފަންނީ ޤާބިލުކަން އިތުރުވެ، މަސައްކަތުގެ ފެންވަރު އިތުރަށް ތަރައްޤީވެގެންދާނެއެވެ.
މީގެއިތުރުން، ޤައިދީން އިޞްލާޙުކޮށް، އަލުން މުޖުތަމަޢަށް ބޭނުންތެރި، ހެޔޮލަފާ ބައެއްގެ ގޮތުގައި އަނބުރާ ރުޖޫޢަކުރުމަށްޓަކައި އެ މުއައްސަސާއިން ކުރަމުންދާ މަސައްކަތްތަކަށް މި އެއްބަސްވުމުގެ ސަބަބުން އިތުރު ކުރިއެރުމެއް ލިބިގެންދާނެ ކަމަށްވެސް ކަރެކްޝަންސް އިން ވަނީ ހާމަކޮށްފައެވެ.



