އިންޑިއާގެ މަޝްހޫރު ”ޗައިތަންޔާ އައި ހޮސްޕިޓަލް“ގެ ލޮލުގެ ޚާއްސަ ދެ ޑޮކްޓަރުން މި މަހު ރާއްޖޭގެ އައިކެއާގައި ބަލިމީހުން ބައްލަވާ ގޮތަށް ހަމަޖެހިފައިވާ ކަމަށް އައިކެއާއިން ހާމަކޮށްފިއެވެ.
އައިކެއާ ހޮސްޕިޓަލުން މައުލޫމާތު ދޭ ގޮތުގައި، މި ދެ ޑޮކްޓަރުން ބަލިމީހުން ބެއްލެވުމަށް ހަމަޖެހިފައިވަނީ މި މަހުގެ 11 އިން 15 ގެ ނިޔަލަށެވެ.
މި މުއްދަތުގައި ކޮންމެ ދުވަހެއްގެ ވެސް ހެނދުނު 9:00 އިން ހަވީރު 6:00 އަށް އޯކިޑު މަގުގައި ހުންނަ އައިކެއާ ހޮސްޕިޓަލުން ޑޮކްޓަރަށް ދެއްކުމުގެ ޚިދުމަތް ލިބެމުންދާނެއެވެ.
މި ދަތުރުގައި ބަލިމީހުން ބެއްލެވުމަށް ހަމަޖެހިފައިވަނީ ޗައިތަންޔާ ހޮސްޕިޓަލުގެ ސީނިއަރ ކޮންސަލްޓެންޓް އަދި ވިޓްރިއޯރެޓިނަލް ސާޖަން ޑރ. މަނޯޖު އާއި ކެޓަރެކްޓް، ގްލޮކޯމާ އަދި ފެކޯ ސާޖަރީގެ ޚާއްސަ ޑޮކްޓަރެއް ކަމަށްވާ ޑރ. ހަރިކްރިޝްނަން ސީޕީއެވެ. މި ދެ ޑޮކްޓަރުންނަށް ދައްކާ ފަރާތްތަކަށް އާސަންދަ އަދި އެހެނިހެން އިންޝުއަރެންސްގެ ޚިދުމަތް ލިބޭނެ ކަމަށް ވެސް އައިކެއާއިން ބުނެއެވެ.
މި ދަތުރު މައިގަނޑު ގޮތެއްގައި ޚާއްސަކޮށްފައިވަނީ ލޯ ޗެކްކުރުމަށާއި ކޮންސަލްޓޭޝަނަށެވެ. އެއަށްފަހު އިތުރު ފަރުވާ ނުވަތަ އޮޕަރޭޝަން ބޭނުންވާ ފަރާތްތައް ދެނެގަނެ، އެކަމަށް ބޭނުންވާ ވަސީލަތްތަކަށް ބެލުމަށްފަހު ކުރިއަށް އޮތްތަނުގައި އައިކެއާ ހޮސްޕިޓަލުގައި އެފަދަ ފަރުވާތަކާއި ސާޖަރީތައް ހެދޭނެ އިންތިޒާމު ހަމަޖައްސާނެ ކަމަށް ވެސް އެ ހޮސްޕިޓަލުން ވަނީ ފާހަގަކޮށްފައެވެ.
ޑޮކްޓަރަށް ދެއްކުމަށް މިހާރު ވަނީ އެޕޮއިންޓްމަންޓް ހެއްދުމުގެ ފުރުސަތު ހުޅުވާލާފައެވެ. އެގޮތުން 3321026 އަށް ގުޅައިގެންނާއި، 7201026 އަށް ވައިބަރ ނުވަތަ ވަޓްސްއަޕް މެދުވެރިކޮށް، އަދި އައިކެއާގެ ވެބްސައިޓް މެދުވެރިކޮށް ވެސް ނަން ނޯޓު ކުރެވޭނެއެވެ.
ޑޮކްޓަރަށް ދައްކަން ދާއިރު ކުރީގެ މެޑިކަލް ރިޕޯޓުތަކާއި، ބޭސްސިޓީ އަދި ލޮލުގެ ޓެސްޓުތަކުގެ ނަތީޖާ ގެންދިއުމަށް އައިކެއާއިން އިލްތިމާސްކުރެއެވެ.



