ނަފްސާނީ ދުޅަހެޔޮކަމުގެ ސިޔާސަތަކާއި ނަފުސާނީ ދުޅަހެޔޮކަމުގެ ފުރިހަމަ ގާނޫނެއް އެކުލަވައިލުމަށް ސަރުކާރުން މަސައްކަތް ކުރަމުން އަންނަ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެއެވެ.
ދުނިޔޭގެ ނަފްސާނީ ދުޅަހެޔޮކަމުގެ ދުވަހާ ގުޅުވައި ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ރައީސް ވަނީ، ނަފުސާނީ އެހީތެރިކަން ބޭނުންވާ މީހުންގެ އަޑުތަކާއި ތަޖުރިބާތަކުގެ އަލީގައި ރައްޔިތުންގެ ބޭނުންތަކަށް ފެތޭނޭހެން އޯގާތެރިި، ފަސޭހައިން ޚިދުމަތް ލިބޭ، އަދި ހަމަހަމަ ނަފުސާނީ ސިއްހަތުގެ ނިޒާމެއް ބިނާކުރުމަށް ކުރާ މަސައްކަތްތައް އާ އަޒުމަކާއެކު ސަރުކާރުން ކުރަމުން އަންނަ ކަމަށް ވިދާޅުވެފައެެވެ.
އެ އަޒުމު ހަގީގަތަކަށް ހެދުމަށްޓަކައި ”ނަފުސާނީ ދުޅަހެޔޮކަމުގެ ސްޓްރެޓީޖިކް އެކްޝަން ޕްލޭން 2025–2029“ ގެ ދަށުން ކުރިއެރުންތައް ހޯދަމުން އަންނައިރު، ގައުމީ ނަފުސާނީ ސިއްހަތުގެ ސިޔާސަތަކާއި ފުރިހަމަ ނަފުސާނީ ސިއްހަތުގެ ގާނޫނެއް އެކުލަވައިލުން ހިމެނޭހެން، ސިޔާސަތުތަކާއި ގާނޫނީ އޮނިގަނޑަށް ގެންނަންޖެހޭ އިސްލާހުތަކުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ވެސް އެމަނިކުފާނު ވަނީ ވިދާޅުވެފައެވެ.
މީގެ އިތުރުން އެމަނިކުފާނު ވަނީ އާންމު ސިއްހީ ޚިދުމަތުގެ ތެރެއަށް ނަފުސާނީ ސިއްހަތުގެ ޚިދުމަތްތައް ލާމެހި، ސަރަހައްދީ ޚާއްސަ ޚިދުމަތްތައް ވަރުގަދަކޮށް، ޓެލެ-މެންޓަލް ހެލްތާއި ކުއްލި ހާލަތްތަކުގައި އެހީތެރިކަން ފޯރުކޮށްދޭ ނިޒާމުތައް ފުޅާކުރުމުގެ މަސައްކަތް ވެސް ކުރަމުން އަންނަ ކަމަށް ވިދާޅުވެފައެވެ.
މި ސަރުކާރުގެ އަމާޒަކީ ބަލިތަކުން ރައްކާތެރިވުމާއި ކުރިއާލައި ފަރުވާ ހޯދުމަށް އިސްކަންދީ، ފެންވަރު ރަނގަޅު ސިއްހީ ޚިދުމަތްތަކަކީ ފަސޭހައިން ލިބޭނެ ޚިދުމަތްތަކަކަށް ހެދުންކަމަށް އެ މަނިކުފާނު ވަނީ ވިދާޅުވެފައެވެ.




