ބ. ދަރަވަންދޫގެ ފަރުތައް އާލާކުރުމަށް ހިންގާ ”ދިރުން ކޮމިއުނިޓީ ކޮރަލް ރީޖެނެރޭޝަން ޕްރޮގްރާމް“ އަށް އެހީތެރިވުމުގެ އެއްބަސްވުމެއްގައި ދިރާގާއި ސޮނޭވާ ސީއެސްއެމް އިން ވަނީ ސޮއިކޮށްފައެވެ.
ސޮނޭވާ ސީއެސްއެމްގެ ފަންނީ އެހީތެރިކަމާއެކު މި މަސައްކަތް ކުރިއަށްގެންދަނީ އެ ރަށުގެ މަދަނީ ޖަމްޢިއްޔާއެއް ކަމަށްވާ ”މުރަކަ ފާމް“ އާ ގުޅިގެންނެވެ.
މި ޕްރޮގްރާމުގެ ދަށުން 30 އާއި 50 އާ ދެމެދުގެ އަދަދަކަށް ނާސަރީ ސްޓްރަކްޗަރ ހިމެނޭ މުރަކަ ނާސަރީއެއް ޤާއިމުކުރުމަށް ވަނީ ހަމަޖެހިފައެވެ. މީގެއިތުރުން ޔުނެސްކޯ ބަޔޯސްފިއަރ ރިޒާވް އަދި ހަނިފަރު ބޭ ކައިރީގައި އޮންނަ ދަރަވަންދޫގެ ފަރުތައް ރައްކާތެރިކުރުމަށްޓަކައި، ދަރިވަރުންނާއި ވިޔަފާރިތަކާއި އާންމު ރައްޔިތުން އަދި ޚާއްސަކޮށް ޒުވާނުންނަށް ސައިންޓިފިކް އަލީގައި އަމަލީ ތަމްރީނާއި ހޭލުންތެރިކަން ފޯރުކޮށްދިނުމުގެ އިތުރުން މިއަހަރުގެ ފަހުކޮޅު ފެސްޓިވަލެއް ބޭއްވުމަށް ވަނީ ރޭވިފައެވެ.
ދިރާގާއި ސޮނޭވާ ސީއެސްއެމް އިން ފާހަގަކުރި ގޮތުގައި، މި މަސައްކަތުގެ މައިގަނޑު އަމާޒަކީ މުޖުތަމައު ބާރުވެރިކުރުވައި، ފަރުތައް ބެލެހެއްޓުމުގެ އިލްމާއި ހުނަރު ރައްޔިތުންގެ ތެރޭގައި އަށަގަންނުވައިގެން ދެމެހެއްޓެނިވި ގޮތެއްގައި ކަނޑުގެ ދިރުންތައް ހިމާޔަތްކުރުމެވެ.
އަދި މިއީ ރާއްޖޭގެ އެހެން ސަރަހައްދުތަކަށްވެސް ނަމޫނާއަކަށް ވެގެންދާނެ މަސައްކަތެއް ކަމަށް ދެ ފަރާތުންވެސް އުންމީދުކުރެއެވެ.



