ވޭތުވެދިޔަ ހަފުތާގެ ތެރޭގައި މާލެ ސަރަހައްދުން ހިމަބިހި (މީސަލްސް) ޖެހިގެން ރިޕޯޓްކުރި މިންވަރު ދަށަށް ގޮސްފައިވާ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ހާމަކޮށްފިއެވެ.
އެޗްޕީއޭގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި ވޭތުވެދިޔަ ހަފުތާގައި މާލެ ސަރަހައްދުން ފެނިފައިވަނީ ހިމަބިހީގެ 2 ކޭސް އެވެ. މިއާއެކު މި އަހަރުގެ މިހާތަނަށް މުޅި ރާއްޖެއިން ހިމަބިހި ޖެހިގެން ރިޕޯޓްކުރި މީހުންގެ ޖުމްލަ އަދަދު މިހާރު ވަނީ 283 އަށް އަރާފައެވެ.
ހިމަބިހި ފެތުރުން ކޮންޓްރޯލް ކުރުމުގެ ގޮތުން އެޗްޕީއޭއިން ފަށާފައިވާ ހާއްސަ ވެކްސިން ޕްރޮގްރާމުގެ ދަށުން މިހާތަނަށް 16,503 މީހުންނަށް ވަނީ ވެކްސިން ދީފައެވެ. އެ އެޖެންސީން ވަނީ ހިމަބިހިން ރައްކާތެރިވުމަށް ޖަހާ ވެކްސިންގެ 2 ޑޯޒު ފުރިހަމަކޮށްފައިވާކަން ޔަގީންނުވާ ފަރާތްތަކުން، ކަނޑައެޅިފައިވާ މަރުކަޒުތަކަށް ގޮސް ވެކްސިން ފުރިހަމަކުރުމަށް އިލްތިމާސްކޮށްފައެވެ. މީގެއިތުރުން ބަލި ޖެހިފައިވާ މީހަކާ ބައްދަލުވެފައިވާކަން އެނގޭ ފަރާތްތަކުގެ ތެރެއިން ވެކްސިން ފުރިހަމަނުވާ މީހުން ލަސްނުކޮށް ވެކްސިން ޖެހުމަށް ވެސް އިރުޝާދު ދީފައިވެއެވެ.
އެޗްޕީއޭއިން އިތުރަށް އިލްތިމާސްކޮށްފައިވަނީ ހުންއައިސް ގައިގައި ރަތްބިހި ނަގައިފިނަމަ ލަސްނުކޮށް ސިއްހީ ފަރުވާ ހޯދުމަށެވެ. އަދި ހިމަބިއްސަށް ޝައްކުކުރެވިގެން ޓެސްޓު ހަދައިފިނަމަ ނަތީޖާ ލިބެންދެން ގޭގައި އެކަހެރިވެ ތިބުމަށާއި، ޑޮކްޓަރަށް ދައްކަން ދާއިރު މާސްކު އެޅުމަށް ވަނީ އަންގާފައެވެ.
މީގެއިތުރުން ބަލީގެ އެއްވެސް އަލާމާތެއް ހުރިނަމަ މީހުން އެއްވެ އުޅޭ ތަންތަނަށް ނުދިއުމަށް ވެސް އެ އެޖެންސީން ވަނީ ހަނދާންކޮށްދީފައެވެ.



