ފަތުރުވެރިކަމުގެ ސިނާޢަތުގައި ހުރި ކަންބޮޑުވުންތައް ދެނެގަތުމަށާއި ސިނާޢަތުގެ ކުރިއެރުމަށް މަޝްވަރާކުރުމުގެ ގޮތުން ސަރުކާރުގެ ވަޒީރުންނާއި ފަތުރުވެރިކަމުގެ ސިނާޢަތުގެ އިސްފަރާތްތަކާ ދެމެދު މުހިންމު ބައްދަލުވުމެއް ބާއްވައިފިއެވެ.
ފަތުރުވެރިކަމާ ބެހޭ ވުޒާރާގައި ބޭއްވެވި މި ބައްދަލުވުމުގައި ސަރުކާރުގެ ކަމާގުޅުންހުރި ދާއިރާތަކުގެ ހަތަރު ވަޒީރަކު ބައިވެރިވެވަޑައިގެންނެވިއެވެ.
މި ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި ވަޒީރުންނަކީ ފަތުރުވެރިކަމާއި މަދަނީ އުދުހުންތަކާ ބެހޭ ވަޒީރު މުޙައްމަދު އަމީން، މާލީ ކަންކަމާއި ސަރުކާރުގެ ކުންފުނިތަކާ ބެހޭ ވަޒީރު ޙަސަން ޒަރީރު، އިޤްތިޞާދީ ތަރައްޤީއާއި ދަތުރުފަތުރާއި ވިޔަފާރިއާ ބެހޭ ވަޒީރު މުޙައްމަދު ސަޢީދު އަދި ބަންޑާރަ ނައިބު އަލްއުސްތާޛް އަޙުމަދު އުޝާމްއެވެ. މީގެ އިތުރުން ކޮމިޝަނަރ ޖެނެރަލް އޮފް ޓެކްސޭޝަން ފާތިމަތު އަމީޒާ ވެސް މި ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވިއެވެ.
ފަތުރުވެރިކަމާ ބެހޭ ވުޒާރާއިން ވިދާޅުވީ، މިއީ ސަރުކާރާއި މި ސިނާޢަތާ ދެމެދު ސިލްސިލާކޮށް ކުރިއަށް ގެންދާ މަޝްވަރާތަކުގެ ބައެއް ކަމަށެވެ. މިގޮތުން ރާއްޖެއަށް ފަތުރުވެރިން އަންނަ މިންވަރު އިތުރުކުރުމާއި، 2027 ވަނަ އަހަރަށް ކަނޑައަޅާފައިވާ ލަނޑުދަނޑިތައް ޙާޞިލުކުރުމުގެ އިތުރުން، މިހާރު ފަތުރުވެރިކަމުގެ ދާއިރާއަށް ދިމާވެފައިވާ ގޮންޖެހުންތަކާ ގުޅޭގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާކުރެވުނު ކަމަށް އެ ވުޒާރާއިން ހާމަކުރެއެވެ. އަދި ކުރިއަށް އޮތްތަނުގައި މަސައްކަތްކުރާނެ އަމާޒުތަކަށް އެއްބަސްވެވުނު ކަމަށާއި، ސަރުކާރުން އަބަދުވެސް ދެމިއޮންނާނީ ފަތުރުވެރިކަމުގެ ސިނާޢަތާއެކު ކަމުގެ ޔަޤީންކަން ވެސް އެވުޒާރާއިން ވަނީ ދެއްވާފައެވެ.
ސަރުކާރުން ފަތުރުވެރިކަމުގެ ސިނާޢަތުގެ އިސްފަރާތްތަކާއެކު މިފަދަ މަޝްވަރާތަކެއް ފަށާފައި މިވަނީ، މުދަލާއި ޚިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ޤާނޫނަށް ދާދިފަހުން ގެނައި އިސްލާޙު މުރާޖަޢާ ކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ނިންމަވާފައިވާ ދަނޑިވަޅެއްގައެވެ. މި އިސްލާޙު މުރާޖަޢާ ކުރަން ރައީސުލްޖުމްހޫރިއްޔާ ނިންމެވީ ފަތުރުވެރިކަމުގެ ދާއިރާގެ އެކި ފަރާތްތަކުން އެމަނިކުފާނުގެ އަރިހަށް ހުށަހެޅުއްވި ކަންބޮޑުވުންތަކަށް ރިޢާޔަތް ކުރެއްވުމަށްފަހުއެވެ.
ނަމަވެސް، ޤާނޫނު އިސްލާޙު ކުރާއިރު ގެންނާނެ ބަދަލުތަކުގެ ތަފްޞީލު ސަރުކާރުން އަދި ހާމައެއް ނުކުރައްވައެވެ.




