ރާއްޖޭގެ ޕެރޯލް ނިޒާމް އިތުރަށް ފުރިހަމަކުރުމަށްޓަކައި ޕެރޯލް ޤާނޫނަށް އިސްލާޙު ގެންނަން ނިންމާފައިވާކަމަށް ހޯމް މިނިސްޓަރު ޢަލީ އިޙްސާން ވިދާޅުވެއްޖެއެވެ.
މިނިސްޓަރު މިކަން ހާމަކުރެއްވީ މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައެވެ.
މިނިސްޓަރު ފާހަގަކުރެއްވި ގޮތުގައި، މިހާރު ޢަމަލުކުރަމުންދާ ދިވެހިރާއްޖޭގެ ޖަލުތަކާއި ޕެރޯލްގެ ޤާނޫނު އެކުލަވާލެވުނީ 2013ވަނަ އަހަރުގައެވެ. އެހެންނަމަވެސް އޭގެ ފަހުން މަސްތުވާތަކެއްޗާ ބެހޭ ޤާނޫނު ފަދަ މުހިންމު ޤާނޫނުތަކަށް ބަދަލުތަކެއް އައިސްފައިވާތީ، ޕެރޯލް ޤާނޫނު މިހާރަށް ވުރެ ފުރިހަމަކޮށް އިސްލާޙުކުރަންޖެހޭ ކަމަށާއި، އެ އިސްލާޙުތައް ގެނައުމުގެ މަސައްކަތް މިހާރު ވަނީ ފަށާފައެވެ.
ޚާއްޞަކޮށް ޑްރަގް ޓްރެފިކިންގެ ބޮޑެތި މައްސަލަތަކުގައި ހިމެނޭ މީހުން، ޕެރޯލްގެ ދަށުން ދޫވެގެން މުޖުތަމަޢަށް ނުކުތުމުގެ ފުރުޞަތު ނުދިނުމަށްޓަކައި އެ ޤާނޫނު އިސްލާޙުކޮށް، ޤާނޫނީ ނިޒާމް އިތުރަށް ވަރުގަދަކުރަންޖެހޭކަން މިނިސްޓަރު ފާހަގަކުރެއްވިއެވެ.
ދިވެހިރާއްޖޭގައި ޕެރޯލްގެ ކަންކަން ހިންގަނީ ޤާނޫނު ނަންބަރު 14/2013 (ދިވެހިރާއްޖޭގެ ޖަލުތަކާއި ޕެރޯލްގެ ޤާނޫނު) ގެ ދަށުންނެވެ. ޕެރޯލްއަކީ ޖަލުގައި ޙުކުމް ތަންފީޛުކުރަމުންދާ ގައިދީންގެ ތެރެއިން ޝަރުތު ހަމަވާ މީހުން، އިޞްލާޙުވެ އަލުން މުޖުތަމަޢަށް ނެރުމަށް މަގުފަހިކުރުމުގެ ގޮތުން، ޙުކުމުގެ ބާކީބައި ވަކި ޚާއްޞަ ޝަރުތުތަކަކާއެކު މުޖުތަމަޢުގައި ހުރެގެން ތަންފީޛުކުރުމަށް ދެވޭ ފުރުޞަތެކެވެ.
މި ޤާނޫނުގެ ދަށުން ގައިދީން ޕެރޯލްގައި ދޫކުރުމާއި، ޕެރޯލް ބާޠިލުކުރުމުގެ އެންމެހައި ނިންމުންތައް ނިންމަނީ އެކަމަށް އެކުލަވާލާފައިވާ ޕެރޯލް ބޯޑުންނެވެ. ޕެރޯލް ލިބުމުގެ ޝަރުތުތަކުގެ ތެރޭގައި، ޖަލުގައި ޙުކުމް ތަންފީޛުކުރަމުންދާއިރު އަޚުލާޤު ރަނގަޅު މީހަކަށްވުމާއި، ޤާނޫނުގައި ކަނޑައަޅާފައިވާ ވަކި މުއްދަތެއް ޖަލުގައި ހޭދަކޮށްފައިވުން ހިމެނެއެވެ.
އަދި ޕެރޯލްގައި ހުންނަ މުއްދަތުގައި ކަނޑައެޅޭ ޝަރުތަކާ ޚިލާފުވެއްޖެނަމަ ނުވަތަ އިތުރު ކުށެއް ކޮށްފިނަމަ، ޕެރޯލް ބާޠިލުކޮށް އަލުން ޖަލަށް ބަދަލުކުރެވޭނެކަމަށް ޤާނޫނުގައި ބަޔާންކޮށްފައިވެއެވެ.



