މާލޭގައި ބަނގުރާ އުފައްދައި ވިއްކައި ވިޔަފާރިކުރަމުން ދިޔަ ދެމީހުން ހައްޔަރުކޮށްފިއެވެ.
ފުލުހުން ބުނީ، އެ ދެމީހުން ހައްޔަރުކޮށްފައިވަނީ ގަވާއިދާ ހިލާފަށް ބަނގުރާ ގެންގުޅެ، ވިއްކައި ވިޔަފާރިކުރާ ކަމަށް ތުހުމަތުކުރެވޭ މައްސަލައާ ގުޅިގެން ކަމަށެވެ.
މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައި ވަނީ ޕްރަވީން ސެންތިލްކުމާރް (30އ) އާއި, ކަންނަން އިރުލައްޕަން (23އ) އެވެ. މި ދެމީހުންނަކީ ވެސް އިންޑިއާ މީހުންނެވެ.
ފުލުހުން ބުނިގޮތުގައި، މި އޮކްޓޫބަރު މަހުގެ 3ވަނަ ދުވަހު ޑްރަގް އެންފޯސްމަންޓާއި ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސް ގުޅިގެން ހިންގި އޮޕަރޭޝަންގައި، މާލޭ މަގުމަތިން އެ މީހުން ހުއްޓުވައި، އެ މީހުން ދުއްވި ސައިކަލާއި މާލޭގެ ގެއެއް ބަލައި ފާސްކޮށްފައިވެއެވެ. އެ ބަލައިފާސްކުރުމުގެ ތެރެއިން، ބަނގުރާކަމަށް ބެލެވޭ އެއްޗެއްހުރި 500 އެމްއެލްގެ 906 ފުޅިއާއި، ބަނގުރާކަމަށް ބެލެވޭ އެއްޗެއްހުރި 16 ޓައްޕު އަދި ގިނަ އަދަދެއްގެ ފައިސާ ފެނިފައިވެއެވެ. މި މައްސަލައާ ގުޅިގެން، އެ މީހުން ދުއްވި ސައިކަލު ވަނީ ޓޯކޮށްފައެވެ.
މި މައްސަލައިގެ އިޖުރާއަތްތައް ފުރިހަމަކުރުމަށް ފަހު ދެ މީހުން ވެސް މިހާރު ވަނީ އިމިގްރޭޝަން ގާނޫނުގެ ދަށުން ފިޔަވަޅުއެޅުމަށް މޯލްޑިވްސް އިމިގްރޭޝަނާ ހަވާލުކޮށްފައި ކަމަށް ފުލުހުން ބުނެފައިވެއެވެ.
މި މައްސަލަ ފުލުހުން ދަނީ ތަހުގީގުކުރަމުންނެވެ.


