ތިލަފުށީގައި ހުންނަ ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން (ވެމްކޯ) ގެ ފެސިލިޓީއިން ޚިދުމަތް ދޭނީ، ކަނޑައެޅިފައިވާ މިންގަނޑާ އެއްގޮތަށް ކުނި ގިންތިކޮށް ވަކިކޮށްގެން އަންނަ ދޯނިފަހަރަށް އެކަނި ކަމަށް އެ ކުންފުނިން ހާމަކޮށްފިއެވެ.
ވެމްކޯއިން މިކަން ހާމަކޮށް ބަޔާނެއް ނެރެފައިވަނީ، އެއްވެސް ތަރުތީބެއް ނެތި ކުނި އެއްކޮށްގެން ތިލަފުއްޓަށް އުކާލުމަށް ގެންދާ މައްސަލައާ ގުޅިގެންނެވެ.
ވެމްކޯއިން ބުނީ، ތިލަފުށީ ރީޖަނަލް ވޭސްޓް މެނޭޖްމަންޓް ފެސިލިޓީއަށް ކުނި ގެނައުމާއި، ޚިދުމަތް ދިނުމުގެ އުސޫލުގައި ކުނި ވަކިކުރުމަށް ކަނޑައަޅާފައިވީނަމަވެސް، ދޯނިފަހަރުގައި ގެންނަ ގިނަ ކުނި ވަކިނުކޮށް އެއްކޮށްފައި ހުންނަކަން ފާހަގަވަމުންދާ ކަމަށެވެ. މީގެ ސަބަބުން ރައްކާތެރިކަމާއެކު ކުނި ނައްތާލުމުގެ މަސައްކަތަށް ބޮޑެތި ހުރަސްތަކަކާއި ގޮންޖެހުންތަކެއް ކުރިމަތިވަމުންދާ ކަމަށް އެ ކުންފުނިން ފާހަގަކުރެއެވެ.
ތިލަފުށި ފެސިލިޓީއަށް ގެނެވޭ ކުނި ގިންތިކޮށް ވަކިކޮށްފައި ހުންނަންވާނީ ގަސްކުނި، ބަދިގެކުނި، ޕްލާސްޓިކް، ދަގަނޑު، ލަކުނޑި، ބިއްލޫރި އަދި އެހެނިހެން ބާވަތުގެ ކުނި ވަކިކޮށްގެން ކަމަށް ވެމްކޯއިން ބުނެއެވެ. މީގެއިތުރުން ކުނި ބަރުކުރުމުގައި ޖަމްބޯ ބޭގު ނުވަތަ ކާގޯ ނެޓު ބޭނުންކުރުމަށް ޚާއްސަ ސަމާލުކަމެއް ދިނުމަށްވެސް ވަނީ އިލްތިމާސްކޮށްފައެވެ. މިގޮތަށް ޢަމަލުކުރުމުން ދޯނިން ކުނި ބޭލުމަށް ހޭދަވާ ވަގުތު ކުޑަވެ، ޚިދުމަތް ދޭ ފަރާތަށާއި ލިބިގަންނަ ފަރާތަށް ފަސޭހަވުމުގެ އިތުރުން، މޫދަށް ކުނި އެޅުން ފަދަ ތިމާވެއްޓަށް ގެއްލުންވާ ކަންކަމުން ރައްކާތެރިވެވޭނެއެވެ.

ވެމްކޯއިން އިތުރަށް ބުނީ، ކަނޑައެޅިފައިވާ އުސޫލާ ޚިލާފަށް ތިލަފުށި ސެންޓަރަށް ކުނި ގެންނަ ފަރާތްތަކަށް ޚިދުމަތް ނުދެވޭނެ ކަމަށެވެ. އަދި އުސޫލާ އެއްގޮތަށް ޢަމަލުނުކުރާ އުޅަނދުފަހަރު އަނބުރާ ފޮނުވާލުމަށްފަހު، އެކަމުގެ ސަބަބު ބަޔާންކޮށް އުޅަނދުގެ މަޢުލޫމާތު ކަމާބެހޭ މުއައްސަސާތަކާ ޙިއްސާކުރާނެ ކަމަށްވެސް އެ ކުންފުނިން ވަނީ ހާމަކޮށްފައެވެ.
އެހެންކަމުން ކަނޑައަޅާފައިވާ ޤަވާއިދާ އެއްގޮތަށް ވެމްކޯގެ އިރުޝާދުތަކަށް ފުރިހަމައަށް ޢަމަލުކުރުމަށް އެންމެހައި ފަރާތްތަކަށް ވަނީ އިލްތިމާސްކޮށްފައެވެ.



