ހަރުދަނާ ޝަޚުސިއްޔަތަކަށް މީހާ ވާނީ ޢިލްމާއި ހުނަރު ބޭނުންކުރާ ގޮތެއްގެ މައްޗަށް ބިނާކޮށް ކަމަށް ހެރިޓޭޖް މިނިސްޓަރު ހީނާ ވަލީދު ވިދާޅުވެއްޖެއެވެ.
މިނިސްޓަރު މިހެން ވިދާޅުވީ، ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ސްޓޫޑެންޓް ޔޫނިއަނުން އިންތިޒާމު ކޮށްގެން އައްޑޫ ސިޓީގައި ކުރިއަށްދާ އައްޑޫ ބޮޑުފަނޑިޔާރު ތަކުރުފާނުގެ ހަނދާނީ ވާދައިގެ ތައްޓަށް ބާއްވާ ވާހަކަ ދެއްކުމުގެ މުބާރާތާއި، އައްޝައިޚް ޙުސައިން ޝަރަފުއްދީނުގެ ހަނދާނީ ވާދައިގެ ތައްޓަށް ބާއްވާ ބަޙުސް މުބާރާތް ފެށުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ވާހަކަފުޅު ދައްކަވަމުންނެވެ.
މުބާރާތުގެ ބައިވެރިންނާ މުޚާޠަބުކުރައްވައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރު ހީނާ ވަލީދު ވިދާޅުވީ، މިފަދަ މުބާރާތްތަކުން ދަރިވަރުންގެ ކިބައިގައި އަށަގަންނުވައިދެނީ ޝަޚުސިއްޔަތެއްގައި ހުރުން ލާޒިމު ސިފަތަކެއް ކަމަށާއި، އަމިއްލަ ނަފުސުގެ ސާބިތުކަން ދަމަހައްޓަން ވެސް ދަސްކޮށްދޭ ކަމަށެވެ. އަދި ތެދުވެރިކަމުގެ މާތް ސިފައާއި، ސާފު ތެދު މަޢުލޫމާތާއި، ޢިލްމީ ބުރަދަން ހުރި ވާހަކަތަކަށް ލޯބިކުރުން ފަދަ ކަންކަން އަށަގަތުމުގެ ސަބަބުން، ޤައުމުގެ މުސްތަޤުބަލު އުޖާލާވެ ހަރުދަނާ ދިވެހި ދަރިންތަކެއް ބިނާވެގެންދާނެ ކަމަށް ވަޒީރު ފާހަގަކުރެއްވިއެވެ.
މީގެ އިތުރުން، މިއީ ހެދިބޮޑުވަމުން އަންނަ ޖީލުތަކުގެ މެދުގައި ހަރުދަނާ ޝަޚުސެއް ބިނާކުރުމަށް ހިންގޭ ތަރުބަވީ ހަރަކާތެއްކަން ފާހަގަކުރައްވައި މިނިސްޓަރު ވިދާޅުވީ، މިފަދަ މުބާރާތްތަކުން އިޙުތިރާމާއެކު ތަފާތު ޚިޔާލުތައް ބަދަލުކުރުމާއި، އަނެކާގެ ވާހަކަ ކަނުލައި އަޑުއެހުމުގެ އިތުރުން، އަޚުލާޤީ ހަމަތަކާއި އުސޫލުތަކުގެ ތެރެއިން މުޢާމަލާތް ކުރަން ދަސްވެގެންދާ ކަމަށެވެ. ބަދަލުވަމުންދާ ދުނިޔެއަކަށް ދަރިން ތަރުބިއްޔަތު ކުރާއިރު، އުފެއްދުންތެރި ޚިޔާލާއި ޢިލްމީ ވިސްނުންތަކުގެ އަލީގައި މުޢާމަލާތް ކުރުމުގެ ހުނަރު އަށަގެންނެވުމަށް ޚާއްޞަ ސަމާލުކަމެއް ދޭންޖެހޭ ކަމަށްވެސް ވިދާޅުވިއެވެ.
މިނިސްޓަރުވއިތުރަށް ފާހަގަކުރެއްވި ގޮތުގައި، ޒަމާނީ ޓެކްނޮލޮޖީއާއެކު ދިރިއުޅުމުގެ ވައްޓަފާޅިއަށް ބަދަލުތައް އައި ނަމަވެސް، ތަފާތުވުންތަކާ ކުރިމަތިލާން ދަސްކޮށްދިނުމަކީ މިއަދުގެ މުޖުތަމަޢަށް ނުހަނު ބޭނުންތެރި ކަމެކެވެ. އަދި ހަރުދަނާ ތަޢުލީމާއި ފަންނީ ހުނަރުތަކަކީ މުހިންމު އަސާސަކަށް ވިޔަސް، އަމިއްލަ ޚިޔާލު ފާޅުކުރުމުގެ ޤާބިލުކަން ނެތްނަމަ ލިބިފައިވާ ޢިލްމާއި ހުނަރު ފުރިހަމަ ނުވާނެ ކަމަށް ވަޒީރު ވިދާޅުވިއެވެ.
”މިހެންކަމުން ދަރިވަރުންގެ ޚިޔާލުތައް އަޑުއަހާ އީޖާދީ ވިސްނުންތަކާ މަޝްވަރާތަކަށް ހިތްވަރު ދެއްވަންޖެހޭ. ސަބަބަކީ، މިކަމުގެ ސަބަބުން ދަރިވަރުންގެ ކިބައިގައި ނަފުސުގެ އިޢުތިމާދު އަށަގަންނުވައިދޭކަން. މީގެ އިތުރަށް ބަދަލުވަމުންދާ މި ދުނިޔެއަށް އަޅުގަނޑުމެން އަޅުގަނޑުމެންގެ ދަރިން ތަރުބިއްޔަތު ކުރަންޖެހޭ. އެ ބަދަލުތަކުގައި އުމުރުގެ ބޮޑުބައި ހޭދަކުރާނީ އެ ކުދީން ކަމަށްވާތީ،“ މިނިސްޓަރު ވިދާޅުވިއެވެ.
މި މުބާރާތްތަކަކީ ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ދަރިވަރުންގެ ޔޫނިއަނާއި، އެ ޔުނިވަރސިޓީގެ ހިތަދޫ ކެމްޕަހާއި، ފަންނާއި ސަޤާފަތާއި ތަރިކައާ ބެހޭ ވުޒާރާއާއި، އައްޑޫ ސިޓީ ކައުންސިލު އަދި ދިވެހިބަހުގެ އެކެޑަމީ ގުޅިގެން ކުރިއަށްގެންދާ މުބާރާތެކެވެ.
މި މުބާރާތްތައް އަމާޒުކޮށްފައިވަނީ އައްޑޫ ސިޓީ އަދި ފުވައްމުލަކު ސިޓީގެ ސްކޫލުތަކަށާއި މުއައްސަސާތަކަށެވެ.



